ކިންގްސް ކެޕިޓަލްގެ އިސް ބޭފުޅުން، އަލްހާން ފަހުމީ (ވ) ޝަހުބާން ފަހުމީ (މ) އަދި ޝަޒުބާން ފަހުމީ ކްރިމިނަލް ކޯޓު ކައިރީގައި: މިހާރު ދައުވާއެއް ނެތް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކުށްކުރުން

ޕީޖީ އައްބާސް ވިދާޅުވާ ކަހަލަ: ބަދަލު ދީފިންތަ؟ އެހެންވިިއްޔާ ތިޔަ ކަން ނިމުނީ!

ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަލްހާން ފަހުމީ ހިމެނޭ ޓެކުމުގެ ދައުވާތައް އަނބުރާ ގެންދަވަން ޕޖީ އައްބާސް ޝަރީފް ދެއްކެވި އުޒުރުތައް ބެލެން ދެން އޮތީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް
4 ނޮވެމްބަރު 2025
4

އެ މަކަރުވެރިކަމުގައި ޖެހި ފައިސާ ގެއްލުނު މީހުންގެ އަޑެއް، ތެދެކެވެ! މިހާރު ނެތެވެ. އެކަމަކު ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ އާއިލީ ބައެއް މީހުންގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލްއިން ރާއްޖޭގައި އޭރު އެ ހިންގި މާލީ ބޮޑު ޓެކުމެކެވެ. އޮޅުވާލުމާއި މަކަރާއި ހީލަތް ހިމެނޭ ފޭރުމެއް ވެސް މެ އެވެ. ނަމަވެސް މިހާރު އެ ނުބައި އަމަލް އެ އޮތީ ކުށެއް ނެތް ކަމަކަށް ހަދައިފަ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އައްބާސް ޝަރީފަށް، ނުބައި މާނާގައި، 'ސާބަސް' ދޭން ޖެހޭވަރުގެ ކަމެެކެވެ. އަލްހާން އާއި އޭނާގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީއާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައި އޮތް 13 ދައުވާ އަނބުރާ ގެންދަވަން ޕީޖީ އައްބާސް ނިންމެވި ސަބަބަކީ މި އެވެ: އެ ދައުވާގައި ހިމެނޭ 13 މީހުންނަށް ގެއްލުމުގެ ބަދަލު، އަލްހާންމެންގެ ފަރާތުން ދިނުމެވެ.

ގައުމުގެ ކަންކަމާ މެދު ވިސްނާ މީހުން ބޯކަހަންވީ އެވެ. އެކަމަކު ހަގީގަތް ގަބޫލުކުރަމާ ހިނގާށެވެ. މިއީ ދިވެހިރާއްޖެ އެވެ. މި ރާއްޖޭގައި މިކަހަލަ ކިތައްމެ ކަމެއް ފެންނާނެ އެވެ. ނަމަވެސް މި މައްސަލައިގެ ސީރިއަސްކަމުން ހަމައެކަނި ވިސްނާލަން ހުރެވޭކަށް ނެތެވެ. ރައްޔިތުންނާ ހަމައަށް ކޮންމެވެސް ބަސްތަކެއް ތިލަކޮށްލަން މަޖުބޫރު އެބަ ވެ އެވެ.

ވަރަށް ކުރުކޮށް ފުރަތަމަ ބުނެލާނަމެވެ: އައްބާސް އަމަލްކުރައްވާފައި އެ އޮތީ، ޕީޖީއަށް ގާނޫނުއަސާސީން ކަނޑައަޅާފައިވާ "ހަމަހަމަކަމާއި ހާމަކަމާއި ޖަވާބުދާރީވުމުގެ މައްޗަށް" ބެއްލެވުމެއް ނެތި އެވެ.

އެ ނިންމެވުމުގައި ހަމަހަމަކަމެއް ނެތެވެ. ހާމަކަމެއް ނެތެވެ. އަދި އައްބާސްއަކީ ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން ޖަވާބުދާރީ ވުމެއް ވެސް ނެތްމެ އެވެ.

ކިންގްސް ކެޕިޓަލްއިން ހިންގާފައި ވަނީ، އާންމުންނަށް ހާމަވި ހިސާބުތަކަށް އެކަނި ބަލާ ނަމަވެސް، މިހާތަނަށް ރާއްޖޭގައި ޓެކުނު އެންމެ ބޮޑު ޓެކުމެވެ. (ދިވެހި ބަހުގެ ރަދީފުގައި ޓެކުން މާނަކުރަނީ 'ކެހިވެރި ގޮތުން މީހުންގެ އަތުން ފައިސާ ނުވަތަ ތަކެތި އަތުލުން' ގޮތަށެވެ.) އެ ކުންފުނީގެ މަކަރުވެރިކަމުގައި ޖެހުނު މީހުން ގާތްގަނޑަކަށް 100 ވަރަކަށް މިލިއަން ރުފިޔާ ހޭދަކުރި އެވެ. މިހާ ބޮޑު އޮޅުވާލުމަކާއި މަކަރުވެރިކަމެއް ކުރިއަށް ގެންދިޔަ ބަޔަކަށް އުފުލާފައި އޮތް ޖިނާއީ ދައުވާތައް އަނބުރާ ގެންދަވަން ޖެހޭ ސަބަބަކީ، ގެއްލުން ލިބުނު މީހުންގެ ތެރެއިން 13 މީހަކަށް ބަދަލު ދިނުން ކަމަށް ޕީޖީއަށް ވިސްނިވަޑައިގަންނަވާ ނަމަ، ޓެކުމަށް ވުރެ ވެސް ޕީޖީގެ އެ ވިސްނުމުގެ މައްސަލަ އަޅުގަނޑަށް މާ ބޮޑެވެ.

ޕީޖީ އައްބާސް ޝަރީފް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން: ދައުވާ އަނބުރާ ގެންދިއުމުގެ އިހުތިޔާރު އޮތަސް ސުވާލަކީ ކޮންމެ ކަހަލަ ދައުވާއަކަށް ވެސް އެހެން އަމަލްކުރެއްވިދާނެތޯ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގާނޫނުއަސާސީގައި މިނިވަން ޕީޖީއެއް ކަނޑައެޅީ ހާދަ ބޮޑެތި މަގުސަދުތަކަކަށްޓަކަ އެވެ. އެއީ ކުށްތަކުގައި ތުހުމަތުކުރާ މީހުންނާ މެދު ހަމަހަމަ އުސޫލުތަކުން ބަލައި، އެއްވެސް މީހެއްގެ ނުފޫޒެއްގެ ދަށުނުވެ، (އެއީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިޔަސްމެ އެވެ)، ދައުވާތައް އުފުލުމެވެ. އާއެނކެވެ. ދައުވާ ނުކޮށް ދޫކޮށްލެއްވުމާއި، ދައުވާތައް އަނބުރާ ގެންދެވުމުގެ އިހުތިޔާރު ވެސް ޕީޖީއަށް އެބަ އޮތެވެ. އެކަމަކު އެ އިހުތިޔާރަކީ ކޮންމެ ކަހަލަ މައްސަލައެއްގައި ބޭނުންކުރެއްވިދާނެ ފުރުސަތެއްތޯ، އެހާ ތިލަކޮށް ވިސްނަވާކަށް ނުވާނެ އެވެ. އެއީ އެއަށް ވުރެ މާ ޒިންދާރު ވިސްނެވުމަކާއި ޒިންމާދާރު ނިންމެވުމަކަށް ވެސް ވާން ޖެހޭނެ އެވެ.

ކިންގްސް ކެޕިޓަލްއިން ހިންގި އޮޅުވާލުމާއި ކެޓުމަކީ، ކުރިން ބުނި ގޮތަށް، ރާއްޖޭގެ ރެކޯޑެކެވެ. ހާއްސަކޮށް މާލީ މުއާމަލާތްތަކާ ގުޅޭ ޒަމާނީ އެކި އޮޅުވާލުންތައް އާންމުވަމުން ދާ އިރެއްގައި، އެފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތަކާ މެދު ދައުލަތުގެ ޒިންމާދާރު ބާރުތަކުން ހަނިކޮށް ވިސްނަން ފަށައިފި ނަމަ، އެ ދެވެނީ ވަރަށް ނުބައި މެސެޖެކެވެ. މަކަރުވެރިންގެ އަމަލްތައް ދިފާއުކުރެވެނީ އެވެ. ދިފާއުކޮށްދެނީ އެވެ. އެމީހުންނާ ހަމައަށް އިންސާފުގެ އަތް ނުފޯރާނެކަން ރައްޔިތުންނަށް އަންގައިދެނީ އެވެ. މި އޮތީ އަންގައިދީފަ އެވެ.

ޕީޖީ އައްބާސްގެ ހަމަހަމަކަން ނެތްކަމުގެ މިސާލެއް ނަގަމާ ހެއްޔެވެ؟ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު މިހާރު އެވަނީ ދެ މައްސަލައެއްގައި ނުވަ އަހަރަށް ޖަލަށް ލައިފަ އެވެ. އެއީ މަކަރުން އެކި މީހުންގެ އަތުން ފައިސާ ހޯއްދަވައިގެންނެއް ނޫނެވެ: އެފްއޭއެމްގެ 10،000 ޑޮލަރު (އެންމެ 10،000 ޑޮލަރެވެ.) ޖެހުމުގެ ކުށުގަ އެވެ. ހިޔާނާތެވެ. އޭގެ ފަހަތުން މަނީ ލޯންޑަރިންގެ ކުށެވެ.

އޭނާގެ މައްޗަށް އެހެން ދައުވާއެއް ވެސް އެބަ ކުރިއަށް ގެންދެ އެވެ. ފީފާއިން އެފްއޭއެމަށް ދިން ފައިސާގެ ތެރެއިން`1 މިލިއަން ޑޮލަރު ބޭނުންކުރައްވައިގެން ދެ ޕެންޓްހައުސްއެއް  ބައްލަވައިގެންނެވި މައްސަލަ އެވެ. 

ކިންގްސް ކެޕިޓަލްއިން އެތައް ސަތޭކަ ބަޔަކަށް މަކަރު ހަދައި 98 މިލިއަން ރުފިޔާ ހޯދުމާއި ބައްސާމްގެ، 10،000 ޑޮލަރާއި 1 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ތެރެއިން ބޮޑީ ކޮން ކަމެއްތޯ ސުވާލުކޮށްފި ނަމަ، އެންމެ އާދައިގެ މީހާ ވެސް ބުނުން ކައިރީ، ކިންގްސް ކެޕިޓަލްގެ ސްކޭމެވެ. އާއެނކެވެ. އެ ނަޒަރުން ބަލާއިރު ބައްސާމްގެ މައްސަލަ އެއްޗަކަށް ވެސް ނުވެ އެވެ.

ބައްސާމް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ: ދިގު މުއްދަތުގެ ޖަލު ހުކުމަކާ ކުރިމަތިވީ  10،000 ޑޮލަރުގެ މައްސަލައެއްގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެކަމަކު ކިންގްސް ކެޕިޓަލް އާއި ބައްސާމުގެ މައްސަލަތައް ވެސް އަނބުރާ ގެންދެވުމަކީ، ޒިންމާދާރު ޕީޖީއެއް ނަމަ، ކުރައްވާނެ ކަމެއް ނޫނެވެ. ކުރައްވައިގެން ވާނެ ކަމެއް ވެސް ނޫންމެ އެވެ. އެފަދަ ކުށްވެރިން އެހާ ފަސޭހައިން ސަލާމަތް ވާ ނަމަ، ނުވަތަ ސަލާމަތްކުރާ ނަމަ، މިނިވަން ޕީޖީއަކާއި މިނިވަން ޝަރުއީ ނިޒާމެއް އޮތުމުގެ ބޭނުމެއް ބުނެބަލާށެވެ. ބަޔަކަށް ބޮޑު މުސާރަތަަކެއް ދޭން ހެއްޔެވެ؟ ޒިންމާގެ ބޮޑުކަން ނުވިސްނޭ، ގޮތެއް ނެތް ވެރިންތަކެއް ރާއްޖޭގައި އުފެއްދުން ހެއްޔެވެ؟

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެތެރޭގައި ހުރި މައްސަލަތައް، ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިހާރު ވަނީ ބަލައިފަ އެވެ. އެ ކޮމިޓީގެ ރިޕޯޓަށް ބިނާކޮށް ރައީސް މުހައްމަދު މުއިއްޒު ކުއްލި ނިންމެވުމެއް ވެސް ނިންމަވައި، ކަސްޓަމްސްގެ އިސް ދެ ބޭފުޅަކު މަގާމުން ވެސް ވަކިކޮށްފި އެވެ.

ޕީޖީ އައްބާސް އަމަލް އެކުރައްވަނީ ރަނގަޅަށްތޯ ބަލާނީ ކޮން ބައެއް ހެއްޔެވެ؟ އަޅުގަނޑު އެ ޒިންމާ މި ހަވާލުކުރަނީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ އެވެ. ގައުމުގައި ހިންގާ ވައްކަމާއި ހިޔާނާތާއި ދައުލަތުގެ މުއައްސަސާތައް ކުރިއަށް ދަނީ ބަރާބަރަށްތޯ ބަލަން މަޖިލިހުން ކުރާ ހުރިހާ މަސައްކަތެއްގައި އެންމެ އިސްކޮށް ހުންނަވަނީ ނާޒިމް އެވެ. އެކަންކަން ހުއްޓުވަން ރައްޔިތުންގެ މަޖިލިހާއި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން އެންމެ ގިނައިން ވާހަކަ ވެސް ދައްކަވަނީ އޭނާ އެވެ. އެ ވާހަކަތަކަށް ވިސްނާ ނަމަ އެއްވެސް މީހެއްގެ 'މޫނަކަށް ކަނދުރާއަކަށް' ބައްލަވާ ހެން ވެސް ހިއެއްނުވެ އެވެ. އެހާމެ ގަޓު އެބަ ހުއްޓެވެ.

ކަސްޓަމްސް އާއި ސަރުކާރުގެ ކުންފުނިތަކުގެ އެތެރޭގައި ހުރި މައްސަލަތަކެކޭ އެއްގޮތަށް ޕީޖީގެ އަމަލްތައް ވެސް ރަނގަޅުތޯ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ނުވަތަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ވެސް ބެލިދާނެ އެވެ. އާންމުންގެ އަތުން ފޭރެން، ޓެކެން، މާލީ އެކި އުކުޅުތައް އިންތިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ގައުމުގެ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށް، އެއް ނަޒަރަކުން އަޅުގަނޑަށް ވިސްނެ އެވެ.

ޕީޖީން އަނބުރާ ގެންދާ ދައުވާތަކާއި ދައުވާ ނުއުފުލާ ދޫކޮށްލާ އެކަމަކު ވަރަށް ސީރިއަސް ތުހުމަތުތައް ހިމެނޭ މައްސަލަތަކާ މެދު ޕީޖީ އޮފީހުގެ ތެރޭގައި ނިންމާ ގޮތްތައް، ރައްޔިތުންގެ މަޖލިހަށް ހޯދޭނެ އެވެ. އެފަދަ ނިންމުންތަކާ ހަމައަށް ދަނީ ކިހާ ފުޅާކޮށް މަޝްވަރާކޮށްފައިތޯ އެވެ؟ ޕީޖީ ކަންކަން ނިންމަވަނީ އެ އޮފީހުގެ ކަމާ ބެހޭ ވަކީލުންގެ ހިޔާލު ހޯއްދަވައިގެންތޯ އެވެ؟ ނޫނީ ސީރިއަސް ދައުވާތަކުން ބައެއް މީހުން ބަރީއަކުރަނީ ހަމައެކަނި ޕީޖީގެ ހުދުމުހުތާރު ނިންމުންތަކެއްގެ ތެރެއިންތޯ އެވެ؟

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެކަންކަން ސާފުކުރަން، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، އަޅުގަނޑު ބޭނުންވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: ހިޔާނާތާއި ވައްކަމުގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ހުރި ބޮޑެތި މައްސަލަތައް ބައްލަވަން ޝައުގުވެރިކަން ގެންގުޅުއްވާ (ފޮޓޯ/މަޖިލިސް)

އެހެން ދިމާލަކަށް ޖެހިލާނަމެވެ. ޕީޖީ އައްބާސްގެ އަމަލްތައް ހުންނަ ގޮތުން ފުލުހުންގެ ތެރޭގައި ހިތްހަމަނުޖެހުން އުފެދޭނެ ކަމާ މެދު ޝައްކެއް ނެތެވެ. ތަހުގީގު ކުރަނީ ފުލުހުންނެވެ. އެތައް ވަގުތަކާއި އެތައް މަސައްކަތެކެވެ. ފުލުހުންގެ އެ މަސައްކަތުގެ އަގު ޕީޖީ ވަޒަންކުރެއްވުމަކީ ޝަރީއަތުގައި ގޮތެއް ނިންމުމާ ހަމައަށް މައްސަލަތައް ކުރިއަށް ގެންދިއުމެވެ.

ކިންގްސް ކެޕިޓަލްގެ ތިން ހިއްސާދާރުންގެ މައްސަލަ އަނބުރާ ގެންދަމުން ޕީޖީ އޮފީހުން ދެން ބުނި ވާހަކަ ހަމައެއް ނުޖެހެ އެވެ. އެ ޓެކުމުން ގެއްލުން ލިބުނު އިތުރު ބައެއްގެ ފަރާތުން ހުށައެޅި މައްސަލަތައް ފުލުހުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ. އެ ތަހުގީގުތައް ނިމި ހުށައެޅުމުން ދައުވާކުރުމުގެ ބައިތައް ކުރިއަށް ގެންދާނެ ވާހަކަ އެވެ.

ރައްޔިތުންނަށް އޮޅުވާނުލާށެވެ. ވާވައްދަން ނޫޅޭށެވެ. އެ ތަހުގީގުތައް ކުރިއަށް ގެންދިއުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

އައްބާސްގެ އަމަލާ ބެހޭ ގޮތުން އަޅުގަނޑާ ވާހަކަ ދެއްކެވި ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ:"އޭގެން ދެވޭ މެސެޖަކީ މީހުން އަތުން ވައްކަން ކޮށްގެން ލާރި ހޯދައިގެން ވިޔަފާރިކޮށްފައި، އެ ލާރި ދައުރުކޮށްފައި، ދައުވާކުރީމާ ފައިސާ ދައްކާލާށޭ. އޭރުން ނިމުނީއޭ."

ކަސްޓަމްސްގެ އޮފިސަރަކު އެހުރީ ވަގަށް އެތެރެކުރި އަދި ޑިއުޓީއަށް 122 މިލިއަން ރުފިޔާ ޖެހޭ ސިނގިރޭޓް ކޭސްތަކުގެ ކައިރީގައި: އެ ހުރިހާ ސިނގިރޭޓެއް ވަނީ ވަގަށް ނަގާފައި (ފޮޓޯ/ ކަސްޓަމްސް

މިއީ ރާއްޖެއަށް ވަގަށް އެތެރެކުރުމުން އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހިފަހައްޓާފައި ހުރި 40 ފޫޓުގެ ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ގެންދިއުމުގެ ތަހުގީގު ވެސް ކުރިއަށް ދާ ދަނޑިވަޅެކެވެ. އެތައް ބަޔަކު ބަންދުކޮށްފައި އެ ތިބީ ޝަރީއަތް ނިމެންދެންނެވެ. އޭގެ ތެރޭގައި ދެ ވިޔަފާރިވެރިން ކަމަށްވާ އަހުމަދު އާރިފް، މަޝްހޫރު ނަމުން ނަމަ އާއްޓޭ އާއި މުހައްމަދު ވަހީދު، މަޝްހޫރު ނަމުން ނަމަ ދިގަލި ވެސް ހިމެނެ އެވެ.

މި ވަގުތު ރައްޔިތުންގެ ތެރޭގައި އެ ވައްކަމުގެ ވާހަކަތައް ކިިތައްމެ ގިނަކޮށް ވެސް ދެއްކިދާނެ އެވެ. އެހެންކަމުން އޭގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާނެ އެވެ. އެކަމަކު ދައުވާ އުފުލާ ހިސާބަށް ހިނގައްޖެ ނަމަ، މުޅި މައްސަލައިގެ ދުވެލި ހުއްޓޭނީ އެވެ. އޭގެ ފަހުން ދެން ފެންނާނީ ކޮން ކަމެއް ހެއްޔެވެ؟

މުހައްމަދު ވަހީދާއި އަހުމަދު އާރިފް ވެސް އާންމުންގެ ތެރޭގައި އުޅޭ ތަނެވެ. ހެވިފަ އެވެ. ކުށް ސާބިތުނުވީކީ ނޫނެވެ. ސާބިތުކޮށްދޭން މަސައްކަތްނުކުރަނީ އެވެ. އެ ޒިންމާ ނުނަގަނީ އެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބައިތިއްބަން ކޯޓުން ކުރި އަމަރު ވެސް، އެންމެ ފަހުން ބާތިލްވާނެ އެވެ. ދައުވާތައް އަނބުރާ ގެންދިއުމުން ފަނޑިޔާރުންނަށް ބާރެއް ނޯންނާނެތާ އެވެ.

އަޅުގަނޑު ބަލަން މިހުރީ ޕީޖީ އައްބާސްގެ ނިންމެވުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވާނެ އެއްޗަކަށެވެ. އަޅުގަނޑަށް އުއްމީދެއް އޮތް ނަމަ އެ އުއްމީދު ގުޅިފައި މިހާރު މި އޮތީ ނާޒިމްއާ އެވެ.

ކޮމެންޓް (4)

އައިޖޭ

5 ނޮވެމްބަރު 2025
ޕީޖީގެ އިންސާފު މިއޮތީ ރައީށް މައުމ"ިން ވިދާޅުވާ ކުޑަ ކެކުރި ބޮޑުކެކުިރ އުސޫލުން... މިލިއަން ގެ ޓެކުމެއް ހަމ އޯކޭ ކޮށްލީއެއްނުމިއޮތް... ދެން މާދަމާ މިސިގިރެޓް ވައްކމުގެ ބޮޑުން ފްޜީ ވާނީ، ހޯވްކސް އިން ނެރުނުފަދަ ބަޔާނެއް ނެރެ، ކޮންމެސް 2 މުއައްޒަފެއްގެ ބޮލުގައި މިކަން އަޅުވާފަ
1 0

މަރުތެޔޮ

4 ނޮވެމްބަރު 2025
ޖިނާއީ ޢަދުލުގެ ނިޒާމުގައި ދަޢުވާކުރުމުގެ ޙައްޤު އެފަރާތަކަށް ނުދީ ސީދާ ޕީޖީ މެދުވެރިކޮށް އޮންނަނީ ޢާއްމު މަޞްލަޙަތު އޭގައި އެކުލެވޭތީ. ޢާއްމުކޮށް އެފަރާތެއް އަމިއްލައަށް ގެއްލުން ލިބުނަސް ދަޢުވާ ނުކޮށްފާނެ. އެހެންނަމަވެސް ދައުލަތުގެ ފަރާތުން އެކުރި ކުށަކީ ޢާއްމު މަޞްލަޙަތު ނަގާލާ ކުށެއް ކަމުން އެކަމަށް ޖިނާއީ އަދަބު ކަނޑައެޅުމަށް ދަޢުވާކުރެވޭނެ. ފައިސާ އަނބުރާ ދެއްކުމަކީ އޭނާ ކުށެއް ނުކުރާކަމުގެ ހެއްކެއް ނޫން. ޚުޞޫމަތު ނުނިމޭ. މިއީ ސީދާ ޕީޖީ ވަކިފަރާތަކަށް ބުރަވެފައިވާ ކަމުގެ ހެއްކެއް
9 0

އަސްލަށް

4 ނޮވެމްބަރު 2025
އައްބާސް ޝަރީފް އަކީ ވަރަށް ކޮރަޕްޓް މީހެއް ކަމަށް އެކި މީހުން ބުނޭ
11 0

ތެފައާސާ.

4 ނޮވެމްބަރު 2025
އަހަރެންނަށް އެނގޭ ކޭސްއެއް ވީމާ ބުނެލާނަން. އޮފީހެއްގެ މުވައްޒަފަކު، އޮފީހުގައި ސޭފެއް ނުހުންނާތީ 2 ލައްކައެއްހާ ރުފިޔާ ގެއަށް ގެންގޮސް އަލަމާރީގައި ބަހައްޓާފައި ހުއްޓާ ގޭގެ ދޮރު ތަޅު ހަލާކުކޮށްގެން ވަގަކު ވަނދެ ގެންދިޔަ ސާމާނުތަކުގެ ތެރޭގައި އެއްކަލަ ރުފިޔާ ހިމެނިގެން، ފުލުހުން މައްސަލަ ތަހުގީގުކޮށް ޚިޔާނާތުގެ ދައުވާކުރަން ޕީޖީއަށް ފޮނުވި. އޭރު މި ބުނާ މުވައްޒަފު މި ފައިސާ ހަމައަށް އޮފީހަށް ދައްކައި، އޮފީހުންވެސް އެމައްސަލާގައި އިތުރަށް އެއްވެސް ކަމެއް ކުރަން ބޭނުންނުވާކަމަށް ލިޔުމުން ބުނެފައި އޮވޭ. މި ހުރިހާ ކަންކަމަށް ރިއާޔަތްކޮށް، އަދި ކުށުގެ އެއްވެސް ރިކޯޑެއް ނެތް ފަރާތެއްކަމުން، މި މައްސަލައިގައި ދައުވާކުރަން ނުފޮނުވައި ފައިލްކުރޭތޯ ޕީޖީއަށް ލިޔެވުނު ސިޓީގެ އަދަދު ނޭގޭ. ޕީޖީއިން ހަމަ ހިލާ އެއްބަހެއް ނުވި. މި ޚަބަރުގައި މިއޮތް ހަމައިން ބަލާނަމަ ގެއްލުން ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލު ދީ ޚަލާސްކޮށް، އެ ފަރާތުންވެސް ދައުވާ ކުރަން ބޭނުންނުވާކަމަށް ބުނެފައި އޮވޭ. އެންމެ ފަހުން ޖެހުނީ (ނުކުރާ ކުށަކަށް) އިއުތިރާފުގެ އެއްބަސްވުމެއް ހަދަން. ކުށުގެ ރިކޯޑަށްވެސް އެރީ.
13 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް