އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ، ޝަޒުބާން (ކ) އާއި ޝަހުބާން ކުރީގެ ކްރިމިނަލް ކޯޓް ކައިރީގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަލްހާންގެ ތިން ބެއިންނަށް ކުރާ ދައުވާތައް އަނބުރާ ގެންގޮސްފި

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނި ގޮތުގައި އަލްހާން، ޝަހުބާން، އަދި ޝަޒުބާންގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔައީ ގެއްލުން ދިން ކަމަށް ތުހުމަތުކުރާ މީހުނަށް އޭގެ ބަދަލު ދީފައިވާތީ
30 އޮކްޓޯބަރު 2025
1

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ކިންގްސް ކެޕިޓަލްގެ މަސްލަހަތު އޮންނަ އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެކުމުގެ ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.

ވީކިހިނެއް؟ - އަލްހާނާއި ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށް ދައުލަތުން ޓެކުމުގެ 13 ދައުވާއެއް އުފުލީ އެ އާއިލާގެ ހިއްސާ އޮންނަ ކުންފުނިން ސްކީމެއްގެ ދަޅަ ދައްކައިގެން މީހުންގެ އަތުން ފައިސާ ހޯދައި އަނބުރާ ނުދޭ ކަމަށް ބުނާ މައްސަލާގަ އެވެ. 

ޕީޖީ އޮފީހުގެ ކުރީގެ ނިންމުންތައް ރިވިއުކުރުމަށް ހުޅުވާލި ފުރުސަތުގައި އެ ތިން މީހުންގެ ފަރާތުން ވެސް ވަނީ ދައުވާތައް ރިވިއުކޮށްދިނުމަށް އެދިފަ އެވެ.

ތަފްސީލް - މި މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ތިން މީހުން ކުރި ކަމަށް ތުހުމަތުކުރާ ކުށާ ގުޅިގެން ބަދަލު ލިބެން ޖެހޭ 13 މީހަކަށް މިހާރު ބަދަލުދީ ހަލާސްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަން، ޕީޖީ އޮފީހުގައި ބުނެފައިވާކަން ވެސް އެ އޮފީހުން ފާހަގަކުރި އެވެ. 

"މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދައުވާތައް (ޓެކުމުގެ ކުށުގެ 13 ދައުވާ) އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނާތީ، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވާނީ ނިންމާފަ އެވެ." ޕީޖީ އޮފީހުން ބުންޏެވެ.

އެ ދައުވާތައް ގެންދިޔަ ނަމަވެސް، މި މައްސަލާގައި  ބަދަލު ލިބެން ޖެހޭ އިތުރު މީހުންގެ ބައިތައް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ޕީޖީން ބުންޏެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ހުށަހެޅުމުން، ދައުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ވެސް ބުންޏެވެ. 

ދައުވާތަކުގެ ހުލާސާ - ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި، ކިންގްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދެއްކުމުން އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރި އެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 13 ދައުވާއަކީ، އެ ކުންފުންޏަށް އިންވެސްޓްކުރި 13 މީހަކަށް ފައިސާ ނުދީ، ނުވަތަ އެ ފައިސާއިން ކޮށްދޭނެ ކަމަށް އެއްބަސްވި ކަންކަން ކޮށްނުދީ 'ފައިސާ ޓަކައިގެންފައިވާތީ' ހުށަހަޅާފައިވާ ދައުވާތަކެއްކަން، ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް (1)

ސިކުނޑި

30 އޮކްޓޯބަރު 2025
އެހެންވީމާ، ވައްގަށް ނަގާ މުދަލެއް ހޯދައި ވެރިމީހާއާއި ހަވާލު ކުރިޔަސް ވައްކަމުގެ ދައުވާ ކުރިޔަކަށްނުދާނެތާ! ބަދަލު ދިނުމާއި އަދަބު ދިނުމަކީ ދެކަމެއް! އެމީހުން ބަދަލު ދިނީ ޖެމްކިއުނަމުގައި އިތުރު ސްކީމެއް ހިންގައިގެން ކަމަށް ރަށުތެރޭ ކިޔައިއުޅޭ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް