ޖިނާއީ ބޮޑު ކުށެއް ހިންގި ތަނެއްގައި ދިވެހި ފުލުހުން ހަރަކާތްތެރިވަނީ: މިއީ މިހާރު ކުރީގެ ރާއްޖެއެއް ނޫން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުަނައިދު)

ކުށްކުރުން

ސަޔަނޯރާ ހައިރާންވީ ދިވެހިން ކުށްކުރާލެއް ގިނަވީމާ، އެކަމަކު މިހާރު މިއީ ކުށުގެ ރާއްޖެއެއް

މަލިކުގެ ސޯޝަލް މީޑިއާގެ ތަރި ކިޔައިދިނީ ދިވެހިންގެ ކުރީގެ ދިރިއުޅުމާ ގުޅިފައި އޮތް ވާހަކަތަކެއް. އެފަދަ ސާދާ، އުފާވެރި، އުދާސްތައް ނެތް ދިރިއުޅުމެއް. އެކަމަކު ދިވެހިން ވަނީ އެ ދިރިއުޅުމާ ދުރުވެފައި
20 އޭޕްރީލު 2025
3

ސޯޝަލް މީޑިއާގައި މަލިކުގެ ދިރިއުޅުމުގެ ވާހަކަތައް ގެނެސްދޭ ސަޔަނޯރާ ޔައުގޫބު 'ދައުރު'އަށް ދިން އިންޓަވިއުގެ މައްޗަށް ބިނާކޮށް އިއްޔެ ރިޕޯޓެއް ގެނެސްދިނެވެ. ރާއްޖެއާ މެދު އޭނާގެ ހިތުގައި އޮތީ ވަރަށް ބޮޑު ލޯތްބަކާއި ގުޅުމެކެވެ. އެއްބަނޑު އެއްބަފާ ބޭބެ މަސައްކަތްކުރަނީ ރާއްޖޭގެ ސަފާރީއެއްގަ އެވެ. ރާއްޖޭގެ މާހައުލު ތަޖުރިބާކޮށްގެން އެނބުރި ގޮސް އެ ބޭބެ ކިޔައިދޭ ވާހަކަތަކުގެ ތެރެއިން ސަޔަނޯރާ އެންމެ ހައިރާންވަނީ ރާއްޖޭގައި ކުށްކުރާލެއް ގިނަކަމުންނެވެ.

"ބޭބެ ރަށަށް ދާ ފަހަރުތަކުގައި އެ މީހުންނަށް ރާއްޖޭގެ ވާހަކަތައް ކިޔައިދެ އެވެ. އޭނާ އެންމެ ހައިރާންވީ، ރާއްޖޭގައި ކުށްކުރާ މިންވަރު ބޮޑުކަމުގެ އަޑުއިވިފަ އެވެ. މަލިކުގައި ކުށް ކުރާ ރޭޓު އިންތިހާއަށް ދަށެވެ. ސަޔަނޯރާ ބުނާ ގޮތުން މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުން އެ ރަށުގައި ނޯންނާނެ އެވެ. އެންމެން ވެސް އުޅެނީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކުވެރިކަމާ އެކުގަ އެވެ،" ރިޕޯޓްގައި ލިއުނެވެ.

ސަޔަނޯރާ: އޭނާގެ ބޭބެ މަސައްކަތްކުރަނީ ރާއްޖޭގައި

މަލިކުން ފެންނާނީ ދިވެހިންގެ ކުރީގެ ދިރިއުޅުމެވެ. މަލިކުގެ އަބާދީއަކީ ގާތްގަނޑަކަށް 15،000 އެވެ. ރާއްޖޭގެ ނިސްބަތުން ނަމަ އެއް ރަށަކަށް އެއީ ވަރަށް ބޮޑު އާބާދީއެކެވެ. މާލެ ސަރަހައްދު ނަގާފައި ރާއްޖޭގައި އެވަރުގެ އާބާދީއެއް އޮންނާނީ ފުވައްމުލަކާއި އައްޑޫ ހިތަދޫގަ އެވެ.

ނަމަވެސް އެ ދެ ރަށުގައި ވެސް ތަފާތު ކުށްތައް އާންމުކޮށް ހިންގަ އެވެ. މަސްތުވާތަކެއްޗާއި މާރާމާރީ އެވެ. ވައްކަމެވެ. ބައެއް ފަހަރަށް މަރުގެ އަމަލްތަކެވެ.

މަލިކުގައި ނެތީ އެ ހާސްކަމެވެ. ސަޔަނޯރާ ބުނާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ  އެއްގޮތަކަށް ވެސް ނެތެވެ.

މަލިކުގެ އަތިރިމަތި: މަލިކުން މިހާރު ވެސް ފެންނަނީ ދިވެހިންގެ ކުރީގެ ދިރިއުޅުން  (ފޮޓޯ/މެރިޓައިމް އިންޑިއާ)

ކުށަކީ، އެއްބައެއްގެ ނަޒަރުގައި، ތަރައްގީއާ އެކު ފެތުރޭ އިޖުތިމާއީ މައްސަލަގަނޑެކެވެ. މާއްދީ ކަންކަން އިސްކޮށް، ދިރިއުޅުމުގެ ސާދާ ގޮތްގަނޑު ނެތި، ތިމާ ބޭނުންވާ ކަމެއް ކޮންމެ ގޮތަކުން ކުރަން ޖެހޭނެކަމުގެ ވިސްނުމުގެ ތެރޭގައި ވަދެވޭ ހަލާކެކެވެ. މަސްތުވާތަކެތި ބޭނުންކުރަނީ ކުޑަ ވަގުތުކޮޅެއްގެ 'އަރާމަށެ'ވެ. ނަމަވެސް އެ 'އަރާމު'ގައި މީހާ ހަލާކުކޮށްލަނީ އެވެ. އެ ބޭނުންނުކޮށް ނުތިބެވޭ ހާލަތަށް ދިއުމުން ވައްކަން ކުރަން ވެސް 'މަޖުބޫރުވަނީ' އެވެ. 

ފުލުހުން ވަނީ މިދިއަ ރޯދަމަހާއި މިދިއަ އަހަރުގެ ރޯދަމަހު ރިޕޯޓްކުރި ކުށުގެ ތަފާސްހިސާބު ނެރެފަ އެވެ. ކުރީ އަހަރަށް ވުރެ މި އަހަރުގެ ރޯދަމަހު ރިޕޯޓްކުރި ކުށްތައް މަދުވީމާ އުފާކުރަންވީ ހެއްޔެވެ؟ އެއީ އެހާ ބޮޑު ކާމިޔާބީއެއް ހެއްޔެވެ؟

ޖިނާއީ ކުށަށް ފެތެރޭ ހުރިހާ ބާވަތެއްގެ ކުށަށް ބަލާ ނަމަ ދެ އަހަރުގެ ތަފާތަކީ މި އެވެ:

  • 2004: 1،116 ކުށް

  • 2025: 904 ކުށް

  • 212: ކުރީ އަހަރަަށް ވުރެ މި އަހަރު މަދުވި މިންވަރު

ޖިނާއީ ކުށްތައް ގިނަކަމުން މިހާރު ހުންނަނީ ބައިބަޔަށް ބަހާފަ އެވެ. ކުރީގައި ނަމަ ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެއްޗާއި ޖިންސީ ގުޅުމުގެ ބައިތަކުން ފުއްދާލެވެ އެވެ. އެކަމަކު މިހާރު ސައިބަކްރައިމް އާއި ސްކޭމް ފަދަ ޒަމާނީ ކުށްތައް ވެސް ރާއްޖޭގައި މި އޮތީ އާންމުވެފަ އެވެ. އެހެންކަމުން މަލިކުގެ ހިތްގައިމު، ފަސޭހަ، ސިކުނޑިއަށް ބުރައެއް ނެތް ދިރިއުޅުމުގައި އުޅޭ މީހުންނަށް ރާއްޖެ ސިފަކުރެވޭނީ ކުށުގެ ގައުމެއްގެ ގޮތުގަ އެވެ. އާއެނކެވެ. މިއީ މިހާރު ކުށުގެ ރާއްޖެއެކެވެ.

އެންމެންނަށް ވެސް ފެންނާނީ މަސްތުވާތަކެތީގެ ހަލާކުގެ ތެރޭގައި އުޅޭ ޒުވާނުން ފިހާރައަކުން ވައްކަމެއް ކޮށްގެން ހިފަހައްޓައިގެން އުޅޭ ތަނެވެ. ނޫނީ މަގުމަތީގައި މަސްތުވެގެން އުޅޭ މަންޒަރެވެ. ސޯޝަލް މީޑިއާގެ ބައެއް އެކައުންޓްތަކުގައި އެފަދަ ވީޑިއޯތައް ގިނަ އެވެ. ނަމަވެސް މިއީ ރާއްޖޭގައި ފެތުރިފައި އޮތް ކުށުގެ ކުޑަ މިންވަރެކެވެ.

ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ނައްތާލަނީ: ކުށް ކުރުން މަތިވުމުގެ އެއް ސަބަބަކީ މަސްތުވާތަކެތި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ދައުލަތުގެ މުދަލަށް ހިޔާނާތްވުމާއި މަޝްރޫއުތަކުގެ ތެރެއިން ނަގާ ނާޖާއިޒު ބޮޑެތި ފައިދާތަކުގެ ތަފުސީލެއް ނުލިބޭނެ އެވެ. އެހެންކަމުން ބޮޑެތި ވައްކަމުގައި އުޅޭ މީހުން ތިބޭނީ ޓައި އަޅައިގެން، އޮފީސްތަކުގެ މޭޒު ކައިރީގަ އެވެ. ނުވަތަ ރައްޔިތުންގެ މަޖިލިހުގަ އެވެ. ނުވަތަ ދައުލަތުގެ ކޮންމެވެސް އެހެން އިދާރާއެއްގަ އެވެ. ނުވަތަ ދައުލަތުގެ މިނިވަން ކޮންމެވެސް މުއައްސަސާއެއްގަ އެވެ.

ފަހަރެއްގައި ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމެއްގެ ތެރޭގައި ފައިސާ މާ ބޮޑަށް އެނބުރިގަތީ އެވެ. އެ މުއްސަނދިކަން ހޯދަން ނާޖާއިޒު ގޮތެއްގައި ބޭނުންކުރެވޭނެ ފުރުސަތުތައް ދައުލަތުގެ ވެރިންނަށް އެނގިގެންނާއި ނޭނގި ނަމަވެސް، ތަނަވަސްވީ އެވެ. މިއަދު ޝަރުއީ ނިޒާމުގެ އެތައް ފަނޑިޔާރުންނަކަށް މަސްތުވާތަކެތީގެ ފައިސާގެ ނުފޫޒު ފޯރާކަން ޔަގީނެވެ. ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކާއި ފުލުހުންގެ ތެރެއަށް ވެސް އެ ފައިސާ ވަނީ ވަދެފަ އެވެ. އެހެންކަމުން ތެދުވެރިކަމާ އެކު މަސައްކަތްކުރާ މީހުންނަށް ދިމާވާނީ ހުރަހެވެ. މައްސަލަތައް ވާނީ ލަހެވެ. އާންމުންގެ ހަނދާނުން ކުށްވެރިން ގެއްލި ދާނީ އެވެ.

ރާއްޖޭގެ ރީތިކަމަކީ އަޖައިބެއް: އެކަމަކު ދިވެހިންގެ ހާސްކަން އެއަށް ވުރެ މާ ބޮޑު (ފޮޓޯ/ރިހިވެލި)

ސަޔަނޯރާ ފަދައިން އަޅުގަނޑުމެން ވެސް ބޮޑު ލޯގަނޑު ގަރުދިޔަ ކައި އުޅުނީމެވެ. ރަށްފުށުގެ ދިވެހި އަންހެނުން، މަލިކު އަންހެނުން ގޮތަށް، މަސް ބަލާ އަތިރިމައްޗަށް ނުފޭބިޔަސް، ގެއަށް މަސް ގެނައުމުން ބަދިގެ ތެރޭގައި ހުރިހާ ކަމެއްގެ ޒިންމާ ނަގާނީ އެ މީހުންނެވެ. އަޅުގަނޑުގެ ބައްޕަ ފަރާތު މާމަ ފަދައިންނެވެ. ގޭ އަންހެނުންނާއި ގޭދޮށު އަންހެނުން އެއްކޮށްގެން މާމަ ހުންނާނީ މަސައްކަތުގެ ލީޑަރަކަށެވެ. ހުރިހާ ކަމެއް ހިނގަމުން ދާނީ މާމަގެ އަމުރަށާއި އިރުޝާދަށެވެ.

ގޭ ދޯނި މަސް ބާނައިގެން އައުމުން ބަދިގެ ދޮށް އެ ފުރުނީ އެވެ. މަސްކަނޑާ މީހުން މަސް ކަނޑަނީ އެވެ. ގަރުދިޔަ ކައްކާ އަންހެނުން، ހޫނުގެ ތެރޭގައި ދާހިއްލާ ފޯވެގެން އަވަދިނެތި އެވެ. އިލޮއްޓަކަށް މަހުގެ ބިސްތައް އަމުނާފައި ގަރުދިޔަގަނޑަށް ލަ އެވެ. އެއީ ކުދިވެރިންގެ ތާޒާ ކާނާ އެވެ. ރޯފިލުމާ އެކު އަވަހަށް ގެނެސް ކުދިންގެ އަތަށް ދިއްކޮށްލަ އެވެ.

މިއީ 1970ގެ އަހަރުތަކުގެ ކުޑަ މަންޒަރެކެވެ.

ދިރިއުޅުމުގެ ބައެއް ކަންކަން ނުފުދިގެން އޭރު ވެސް ޝަކުވާ ހުރެ އެވެ. އެކަމަކު އެ ޝަކުވާއަށް ހައްލު ހޯދަނީ ކުށެއް ކޮށްގެންނެއް ނޫނެވެ. ކެތްތެރިވެގެންނެވެ. އެކަމަކު މިއަދު އެ ޝަކުވާއާ އެކު ގިނަ މީހުން ބަލާނީ ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެ ކަމެއް ފުއްދޭތޯ އެވެ.

އާއެނކެވެ. ކުރީގެ އެ ދިރިއުޅުމުގެ ތެރެއަށް އަނބުރައެއް ނުދެވޭނެ އެވެ. އެހެންކަމުން މަލިކު ފަދަ ރަށެއް މި ރާއްޖެއަކުން ދެނެއް ނުފެންނާނެ އެވެ. އެކަމަކު މި ވަރަށް ކުށް ކުރާ ގައުމަކަށް ރާއްޖެ ވީ ދައުލަތުގެ ވެރިންގެ ނާގާބިލްކަމުންނެވެ. ވެރިންގެ ދުރު މުސްތަގުބަލުގެ ވިސްނުން ކުޑަކަމުންނެވެ. ފައިސާގެ ނުފޫޒާއި ވެރިކަން ދެމެހެއްޓުމުގެ އެދުމާއި ސިޔާސީ މަންފާ ހޯދުމުގެ ނިޔަތް މާ ބޮޑުވެގެންނެވެ.

އެ ހަގީގަތުގެ މައްޗަށް ވިސްނާ މީހަކަށް މި ރާއްޖެ ފެންނާނީ ނާއުއްމީދީ ތަނެއްގެ ގޮތުގަ އެވެ. ގައުމު ކިތައްމެ ރީތި ނަމަވެސް، މާހައުލު ކިތައްމެ ހިތްފަސޭހަޔަސް، އޭގެ އުފަލެއް ދިވެހިންނަކަށް މިހާރު ނެތެވެ.

ކޮމެންޓް (3)

ވިސްނާށޭގައުމު

20 އޭޕްރީލު 2025
ގައުމުގައި ކުށް ކުރުން އިތުރުވީ 2004 ހިސާބު. މީހަކު މާމޮޅު ޑިމޮކްރަސީއެއް ގެންނަން ފޫގެޅި ހިސާބުން. އެމީހާ ދަސްކޮށްދިނީ ހައްގު އެކަނި. ޒިންމާ އެއީ ނެތް އެއްޗެއްކަމަށް ގަމާރު ދިވެހިންތަކަށް ދެއްކި. މިއަދު އަތުގަ އޮންނަ ސިނގިރޭޓް ދަމާފަ ޖެހިގެން ހުންނަ މީހާގެ މޫނަށް ބުރުވާލުމަކީ އޭނާގެ ހައްގެއް. އޭނާ ބޭނުން ގޮތަކަށް ބޭނުންތާކަށް އެދުންގަނޑު ފޮނުވާލެވެންޖެހޭނެ. އެއަށް އެއްޗެކޭ ބުނާ މީހާގެ ދެފައި އޮންނާނީ ބިނދިފަ ފަސްމިނިޓްފަހުން. ހަގީގަތަކީ ގައުމާދޭތެރޭ އަންނަންއޮތް ޖީލާ ދޭތެރޭ ވިސްނާ މީހަކު ނޫޅޭ. ކުޑަމިނުން އަހަރުމެންގެ މާތް ދީނާ ދޭތެރޭވެސް އެމީހުން ވިސްނާނުލާ. މީ މުސްތަގްބަލް ހަލާކުވެފަ އޮތް ގައުމެއް. މަލިކަށް ހިޖުރަކުރުންވެސް މާ ރަނގަޅުވާނެ. ސަޔަނޯރާ އެއްގޮތަކަށްވެސް މިތަނަށް އަންނަން ނޫޅޭތި. މީ ދެދުނިޔޭގެ ހަލާކު
18 2

ފޫގެޅި

20 އޭޕްރީލު 2025
@ވިސްނާށޭގައުމު 12 ން ފެށިގެން ރާއްޖޭގައި މަސްތުވާތަކެތި ފެތުރެން ފަށައިފި. އެ ތާރީހް ފެންނާނެ ދައުލަތުގެ ރިޕޯރޓްތަކުގަޔާއި، ބައިނަލް އަޤްވާމީ ރިޕޯޓްތަކުގައިވެސް. 2004 އައި އިރު މިރާއްޖޭގައި ޑްރަގް ކާރޓަލްތައް ހިނގާ ގޭންގްތައް އޮތީ ފައްކާވެފަ. ތިޔަ ބުނާ ޑިމޮކްރަސީ ތައާރަފް ނުވާ އިރުވެސް މިތާގައި ކުށުގެ ވެށި އުފެދިއްޖެ. ރުޅި އަރަންވާނީ ވެސް ހިތައް ކެތްވާ ވަރަށް.
7 6

ކިލަނބު

22 އޭޕްރީލު 2025
@ވިސްނާށޭގައުމު ދިވެހިންނަކީ ބޯހިޔާވަހިކަން ލިބެންޖެހޭ އަދި ބޭސްފަރުވާ އާއި އަމިއްލަ ހިޔާލު ފާޅުކުރރވޭނެ މިނިވަނުންކަން ވެސް އެނގުނީ އޭގެ ފަހުން. ހުދު ގަނޑެއްގަ ކަޅު ތިއްކެއް ޖެހީމަ ފެންނާނީ އެތިކި އެކަނި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް