ސަޔަނޯރާ ޔައުގޫބު. އޭނާ އަންނަނީ މަލިކުގެ ދިރިއުޅުމުގެ މަންޒަރުތަކުން ދިވެހިންގެ ސަމާލުކަން ހޯދަމުން

މަލިކު

ދިވެހިންގެ ކަޅި ކުއްލިއަކަށް، މަލިކުގެ ސަޔަނޯރާއަށް

މަލިކުގެ މި ޒުވާނާ އަންނަނީ އިންސްޓަގްރާމްގައި އޭނާ އާއްމުކުރާ ރަށުގެ މަންޒަރުތަކުން ގިނަ ދިވެހިންގެ ސަމާލުކަން ހޯދަމުން

އިންޓަވިއު ފެށުމުގެ ކުރިން ވާހަކަ ދައްކަންވީ ކޮން ބަހަކުންތޯ އޭނާ ގާތު އެހީމެވެ. އިނގިރޭސި ބަހާއި ދިވެހި ބަހުގެ ތެރެއިން ފުރަތަމަ ވެސް ހިޔާރުކުރީ ދިވެހި ބަހެވެ. އިންޑިއާއަށް ނިސްބަތް ވިޔަސް، ސަޔަނޯރާ ޔައުގޫބަށް އެންމެ ކަމުދަނީ ވެސް، އެންމެ ވާހަކަ ދައްކާ ހިތްވަނީ ވެސް، ދިވެހި ބަހުންނެވެ.

"އެންމެ ކުޑައިރު ވެސް މަންމަ ބުނާނެ އަހަރުމެންނަކީ އަސްލު މާލޭގެ މީހުންނޭ. އެއީ ތެދެއްތަ؟،" ސަޔަނޯރާ ސުވާލުކުރި އެވެ. މާލޭ މީހުންނޭ އޭނާ އެ ނިސްބަތްކުރީ ދިވެހިންނަށެވެ. ބަސްކިޔާ ގޮތާއި ރާގުގައި ކުޑަ ތަފާތެއް ހުރި ނަމަވެސް، ވާހަކަ ދެއްކީ ރީތި ދިވެހި ބަހުންނެވެ. އެއީ އޭނާ ނިސްބަތްވާ މަލިކުގެ މަހަލް ބަހެވެ.

އިންސްޓަގްރާމް ބޭނުން ކުރާ ނަމަ، ސަޔަނޯރާއަކީ ކާކުކަން މިހާރު ގިނަ މީހުންނަށް އެނގޭނެ އެވެ. އެހާ ވެސް ދިވެހިންގެ ތެރޭގައި އޭނާގެ އިންސްޓަގްރާމް އެކައުންޓް thetropicaltales މަޝްހޫރުވެއްޖެ އެވެ. އުމުރުން 25 އަހަރުގެ އެ ޒުވާނާގެ އިންސްޓަގްރާމްގައި 6،000 ފޮލޯވަރުން ތިބޭއިރު އޭގެ ތެރެއިން 5،000 މީހުންނަކީ ދިވެހިންނެވެ. ވީޑިއޯ ހަދާތާ އަހަރެއް ވީ ނަމަވެސް، ދިވެހިންގެ ސަމާލުކަން އޭނާއަށް ލިބެން ފެށިތާ ވީ އަދި އެންމެ މަހެކެވެ. ހަމަ ކުއްލިއަކަށް ގިނަ ދިވެހިންގެ ކަޅި އޭނާއަށް ހުއްޓިއްޖެ އެވެ.

ސަޔަނޯރާ (ވ) އޭނާގެ އާއިލާގެ ބައެއް މެމްބަރުންނާ އެކުގައި. އޭނާ ނިސްބަތްވަނީ މަލިކުގެ ހިނަވާގެއަށް

ސަޔަނޯރާގެ އިންސްޓަގްރާމް ވީޑިއޯތަކުގައި ދައްކާލަނީ މަލިކުގެ އާއްމު މަންޒަރުތަކެވެ. އަދި މަލިކުގައި އޭނާގެ އާއްމު ދިރިއުޅުމެވެ. އެ ވީޑިއޯތަކުގައި އޭނާ މަހަލް ބަހުން ވާހަކަ ދައްކަ އެވެ. އޭނާ ކުރާ ކަންކަމާއި ކާ އެއްޗެހި ދައްކާލަ އެވެ. ގިނަ ދިވެހިންގެ ސަމާލުކަން ލިބެނީ، އެ ޒުވާނާ ބުނާގޮތުގައި، އެ ދިރިއުޅުން ދިވެހިންނާ ގުޅޭލެއް ބޮޑުކަމުންނެވެ. އެ ވީޑިއޯތަކަށް ކުރާ ކޮމެންޓުތަކުން ވެސް އެކަން އެނގެ އެވެ. މީހުން ބުނާގޮތުގައި އެ ވީޑިއޯތައް ގެންގޮސް ވައްޓާލަނީ ދިވެހިންގެ މާޒީގެ ތެރެއަށެވެ.

މަސް ދޯނި މަހުން ލެފީމާ، އަދިވެސް އެ ރަށުގައި މަސް ބަލާ ދަނީ އަންހެންވެރިންނެވެ. އެކުވެރިންނާ އެކު އޭނާ ފަރަށް ބޮލި ހޮވަން ދެ އެވެ. އީދަށާއި ރޯދައަށް ހަނދު ބަލަން، ހުރިހާ އެންމެން އެކުގައި އަތިރިމައްޗަށް ނުކުމެ އެވެ. އޭނާގެ ވީޑިއޯތަކުން ދައްކައިދެނީ ދިވެހިންގެ ރީތި މާޒީ އެވެ.

"އަބަދު މީހުން މެސެޖް ކުރާނެ ހީވަނީ ކުޑައިރުހެންނޭ ކިޔާފައި. މާލޭ މީހުން ވެސް އުޅުނީ އެހެންނޭ ކިޔާފައި،" ސަޔަނޯރާ ބުންޏެވެ.

ސަޔަނޯރާ ދައްކާލި މަލިކުގެ މަންޒަރެއް

އިރުއޮއްސޭއިރު ދޯނިތައް މަހުން ލަފަން ފެށީމައި، ލޯތައްޓެއް ހިފައިގެން ސަޔަނޯރާ އާއި އެހެން އަންހެނުން ވެސް އަތިރިމައްޗަށް މަސް ބަލާ ދެ އެވެ. އޭނާގެ ބަހުން ނަމަ، 'ލާންޗުގައި ފިރިހެނުން މަސް ބާނައިގެން އައުމުން، އަންހެނުން ތިބޭނީ އަތިރީގައި ވިއްދާފަ' އެވެ. ބާނާ މަސްތައް ފިރިހެނުން 'ވީދީމާ'، ލޮނުން އެ ދޮވެގެން، 'ތަބައް' ނޫނީ ލޯތައްޓަށް އަޅައިގެން ބޯމަތީގައި ބަހައްޓައިގެން އެއްގަމަށް ގެންނާނީ އަންހެންވެރިންނެވެ. އެ މަސް ގެނެސް، ގޭދޮށުގައި ކައްކައި ރިހާކުރަށް ހަދަ އެވެ.

ސަޔަނޯރާ ބުނިގޮތުގައި އޭނާއަށް އެންމެ މީރު ކެއުމަކީ 'ބޮޑު ލޯގަނޑު ގަރުދިޔަ' އެވެ. ނޭނގިގެން ސުވާލުކޮށްލީމާ ބުނީ އެއީ ރިހާކުރު ކައްކާ ގަރުދިޔަ ކަމަށެވެ.

"ތިބާރެން ގަރުދިޔަ ކިޔާ އެއްޗަ އަހަރުމެން ކިޔަނީ ލޭބަނދިޔާ،" ރަށު ރާގުގައި އޭނާ ބުންޏެވެ.

"ވަރަށް ވައްތަރުގެ ގަރުދިޔަ ހުންނާނެ. ބޮޑުލޯގަނޑު ގަރުދިޔަ އާއި ލޭބަނދިޔާ އާއި ވިނެގާ އާއި ޗިލީ ޕޭސްޓް އެއްކޮށްގެން ހަދާ ގިރުވައެލި ދިޔަ އާއި ރިހާކުރު ދިޔަ."

މަލިކުގެ ގިނަ މީހުން އަދިވެސް ކައި އުޅެނީ ދިވެހިން އާއްމުކޮށް ކައިއުޅޭ ތަކެތި
މަލިކުގެ އަތިރިމަތީގެ މަންޒަރެއް

އޭނާ މިހާރު އެންމެ އުފާވަނީ، އެ ވީޑިއޯތަކުން ދިވެހިންނާ ގުޅިފައިވާ މިންވަރު އެނގޭތީ އެވެ. އޭނާ އިންސްޓަގްރާމް ބޭނުންކުރަން ފެށީ ވެސް އެ މަގްސަދުގަ އެވެ. ދިވެހި ރަހުމަތްތެރިއެއްގެ ހިޔާލަށް ހުޅުވި އެ އެކައުންޓުން، އޭނާ ދައްކައިދޭން ބޭނުންވަނީ ދެ ގައުމެއް ވިޔަސް، އަދިވެސް މަލިކު މީހުންގެ ކިބާގައި ހިނގަނީ ދިވެހިންގެ ލޭ ކަމެވެ. ހިސާބެއްގެ ބަދަލެއް އައި ނަމަވެސް އަދިވެސް މަލިކު މީހުން ވާހަކަ ދައްކަނީ ހަމަ ދިވެހިން ވާހަކަ ދައްކާ ގޮތަށް ކަމެވެ. މަލިކުގައި އޭނާ ނޫނީ މިގޮތަށް ވީޑިއޯ ހަދާ މީހަކު ނޫޅެ އެވެ. އެހެންވެ، އަޑު އަޅައިގެން މިގޮތަށް ވީޑިއޯ ހަދާތީ މަލިކުގެ ބައެއް މީހުންގެ މަލާމާތް ވެސް ރައްދުވެ އެވެ. ސަޔަނޯރާ ބުނާގޮތުގައި މަގުމައްޗަށް ނުކުންނައިރު 'ގޮއްވަ' އެވެ. ނޫނީ ދިމާކުރެ އެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް، އެ ވީޑިއޯތަކުގެ ޒަރީއާއިން އެހެން ބަޔަކާ ގުޅިގެން ދާތީ އޭނާ ހުރީ އުފާވެފަ އެވެ.

މަލިކު ހިނަވާގޭ ސަޔަނޯރާ ބުނިގޮތުގައި އެ ރަށުގެ އެންމެން ވެސް ދިވެހިން ވާހަކަ ދައްކަ އެވެ. ނަމަވެސް އެ ބަހުގެ ތެރެއަށް އިންޑިއާގެ ބަސްތަކުގެ ނުފޫޒު ވަދެފައިވާލެއް މިހާރު ބޮޑެވެ. ހާއްސަކޮށް، މިހާރުގެ ޒުވާނުން ވާހަކަ ދައްކާއިރު އިންޑިއާގެ ބަސްތައް ގިނައިން ބޭނުންކުރެ އެވެ.

ސަޔަނޯރާ (ކ) ގެ ވީޑިއޯތަކަށް ގިނަ ދިވެހިންގެ ސަމާލުކަން ލިބޭ

"މިހާރު ޒުވާނުން ވާހަކަ ދައްކާއިރު ނުކިޔާނެ އެނބުރި ދާކަށް. ކިޔާނީ ވާޕަސް. ބަތްކާން ނުކިޔާ ކިޔާނީ ކާނާ ކާން. އެކަމަކު މިސްކިތުގައި ތިބޭ ދުވަސްވީ މީހުން ހަމަ ވަރަށް ރީތިކޮށް ދިވެހިން ވާހަކަ ދައްކާނެ،" އޭނާ ބުންޏެވެ.

ސަޔަނޯރާ ބުނިގޮތުގައި މަލިކުގައި އެ މީހުންގެ އަމިއްލަ ބަސް ކިޔަވައިދެނީ ގްރޭޑް ހަތަރަކާ ހަމައަށެވެ. އޭގެ ފަހުން ދެން އޮންނަނީ ޓެމިލް ނުވަތަ މަލަޔާލަމް އެވެ. އެހެންވެ، މަލިކުގެ ގިނަ މީހުންނަށް އިނގިރޭސިބަހާ އެކު އާއްމުކޮށް ހަތަރު ބަހުން ވާހަކަ ދައްކަން އެނގެ އެވެ.

މަލިކުގައި ގްރޭޑް 12އާ ހަމައަށް ކިޔެވުމަށް ފަހު ހޮޓެލް މެނޭޖްމެންޓްގެ ދާއިރާއިން ޗެންނާއިން މަތީ ތައުލީމް ހާސިލްކޮށްގެން ހުރި އެ ޒުވާނާ މިހާރު އިންނަނީ ގޭގަ އެވެ. ކުރިން ރެސްޓޯރަންޓެއްގައި މަސައްކަތް ކުރި ނަމަވެސް މިހާރު ވަޒީފާއަށް ނުދާ ކަމަށް ބުންޏެވެ. އާއިލާގައި މަންމައާ އެކު ދެން ހުންނަނީ ބޭބެއެކެވެ. އެ ބޭބެ މަސައްކަތް ކުރަނީ ރާއްޖޭގައި ސަފާރީއެއްގަ އެވެ.

ސަޔަނޯރާ (ކ) އޭނާގެ ބައެއް ރަހުމަތްތެރިންނާ އެކުގައި

ބޭބެ ރަށަށް ދާ ފަހަރުތަކުގައި އެ މީހުންނަށް ރާއްޖޭގެ ވާހަކަތައް ކިޔައިދެ އެވެ. އޭނާ އެންމެ ހައިރާންވީ، ރާއްޖޭގައި ކުށްކުރާ މިންވަރު ބޮޑުކަމުގެ އަޑުއިވިފަ އެވެ. މަލިކުގައި ކުށް ކުރާ ރޭޓު އިންތިހާއަށް ދަށެވެ. ސަޔަނޯރާ ބުނާ ގޮތުން މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުން އެ ރަށުގައި ނޯންނާނެ އެވެ. އެންމެން ވެސް އުޅެނީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކުވެރިކަމާ އެކުގަ އެވެ.

ސަޔަނޯރާއަށް ކޮންމެ ދުވަހަކު ވެސް ދިވެހިންގެ އެތައް ސަތޭކަ މެސެޖެއް ލިބެ އެވެ. އޭގެ ތެރޭގައި ދިވެހި ބަހުން ވަރަށް ހުތުރު އެއްޗެހި ކިޔާފައި ހުންނަ މެސެޖްތައް ވެސް ހިމެނެ އެވެ. އެކަމަކު އެއަށް މާ ބޮޑު ސަމާލުކަމެއް ނުދީ، އޭނާ ކުރިއަށް ދަނީ ގިނަ ދިވެހިންގެ ލޯބި ލިބޭތީ ކަމަށް ބުންޏެވެ. ދުވަހަކު ވެސް އަދި ރާއްޖެ ނާންނަ އެ ޒުވާނާގެ އުއްމީދަކީ އަވަސް މުސްތަގްބަލެއްގައި އޭނާއަށް ދިވެހި ފަސްގަނޑުގައި ފައި ޖައްސާލަން ލިބުމެވެ. އޭނާގެ އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ގާތް ރަހުމަތްތެރިން ތިބި ނ. މަނަދޫ އެވެ. ދެން ފުވައްމުލަކުގެ ރީތިކަން ބަލާލުމެވެ.

އިންޓަވިއު ނިންމާލަމުން، ދިވެހިންނާ ވާހަކަ ދައްކާލުމުން ކުރެވޭ އިހުސާސް އަހާލީމެވެ.

"ހީވަނީ އަހަރުމެންގެ މީހުންހެން،" އޭނާ ބުނެލި އެވެ.

ކޮމެންޓް (8)

ގހވހވ

19 އޭޕްރީލު 2025
ނޫން މަލިކު މީހުންގެ މިހާރު ދިވެހިވަންތަ ކަމެއްނެތް. ހެދުން އެޅުމާ ބަހުގެ ތެރެއިންވެސް އިންޑިޔާ ގެ ގޮތްގަނޑު ބޮޑަށް ސިފަވަނީ.
5 7

ވހވހގ

23 އޭޕްރީލު 2025
@ގހވހވ ދިވެހިންގެ ދިވެހި ވަންތަ ކަމެއްވެސް ނެތް. ލާ ހެދުން ފަރަންޖީ، ރަނގަޅަށް ދިވެހިން ވާހަކަދައްކަން އެނގޭ ޒުވާނަކީ ނެތް، ބޭނުންކުރާނީ ދިއިންގްލިޝް ބަހުރުވަ.
1 0

ވަންތަކަން

24 އޭޕްރީލު 2025
@ގހވހވ ދިވެހިވަންތަކަމޭ ކިއާއިރު އެއްވެސް ވަންތަކަމެއް ދިވެހިންގެނެތްކަން ނޭގުމަކީ ދެރަވަރު ކަމެއް.
1 0

ރޯނު އެދުރު

19 އޭޕްރީލު 2025
މަލިކަކީ ދިވެހި ރާއްޖޭގެ އޭރުގެ ސަރުކާރު / ރަސްކަމުގެ ނޭއްގާނީ ކަމުން ރާއްޖެއިން ބީވެގެންދިޔަ ރަށެއް. ދެންް އަދި އަމުދުން ފޯޅަވަހި ރާއްޖޭގެ ބަޔަކައް ހަދަން ހަނދާން ނައްތާލާ!
18 3

މުހައްމަދު

19 އޭޕްރީލު 2025
އިނސްޓާ އެޑްރެސް އެގޭތޯ!
1 4

ހާމީ

20 އޭޕްރީލު 2025
@މުހައްމަދު އެއޮތީ ޖަހާފަ ރަނގަޅައް ބަލާ
4 0

ހޮޅިބެ

19 އޭޕްރީލު 2025
ތިއީ ތީނަ ގެންނަންވެގެންތޯކުރިންތި ހައްދާލީ! ސަޔަނޯރާއެވެ! ރާއްޖެއަކީ ހޮޅީންގިނަ ތަނެކެވެ!ނާންނާތިއިނގޭތޯއެވެ
3 11

އަލީ

19 އޭޕްރީލު 2025
ހުތުރު ބަހުން ވާހަކަ ދެއްކުމަކީ ދިވެހިން އާދަހިފާފައިފައިވާ ދެރަ މައްސަލަ އެއް. ޓިކްޓޮކް ސަމާ މެންވެސް ހުތުރު ބަހުން ވާހަކަ ދައްކާ މީހުން ޝޯއަށް ނުގެންނާނެ ނަމަ ހާދަ ރަނގަޅޭ. މަލިކުގައި އުޅޭ މީހަކަށް ހުތުރު ބަހުން މެސެޖްކުރުމަކީ ކޮން ފައިދާ އެެއް އޮތް ކަަމެއް ތޯ؟
31 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް