ޓޫރިސްޓުންތަކެއް ހުޅުލޭ ފާލަން މަތީގައި: ރާއްޖޭގެ ޓޫރިޒަމްގައި އިންޑިއާގެ ޓޫރިސްޓުންގެ ދައުރު ބޮޑު --ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

ޓޫރިޒަމް

އެންމެ މެސެޖަކުން ވެސް ގައުމުގެ ދުވަސް ދުއްވާލެވިދާނެކަން ހަނދާންކުރާތި!

ސަރުކާރުގެ ޒިންމާއާ ހަވާލުވުމަކީ އެކްޓިވިޒަމް ކުރިއަށް ނެރުމެއް ނޫން. ރައްޔިތުންގެ ފައިސާއިން މުސާރަ ނަގަންޏާ ގައުމުގެ މަސްލަހަތަށް ވެސް ވިސްނަން ޖެހޭނެ
7 ޖެނުއަރީ 2024
7

ސަރުކާރުގައި ތިއްބެވި 'އެކްޓިވިސްޓް' ސިޔާސީ ބޭފުޅުންނަށް މި ގައުމުގެ ޓޫރިޒަމް މިހާރު އޮތް ހާލަތު އެނގިވަޑައިނުގަންނަވަންޏާ މި ތަނުގައި ކުޑަ ހުލާސާއެއް ދޭނަމެވެ.

އާ އަހަރުގެ ޓޫރިޒަމް ފެށިފައި މި އޮތީ އުފާވެރި އިރަކާ އެކު އަލިވިލިގެންނެއް ނޫނެވެ. މީގެ ކުރިން ނަމަ ޖެނުއަރީ މަހު ފުލްވާ ގިނަ ރިސޯޓްތައް މިހާރު އެ ހިންގަނީ %50ގެ އޮކިއުޕެންސީއެއްގަ އެވެ.

"ޔޫރަޕް ފުނޑެމުން ދާތީ އަހަރެމެން މި އުޅެނީ ވީހާވެސް ބޮޑަކަށް އިންޑިއާގެ މާކެޓަށް ވަދެވޭތޯ،" ރާއްޖޭގައި އެތައް ރިސޯޓެއް ހިންގާ ކުންފުންޏެއްގެ ބޭފުޅަކު، މިއަދު ހެނދުނު، އަޅުގަނޑު ގާތު ވިދާޅުވި އެވެ.

"ރިސޯޓްތަކަށް ހަމަ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ މިހާރު މި ދާ ގޮތުން. އިންޑިއާ މި އޮތީ އެންމެ ފަސޭހައިން މާކެޓް ފުޅާކުރަން ވެސް."

އެކަމަކު މިދިއަ ދެ ދުވަހު ސަރުކާރު ފަޅިން މި ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ލަކްޝަދީޕް އިސްތިހާރުކުރުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ލިއުއްވި މެސެޖަކީ ރާއްޖެއަށް ރަނގަޅު ފިލާވަޅެއް ކަމަށް އިންޑިއާގެ ބައެއް އާންމުން ފާޅުކުރަން ފެށި ހިޔާލުތަކުގެ ތެރެއަށް ދިވެހި ސޯޝަލް މީޑިއާ އަހުލުވެރިން ގޮސް ހުސްވީ އެވެ. ހުރިހާ ކަމެއް އެނގިގެން އުޅޭ ދިވެހި އެކްޓިވިސްޓުން އެއްވެސް ބެލުމެއް ނެތި އިންޑިއާ އަށާއި މޯދީ އަށާއި އިންޑިއާ މީހުންނަށް ހުތުރުކޮށް ކުރި މަލާމާތުގެ މެސެޖްތައް އެކްސްގައި ހިނގައިގަތެވެ. އިންޑިއާގެ ބައެއް އާންމުންނާއި ދިވެހިން ޖެހިފިތުނީ އެވެ.

އިންޑިއާޔާއި އެ ގައުމުގެ ބޮޑު ވަޒީރަށް ފާޑު ވިދާޅުވި ދެ ނައިބު މިނިސްޓަރުން ކަމުގައިވާ ޝިއުނާ (ކ) އަދި މަލްޝާ (ވ) ދެން އިންޑިއާ ބޮޑުވަޒީރު މޯދީ ލަކްޝަދީބުގެ މޫދުގައި

މިކަން އެއަށް ވުރެ ހޫނުވެދާނެ ކަމަށް، ރޭ އަޅުގަނޑާ ދިމާވި ޓޫރިޒަމް ދާއިރާގެ ބަޔަކާ އެކު ދެކެވުނު ވާހަކަތަކުގައި ލަފާކުރެވުނެވެ. އެންމެ ފަހުން މިހާރު މި އޮތީ އެ ހޫނުގަނޑަށް ރާއްޖޭގެ ޓޫރިޒަމް ވެއްޓިފަ އެވެ. އިންޑިއާގެ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިން އެ ނުކުތީ ރާއްޖެއާ ދެކޮޅަށް ކަމަށް ބަލަން ޖެހިއްޖެ އެވެ.

"މިހާރު މި އޮތީ އެމީހުންގެ ގައުމީ ކަމަކަށް ބަހުސް ބަދަލުވެފައި،" ޓޫރިޒަމް މާކެޓިން ދާއިރާގެ ތަޖުރިބާކާރަކު، ފޯނުން އަޅުގަނޑާ ދެއްކެވި ވާހަކައެއްގައި، މިއަދު ވިދާޅުވި އެވެ.

"އިންޑިއާ މީހުންނަކީ ސާފުތާހިރު ނޫން ބައެކޭ، އިންޑިއާގެ ކޮޓަރިތަކުން ދުވާނީ ނުބައި ވަހޭ، މިހެން ގޮސް އެކިޔާހާ އެއްޗެއް އެ މީހުން ނުނަގާނެ ކުޑަކޮށެއް. މިއީ ހަމަ ވަރަށް ބޮޑު މައްސަލައެއް."

އަކްޝޭގެ ތައުރީފް އަބަދުވެސް ރާއްޖެއަށް އޮވެ އެވެ. މި ފަހުން ވެސް އޭނާ އެދިޔައީ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އެކަމަކު މި ގައުމުގެ ސިިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން 'ގައުމީ ބަަތަލުން'ގެ ގޮތުގައި ނަގާ ބައެއް މީހުން ކޮށްފައި ހުރި މެސެޖްތަކުން އޭނާ ރާއްޖެ ދެކެ ފޫހިވެއްޖެ އެވެ. އަކްޝޭގެ ބަހުން ނަމަ "ޑިގްނިޓީ ފަސްޓް' އެވެ. 

"އަހަރެމެންގެ މި ގައުމުގެ އަމިއްލަ ޓޫރިޒަމަށް ސަޕޯޓްކުރަމާ ހިނގާށެވެ،" އަކްޝޭ ލިއުނެވެ.

އާއެނކެވެ. ރިޒުގު ދެއްވަނީ މޯދީ އާއި އަކްޝޭއެއް ނޫނެވެ. ރިޒުގު ދެއްވާ ފަރާތަކީ މާތް ﷲ އެވެ. އެކަމަކު އެ ރިޒުގު ލިބެން މެދުވެރިކުރައްވާ ސަބަބުތައް ވެސް ހުރެ އެވެ. ސައުދީ އަރަބިއްޔާ އާއި މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ތެލާއި ގޭހުގެ މުއްސަނދިކަމެވެ. އެހެން ގައުމަކުން އިންސާނަކު އެތަންތަނަށް ޒިޔާރަތް ނުކުރިޔަސް، އެ ތެލާއި ގޭސް ހުސްވަންދެން، އެ ރިޒުގު އެހުރީ ލިބިލިބި އެވެ.

ފުލިދޫގެ ގޮނޑުދޮށުގައި ޓޫރިސްޓުންތަކެއް މަހާއި މިޔަރަށް ކާންދެނީ: އިންޑިއާގެ ގިނަ ޓޫރިސްޓުން އަންނަނީ ރާއްޖޭގެ ގެސްޓްހައުސްތަކަށް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ރާއްޖެއަށް މާތްﷲ ދެއްވީ ދުނިޔޭގެ ގުދުރަތީ ރީތިކަމެވެ. އެކަމަކު ރީތިކަން އޮވެގެން އެ ރިޒުގު އަދި ހޯދައެއް ނުގަނެވެ އެވެ. އެ ރީތިކަމުގައި އެހެން އިންސާނުން ހިތްއުފާކޮށްލެވޭނެ ތަންތަން ހަދަން ޖެހެ އެވެ. އެ މީހުންނަށް ހިދުމަތްތައް ފޯރުކޮށްދޭން ޖެހެ އެވެ. ދިވެހިން 1972 އިން ފެށިގެން މި ވިއްކަނީ އެ އެވެ. މަސްވެރިކަމުގެ ރިޒުގަށް ވުރެ ޓޫރިޒަމްގެ ރިޒުގު މާ މަތިވެ، ގައުމު 'މުއްސަނދިވީ' އެވެ.

ޓޫރިސްޓުންގެ ގޮތުގައި އަންނަ އިންޑިއާގެ ރައްޔިތުންނަށް ވެސް މި ވިއްކަނީ އެ އެވެ. ރާއްޖޭގެ ރީތިކަމުން އުފާ ހޯދައިގެން، ޗުއްޓީ ނިންމާފައި ފުރައިގެން ދަނީ އެވެ. އަހަރެމެންނަށް އެއިން ރިޒުގު ދީފަ އެވެ.

މިދިއަ އަހަރު އިންޑިއާއިން ރާއްޖެއަށް 200،000އަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ. އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އޭގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގަ އެވެ. އަގުބޮޑު ރިސޯޓްތަކަށް ދަނީ އިންޑިއާގެ ޓޫރިސްޓުންގެ ތެރެއިން ވަރަށް މަދު ބައެކެވެ. އަކްޝޭ ކަހަލަ މަތީ ފަންތީގެ މީހުންނެވެ.

"މީގެ އެންމެ ބޮޑު އަސަރެއް ކުރާނީ އަހަރެމެންގެ ގެސްޓްހައުސްތަކަށް،" އިންޑިއާއިން އަންނަ ޓޫރިސްޓުން މަދުވެއްޖެ ނަމަ ވާނެ ގޮތަކާ މެދު އެއް ތަޖުރިބާކާރު ވިދާޅުވި އެވެ.

"އިންޑިއާ މީހުންގެ ޗުއްޓީތައް ކެންސަލްކުރާ ނަމަ ހަމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނީ ގެސްޓްހައުސްތައް ހިންގާ މީހުންނަށް."

ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމަށް: ދިވެހިންގެ ސަބަބުން މި އިންޑަސްޓްރީއަށް ލޮޅުން އަރައިގެން ނުވާނެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކޮވިޑް-19ގެ އެ ބޮޑު ވެއްޓުމުގައި ރާއްޖޭގެ ޓޫރިޒަމަށް ދިރުން ގެނެސްދިން މައިގަނޑު ބަޔަކީ އިންޑިއާ ޓޫރިސްޓުންކަން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އެއީ އަހަރެމެން އެންމެންގެ އާމްދަނީއަށް ދެން ވާނީ ކިހިނެއްކަމާ މެދު ސުވާލު އުފެދުނު ދުވަސްވަރެވެ. އެ ނަސީބު ދިވެހިންނަށް ލިބުނީ ރާއްޖެއާ އިންވެގެން އިންޑިއާ އޮތުމުންނެވެ. މިހާރު ކުރިއަށްދާ ޔޫރަޕްގެ ހަނގުރާމަ އާއި މެދުއިރުމަތީގެ ހަނގުރާމައަށް ބަލާއިރު ވައިގެ ދަތުރުފަތުރަށް ބުރުލެއް އެރިޔަސް، ޖެހިގެން މި އޮތް ބޮޑު އަވަށްޓެރިޔާގެ އެއާލައިންތަކުން ރާއްޖެއަށް ދަތުރުކުރާކަށް ހުރަހެއް ނޯންނާނެ އެވެ. ވިސްނާ ދިވެހިން ވިސްނާށެވެ. މިއީ ކިހާ ބޮޑު ނަސީބެއް ހެއްޔެވެ؟ އާއެނކެވެ. މި ނަސީބު ވެސް ލިބޭނީ މާތްﷲގެ އިރާދަފުޅުންނެވެ.

މުޅި އިންޑިއާގެ ނުރުހުން ރާއްޖެއަށް އަމާޒުވާ ކަހަލަ މެެސެޖްތައް ކުރި ސަރުކާރުގެ މުވައްޒަފުންނާ މެދު ރައީސް މުހައްމަދު މުއިއްޒު ފިޔަވަޅު އަޅުއްވަން ޖެހޭނެ އެވެ. މަގާމަށް ހަމަޖެއްސެވި ފަހުން އެމްޑީޕީގެ ހަރަކާތްތެރިއެއްކަން އެނގިވަޑައިގަތުމުން އެންމެ ތިން ދުވަހުގެ ތެރޭގައި ސްޓޭޓް މިނިސްޓަރުކަމުން ވެސް ބޭފުޅަކު އެ ހުރީ ވަކިކުރައްވައިފަ އެވެ. މިއީ އެއަށް ވުރެ މާ ސީރިއަސް، މާ ހޫނު އަދި މާ ބޮޑު މައްސަލައެކެވެ.

ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާ ނަމަ، މުޅި ގައުމުގެ މަސްލަހަތަށް ވެސް ވިސްނަން ޖެހޭނެ އެވެ. ސަރުކާރުގެ ވެރިންގެ ފެންވަރަށް ދިޔުމުން އެކްޓިވިޒަމް ޖެހޭނީ ދޫކޮށްލާށެވެ. ވާން ޖެހޭނީ ހަރުދަނާ އެވެ. ލިއަން ޖެހޭނީ މަލާމާތުގެ ބަސްތަކެއް ނޫނެވެ.

"މިއިން މީހަކަށް ނުވެސް އެނގޭނެ އަހަރެމެން މި ކުރާ މަސައްކަތްތަކެއް،" އަޅުގަނޑާ މިއަދު ފޯނުން ވާހަކަދެއްކެވި ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރުމުގެ ތަޖުރިބާކާރަކު، ވިދާޅުވި އެވެ.

"މި މީހުން ހިތަށްއެރިހާ އެއްޗެއް ލިއެ، ގޮވާ ހެދީމާ ދެން އަނެއްކާ އަހަރެމެންނަށް މި ޖެހެނީ އެހެން ހުރިހާ ކަމެއް ހުއްޓާލާފައި ގެއްލުން ފޫބައްދަން އުޅެން. ފޫބެއްދޭނެތަ؟"

ގައުމުގެ އިގުތިސާދު ފުނޑޭ ކަހަލަ ކަންކަމާ ދުރުގައި ތިބެން ދަސްކުރާށެވެ. މިއީ އެންމެ މެސެޖަކުން ވެސް މުޅި ގައުމު ހަލާކުގެ ތެރެއަށް ވެއްޓިދާނެ ޒަމާނެކެވެ. ވިސްނާށެވެ! ހިތަށްއެރިހާ އެއްޗެއް، ހިތަށްއެރި ބަޔަކާ ދިމާލަށް ގޮވާލުމަކުން ނިމުނީއެއް ނޫނެވެ. އެއީ އަދި ބޮޑު މައްސަލައެއްގެ ފެށުމެވެ.

އެކަން މިހާރު މި ފެންނަނީ އެވެ.

ކޮމެންޓް (7)

ކެނެޱާ އަކުސޭ

15 ޖެނުއަރީ 2024
ހަޤީގަތަކީ މިއަދު މިކަމުން ދިވެހިރާއްޖެއަށް ވާގެއްލުން ހަމަ މޯދީގެ ކުދިންނައްވެސްވާނެކަން. ކުރީދުވަހެއްގަ އޮތް ނޫސްތަކުގަ ކޮންމެވެސް އިންޱިއާ ކުންފުންޏަކުން ހަދާރިސޯޓެއްގެ ޙަބަރު އެވެރިން ރިސޯޓްހެދުން ކުރިއަށް ގެންދާނެ ވާހަކަ ބަލަ އެހެން ބުނިއިރު ނޭގެނީތޯ ވަކިމުއްދަތެއްފަހުން ސަރުކާރައް ކުލިދައްކަންޖެހޭނެކަން. އިމިގުރޭޟަނުން ވަރައްގާތުން ބަލަން އެބަޖެހޭ އިރުއިރުކޮޅާ ޓުއަރިސްޓް ވިސާގަ އަންނަމީހުން އައިސް ވަޒީފާއަދާކޮށްފަ ލާރިހިފައިގެންދަނީ
0 0

ބޓ އަދުރޭ

15 ޖެނުއަރީ 2024
މައުލޫމާތު ހޯދަން މަތީފަންތީގެ ރިސޯޓްތަކުގަ އުޅޭނެ ދިވެހިންވެސް ކޮންމެވެސް ވަރަކަށް ރަނގަޅުވަޒީފާތަކުގަ އެމީހުންނައް ގުޅައިގެން ސައްހަމައިލޫމާތު ތިޔަ އިންޱިއާ ޓުއަރިސްޓުންނާބެހޭގޮތުންހޯދަބަލަ ކަލޯ މޫސާ
0 0

ހުނަގާނު

7 ޖެނުއަރީ 2024
އިންޑިޔާ މީހުން އައިސްގެން މާގިނަ ފައިދާތަކެއްނުވޭ އެމީހުން އަންންނީ އެންމެ ދައްފަންތީގެ ރޭޓުގަ. ތިބުނާ ސެލެބުރިޓީން އަންނަނީ ހިލޭ އެތައްކަމެއް ކުރުމަށް ޑިމާންޑުކޮށްގެން. އަނެއްކާ އެމީހުންގެ އުޅުން ހުންނަނީ ހިދުމަތްދޭމީހުންނަށް ވަރަށް އުދަގޫކުރާ ގޮތްގަޑަކަށް އަހުލާގުގެ ބައިވެސް ވަރަށް ދަށް ބައެއް އެއީ. ދާއިރާގަ ނޫޅޭ މީހަކަށް ނޭންގިދާނެ. ކޮފީމޭޒުގަ ދައްކާވާހަކަ ލިޔަން ނޫސްވެރިޔާއަށް އެގުނަސް.
7 7

މޫސަބެ

7 ޖެނުއަރީ 2024
ޓޫރިޒަމުގެ އެންމެން ފޯނުކޮށްފައި މިނޫސްވެރޔަގެ ގާތު މިވާހަކަތައް ބުނުމުން ސުއާލު ނުއުފެދެނީ ކީއްވެބާ///
5 7

އަމީން

7 ޖެނުއަރީ 2024
@މޫސަބެ ނޫސް ވެރިޔާ ރިޕޯޓެއް ލިޔުމުގެ ކުރިން އެދާއިރާ މީހުންގެ ބަސް ހުރީ ކިހިނެއްތޯ ބަލާނެ، އަދި މި ދާއިރާ އަށް މިހާލޮޅުން އަރާ މައްސަލައެއް ދީމާވީމާ ދާއިރާގަ މަސައްކަތް ކުރާމީހުން ރާއްޖޭގަތިބި މިކަހަލަ މައްސަލަތައް ރަނގަޅަށްކަވަރު ކުރާހުރިހާ ނޫސްވެރިންނަށް ގުޅާފަ އެމީހުންގެ ކަންބޮޑުވުން ކިޔައިދޭނެ. މޫސަބޭ ވާނުވާގަ ހުއްޓަސް މިގައުމުގަ އެބަތިބި ގައުމީކަންކަމާ ވިސްނާފިކުރު ކޮށްހަދާ މީހުން!
2 0

އަކްޝޭ

8 ޖެނުއަރީ 2024
@އަމީން ތީ ވިސްނޭ މީހެއް.
0 0

މޮޑީ

8 ޖެނުއަރީ 2024
@މޫސަބެ ނޫސްވެރިޔާއޭ ކިޔާފަ ކޮމެންޓް ކުރާއިރު ދޭހަވަނީ މިރާއްޖޭގެ ނޫސްވެރިން ނޭނގޭ ނޫނީ އިއްޔެ މެންދުރުގެ ކުޑަ ކުއްޖަކު ކުރި ކޮމެންޓެއްހެން. މިރިޕޯރޓް ލިއުނީ މިރާއްޖޭގެ އެންމެ ތަޖްރިބާކާރު އެއް ނޫސްވެރިޔާކަމެއް މީނަޔަކަށް ނޭނގުނު. އޭނަ ހަވީރު ނޫހުން ފެށިގެން އެކަމުގަ އުޅޭތާ 35 އަހަރު ވެއްޖެ. އެންމެ ފަހުން ހަވީރުގެ އެޑިޓަރ. އެހެންވީމަ މިރާއްޖޭގެ އިސްސަފުގަ ނޫޅޭނެ މޫސާ ލަތީފް ނުދަންނަ މީހެއް.
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް