ޖޫން 15، 2022: ހެއްކާބެހޭ ބިލު ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީއިން އެމްއެމްސީ އަދި އެމްޖޭއޭއާ ބަދަލުކުރުން: އެމްއެމްސީގެ މެންބަރުން (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ހެއްކާ ބެހޭ ބިލު ތަސްދީގުކޮށްފި ނަމަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލު ތަސްދީގުކޮށްފި ނަމަ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބައެއް ހާލަތްތަކުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން މަޖުބޫރުކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ހެއްކާ ބެހޭ ބިލު ވަނީ ފާސްކޮށްފަ އެވެ. އެގޮތުން އެ ބިލްގައި ވަނީ:
-
މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް
-
އެމްއެމްސީން ކުރިން ވަނީ، އެ ބިލުގެ 136 ވަނަ މާއްދާ އަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ އެ މާއްދާ އުނި ކުރުމަށް ގޮވާލާފައި
ބުނީ ކީކޭ؟ - އެމްއެމްސީން މިއަދު ބޭއްވި އެ ތަނުގެ 38 ވަނަ ޖަލްސާއިން ނިންމާފައިވަނީ، ހެއްކާ ބެހޭ ގާނޫނު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި ނަމަ، އެ ގާނޫނުގެ 136 ވަނަ މާއްދާ ބާތިލު ކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ.
އެނގުން މުހިއްމު- މި މައްސަލައިގައި މީގެ ކުރިން ނޫސްވެރިން ވަނީ މަޖިލިސް އިދާރާ ކުރިމަތީގައި އިހްތިޖާޖުކޮށްފަ އެވެ.
ހެއްކާ ބެހޭ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާޒް ގިލްޑުން ރައީސް ސޯލިހަށް މިއަދު ވަނީ ގޮވާލާފަ އެވެ.
އެ ޖަމިއްޔާތަކުން ބުނީ އެ ބިލްގެ 136 ވަނަ މާއްދާ މިހާރު އޮތީ އެ މާއްދާ ފުޅާކޮށް މާނަކޮށް، ބާރުގަދަ ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭ ފަދަ ގޮތަކަށް ކަމަށެވެ.
"މިފަދަ ގޮތްތަކަކަށް ގާނޫނު ބައްޓަން ކުރުމަކީ ރައްޔިތުންގެ އިތުބާރު އޮތް ދައުލަތުގެ ނިޒާމެއް ގާއިމްވެފައި ނެތް ގައުމެއްގައި، ބާރާއި ނުފޫޒުގައި ތިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ ހައްގަށް ހުރަސް އަޅަން ފުރުސަތު ލިބޭ ކަމެއްކަން މާޒީން ވެސް ވަނީ އެނގިގެން ގޮސްފަ އެވެ." ބަޔާނުގައި ބުންޏެވެ.
ޖަމިއްޔާތަކުން ބުނީ އެއީ ނޫސްވެރިޔާ އާއި ނޫސްވެރިޔާގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ހާލަތެއް ކަމަށާއި އެކަމުގެ ސަބަބުން ނޫސްވެރިން ޖަލަށްލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.
މި ބިލާ މެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ ބިލު ފާސްކުރުމުން ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ޖަމިއްޔާތަކުން ވެސް ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.