ގދ. މަޑަވެއްޔަށް އުދަ އަރައި ފެންބޮޑުވުމުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެ ރަށުގެ ރައްޔިތުން އިއްޔެ ކުރަނީ. (ފޮޓޯ/ އިލްހާމް މުހައްމަދު، ޓުވިޓާ)

މޫސުން

މޫސުން ގޯސް 2 ދުވަސް؛ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފި

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، އުދަ އަރާނެ ކަމަށް ވަނީ ލަފާކޮށްފައި

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ހުޅަނގާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ، މޫސުން ވަރަށް ގޯސްވާނެ ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ހިމެނޭހެން ރާއްޖޭގެ އެކި ރަށްރަށަށް އިއްޔެ ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރާ ގޮތުގައި، މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ.

ތަފްސީލް - މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިއަދު ޔެލޯ އެލާޓް ނެރެފަ އެވެ. މެޓުން ލަފާކުރާ ގޮތުގައި، އެ އަތޮޅުތަކުގެ ރަށްތަކަށް:

  • ބޯކޮށް ވާރޭ ވެހޭނެ

  • ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ

  • ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ބެލެވޭ

އެނގުން މުހިންމު - މިއަދު ވެސް ރާއްޖެއަށް މޫސުން ގޯސް އިރު، ބައެއް ރަށްތަކަށް އުދަ އަރައިގެން އަންނަނީ ރިޕޯޓު ކުރަމުންނެވެ.

ބުނީ ކީކޭ؟ - ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް ދިޔަވަރު ބޮޑިވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރާތީ، އެ ކަމަށް ތައްޔާރަށް ތިބުމަށް އެންޑީއެމްއޭ އިން ރޭ ވަނީ އިލްތިމާސްކޮށްފަ އެވެ. އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންގެ މުދަލާއި އިމާރަތްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން އެޅިދާނެ ފިޔަވަޅުތައް ކަމުގައި އެންޑީއެމްއޭ އިން ބުނީ:

  • ވާރޭ ވެހުމާއި އުދަ އަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން 

  • ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އަޅައި ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން

  • ގޭތެރޭގައި ފެން ބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ އުސް ތަންތަނަށް ބަދަލުކުރުން

  • އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން 

  • ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލާފާނެ ކަމަށް ލަފާ ކުރެވޭ ނަމަ ދުރާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެ ގޮތަކަށް ހައްޔަރުކުރުން 

  • ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން 

  • ބޭނުން ނުކުރާ ނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން 

  • ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން؛ ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް