އައްޑުއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން. (ފޮޓޯ/ކައުންސިލް)

ފެންބޮޑުވުން

އައްޑޫ އާއި ބައެއް ރަށްތަކަށް އުދަ އަރައި ފެނު އަޑީގައި

އުދަ އެރި ގިނަ ރަށްރަށުން ބުނީ ގިނަ ގެތަކަކަށް ލޮނުގަނޑު ވަދެ، ބައެއް ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ހިމެނޭހެން ރާއްޖޭގެ އެކި ރަށްރަށަށް މިއަދު ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެނގުން މުހިއްމު - މެޓް އޮފީހުން ވަނީ އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހަވީރު 3 އިން 6 އަކަށް ވައިޓް އެލާޓް ނެރެފަ އެވެ. މެޓުން ވައިޓް އެލާޓް ނެރެފައި ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ އަތޮޅުތަކަށެވެ.

ތަފްސީލް - މެޓުން ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ހަވީރުން ފެށިގެން ދަނީ އުދަ ރައަރަމުންނެވެ. އެގޮތުން، އެންމެ ބޮޑަށް އުދައިގެ އަސަރުކުރަމުން ދަނީ އައްޑުއަށެވެ. އައްޑޫގެ މޭޔަރު އަލީ ނިޒާރު 'ދައުރު'އަށް މިއަދު ވިދާޅުވީ އެ އަތޮޅުގެ ހުރިހާ ރަށަކަށް އުދައަރަމުން ދާ ކަމަށެވެ.

އޭނާ ހިއްސާކުރެއްވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ވަރަށް ބާރު ޕްރެޝަރުގައި ރަށު ތެރެއަށް ލޮނުގަނޑު ވަދެގެން ގޮސް ގޭގެއަށް ފެން ވަންނަ ތަން ފެނެ އެވެ.

"އަދިވެސް އުދަ އަރާ އެބަ. ބައެއް ގެތައް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައި ހުރީ. މިހާރު ރިޕޯޓު ލިބެނީ ތިން ގެއެއްގައި ފެންބޮޑުވެފައިވާ ކަމަށް،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ގެތަކުގައި ވެލި ބަސްތާ ޖަހައިގެން ނަމަވެސް، ފެން ވަނުން ހުއްޓުވުމަށް ކަމަށެވެ.

އައްޑޫގެ ރަށްތަކަސް އުދައަރައި މަގުތައް ފެންބޮޑުވެފައި

ތ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް އުދައިގެ އަސަރު ކުރަމުންދާއިރު އެ އަތޮޅު ކިނބިދުއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެ ރަށު ކައުންސިލްގެ ރައީސް އަލީ ހުސެއިން ވިދާޅުވީ އެ ރަށުގެ ދެބައި ކުޅަ އެއްބައި ފެން ބޮޑުވެފައިވާ ކަމަށެވެ.

"މިކޮޅު ހާލަތު ވަރަށް ގޯސް، ރަށުގެ ދެބައި ކުޅަ އެއްބައި އެއްކޮށް ފެންބޮޑުވެއްޖެ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުދަ އެރުމުން ލިބުނު ގެއްލުންތައް ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ކައުންސިލުން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ހުވަދު އަތޮޅުގެ ރަށްރަށަށް ވެސް އުދައަރަމުން ދާއިރު، ގދ. މަޑަވެއްޔަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މަޑަވެލީގެ ހާލަތާ ގުޅޭ ގޮތުން އެ ރަށު ކައުންސިލްގެ ރައީސް ފިޔާޒް ހަސަން 'ދައުރު'އަށް ވިދާޅުވީ މިހާރު ރަށުގެ %98 އޮތީ ފެނުއަޑީގައި ކަމަށެވެ.

"ރަށް ހަމަ އެއްކޮށް ނެތިގެން ދަނީ،" ފިޔާޒް ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ރަށުގެ ދެކުނު ފަރާތަށެވެ. އެގޮތުން، ރަށުގެ 10 ގެ ފިޔަވައި އެހެން ހުރިހާ ގެއަކަށް ފެންވަދެފައިވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ. އަދި މުދަލަށް ގެއްލުން ލިބި ބައެއް ގެތަކަށް ބޭނުން ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އެއްވެސް އިދާރާއެއްގެ އެހީތެރިކަން ނުލިބޭ ކަމަށާއި ކައުންސިލަށް ވެސް މިވަގުތު ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.

އެންޑީއެމްއޭގެ ބަސް - ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މިހާރު އެ އިދާރާ އިން އަންނަނީ އުދައިގައި ގެއްލުން ލިބުނު ރަށްތަކުގެ މައުލޫމާތު އެއްކުރަމުން ކަމަށެވެ. 

ކޮމެންޓް (1)

🚨🚨🇲🇻

1 ޖުލައި 2022
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުދައެރުމުގެ ސަބަބުން ގެއްލުންވަމުންދާ ފަރާތްތަކަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދެއްވާންދޭވެ!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް