މިއަދު ބޭޢްވި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ބައްދަލުން (ފޮޓޯ/މަޖިލިސް)
ދައްޕަރު ޕެޓިޝަން އޮއްބާލަން މަޖިލީހުގެ ބައެއް މެންބަރުން ވާހަކަ ދައްކަވައިފި
ހއ. ފިއްލަދޫ އިހުތިސޯސުން ދައްޕަރު ވަކިކުރި މައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ޕެޓިޝަން ކޮމިޓީގެ ބައެއް މެންބަރު މިއަދު އެ ކޮމިޓީގައި ވަކާލާތު ކުރައްވައިފި އެވެ.
މައްސަލައިގެ ފެށުން - ފިއްލަދޫއާ އެއްކޮށް އޮންނަ ދައްޕަރު އެ ރަށުގެ އިހުތިސޯސުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 29 ގަ އެވެ. ފިއްލަދޫގެ އިހުތިސޯސުން ދައްޕަރު ވަކިކޮށް ސަރުކާރުން އާންމުކުރި ގަރާރުގައި ދައްޕަރު ހިމަނާފައިވަނީ ރިސޯޓު ތަރައްގީ ކުރާ ރަށެއްގެ ގޮތުގަ އެވެ.
މައްސަލައިގައި ފާހަގަވާ ކަންކަން
-
އެރަށުގެ އިހުތިސޯސުން ދައްޕަރު ވަކިކޮށްފައި ވަނީ ކައުންސިލަށް އެނގުމަކާ ނުލައި މަޝްވަރާ ވެސް ނުކޮށް ކަމަށް
-
ފިއްލަދޫގެ ލޭންޑު ޔޫސް ޕްލޭނުގައި ދައްޕަރު ހިމަނައި، ދައްޕަރުން ރައްޔިތުންނަށް ފައިދާވާނެ ގޮތްތަކެއް ދިޔައީ ރާވަމުން.
-
ފިއްލަދޫގެ އިހުތިސޯސްގެ ތެރޭ ދައްޕަރު އަލުން ހިމެނުމަށް ގޮވާލާ އެރަށުގެ 467 މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފައިވާ
ވީ ކިހިނެއް؟ - ފިއްލަދޫ ރައްޔިތުންގެ އެ ޕެޓިޝަން މިދިޔަ ހަފްތާ މަޖިލީހަށް ހުށަހަޅާފައިވާއިރު، ޕެޓިޝަނާ ގުޅޭގޮތުން މިއަދު ޕެޓިޝަން ކޮމެޓީގައި ވާހަކަ ދެއްކެވި ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމް ވަކާލާތު ކުރެއްވީ ފިއްލަދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ރައީސަށް ހުށަހަޅައި އެ ކަންބޮޑުވުންތަކަށް ހައްލެއް އަންނަންދެން ޕެޓިޝަން ދިރާސާކުރުން ކޮމިޓީން މަޑުޖައްސާލުމަށެވެ.
އެގޮތަށް އޭނާ ހުށަހެޅުއްވި ސަބަބުތަކެއް ކަމަށް ވިދާޅުވީ:
-
ސަރުކާރުން ހިންގާ އިގްތިސާދީ މަޝްރޫއަކާ ގުޅުން ހުރި ޕެޓިޝަނަކަށް ވާތީ
-
މަޖިލީހަށް ޕެޓިޝަން ލުމުގެ ކުރިން މެންބަރާއި ރައީސާ ވެސް މަޝްވަރާކޮށްފައި ނުވާތީ
-
ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން
"ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެން ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ. ސަރުކާރުން ކުރާ ކަންކަމާ އެއްބާރުލުން ދޭން ޖެހޭ .ސަރުކާރަށް އަބަދު ގުޑުން އަންނަ ގޮތަށް، ރަށްރަށުގެ ގާނޫނުތައް މިއަދު ހެދި، އެ ހުރިހާ ކަމެއް ވެފައި އޮއްވާ، އަޅުގަނޑަށް ފެންނަނީ އެމްޕީ މެދުވެރިވެ ވަޑައިގެން ކައުންސިލާ އެމްޕީ އާ ރައީސް އާ މަޝްވަރާ ކުރެއްވުން،" މެންބަރު ގާސިމް ހުށަހެޅުއްވި އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވެސް ވިދާޅުވީ، ކޮމެޓީގައި މައްސަލަ އިހަށް މަޑުޖައްސާލަން އޭނާ ވެސް ތާއީދު ކުރައްވާ ކަމަށެވެ. ފިއްލަދޫ ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، މެދުވެރިކޮށް އެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ހަަސަން އަހުމަދު ވިދާޅުވި އެވެ.
"ސަރުކާރުން ބޭނުންވޭ ރާއްޖޭގައި ވަޒީފާތަކާ، ޑިވެލޮޕްމެންޓާ އެއްޗެހި ގެނެސްފައި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ރާއްޖެ ބިނާކުރަން. އެހެންވެއްޖެއްޔާ އެ އޮޕްޝަން އެބައޮތޭ މިއަދުވެސް މި ކަންބޮޑުވުމަށް. އަޅުގަނޑަށް ހީވަނީ އިއްޒަތްތެރި މެންބަރު ރައީސަށް ދަންނަވާލައިގެން މި ކަންބޮޑުވުން ހައްލު ކުރުމަށް އެމްޕީ އުޅުއްވައިފިކަމަށް ވަންޏާ ރައްޔިތުންނަށްވެސް އަނެއްކާ މި ޕެޓިޝަން ހުށަހަޅައިގެން ފްލޯ އަށް ގޮސްގެން އަނެއްކާ ސަރުކާރާ ދިމާއަށް ރައްޔިތުން އެއްޗެހި ކިޔުމުގެ ބަދަލުގައި އެތެރެއިން މިކަން ކޮށްލަ ދެއްވުމަކީ އަޅުގަނޑު އެދޭ ކަމަކަށް ވާތީ ދަންނަވާލީ،" މެންބަރު ހަސަން އަހުމަދު ވިދާޅުވި އެވެ.
ދާއިރާގެ މެންބަރުގެ ބަސް - ފިއްލަދޫ ހިމެނޭ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ ކަންބޮޑުވުންތައް މީގެ ކުރިން ރައީސާ ހިއްސާ ކުރެއްވި ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ކަންތައްތައްތަކަކީ:
-
ރައީސް ފިއްލަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ހައްލު ހޯދާނެކަން
-
ޕެޓިޝަން ހުށަހެޅީ ދައްޕަރު މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް ދީފައިވަނިކޮށް
މުގައްރިރުގެ ނިންމުން - މެންބަރުންގެ ވާހަކަތައް އެހެން ހުރި ނަމަވެސް ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ކޮމިޓީ ނިންމާލައްވަމުން ވިދާޅުވީ ބައެއް މެންބަރުންގެ ކަންބޮޑުންތައް ހުރި ނަމަވެސް ފިއްލަދޫ ޕެޓިޝަން ދިރާސާކުރުމުގެ ކަންކަން ކޮމިޓީން ކުރިއަށް ގެންދާނެ ކަމަށެވެ.
މުހިންމު ހުށަހެޅުމެއް - އެ ޕެޓިޝަނަކީ ލާމަރުކަޒީ ގާނޫނާ ވެސް ގުޅުން ހުރި އެއްޗެއް ކަމުން އިކޮނޮމިކް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ބައްދަލު ކުރަން ހުށަހެޅި އެވެ. މީގެ އިތުރުން ޕެޓިޝަނާ ގުޅިގެން ފިއްލަދޫ ކައުންސިލާ ބައްދަލު ކުރަންވެސް މެންބަރު ހުށަހެޅުއްވި އެވެ.
އެނގުން މުހިއްމު - ދައްޕަރު، ފިއްލަދޫ އިހްތިސޯސުން ވަކިކޮށްފައިވަނީ ދައްޕަރުގައި ސެކަންޑް ހޯމް ޕައިލެޓް ޕްރޮޖެކްޓު ހިންގަން އުޅޭ ކަމުގެ އިޝާރާތެއް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްވާފައި ވަނިކޮށެވެ. މީގެ އިތުރަށް އެ މައްސަލައިގައި ހިތްހަމަ ނުޖެހިގެން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ވަނީ ފިއްލަދޫއިން ބޭރުކޮށްފަ އެވެ.
އިތުރަށް ކިޔާލަން: