ބޮޑު ހިޔާނާތުގައި ބައިވެރިވި އެސްއޯއެފްގެ މީހުން

އެސްއޯއެފް އަށް ދައުވާނުކުރަން ނިންމީ ވޮޑަމުލާ މައްސަލައިގައި އެކަނި: ޕީޖީ އޮފީސް

އެސްއޯއެފްގެ މައްޗަށް ދައުވާނުކުރަން ނިންމީ ކުރީގެ ޕީޖީ، އާއިޝަތު ބިޝާމް. އެ ނިންމުން ނިންމާފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމުގެ ކުރިން
28 ސެޕްޓެމްބަރު 2021

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލްވާ އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާނުކުރަން ނިންމީ ހަމައެކަނި ގއ. ވޮޑަމުލާ ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑަކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެސްއޯއެފްގެ މައްޗަށް ދައުވާނުކުރަން ނިންމީ ކުރީގެ ޕީޖީ، އާއިޝަތު ބިޝާމް އެވެ. އެ ނިންމުން ނިންމާފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމުގެ ކުރިންނެވެ.

މައްސަލައިގެ ފެށުން - އެ މައްސަލައިގައި އިއްޔެ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ، އެސްއޯއެފް އަށް ދައުވާ ނުކުރަން ނިންމި ސަބަބު ސާފުކޮށްދީފަ އެވެ.

ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ނައުފަލް ވިދާޅުވީ މައްސަލައިގައި ގިނަ އަދަދެއްގެ ފަރާތްތަކަށް ފައިސާ ލިބިފައިވާތީ އަދި މައްސަލައިގެ ހަގީގަތަށް ވާސިލުވުމަށްޓަކައި އެސްއޯއެފްގެ އެއްބާރުލުން ބޭނުންވާ ކަމަށް ދައުލަތަށް ގަބޫލުކުރެވޭތީ އެސްއޯއެފްގެ ފަރާތްތަކާ ސުވާލުކޮށް ކަންކަން ސާފުކުރި ކަމަށެވެ.

"ނަމަވެސް، އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނިންމީ،" ވަކީލު ވިދާޅުވި އެވެ.

ދައުލަތުން ބުނީ އެގޮތަށް ނިންމީ، މައްސަލައިގައި އެނގެން ހުރީ ހަމައެކަނި ޗެކުތަކުން ފައިސާ ދިޔަ ތަންތަން ކަމަށް ވާތީ އޭގެ އިތުރަށް ފައިސާ ދިޔަ ގޮތް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދައުލަތަށް ގަބޫލުކުރެވުމުން ކަމަށެވެ. އަދި އެކަން ކުރެވެން އޮތީ ފައިސާ ގެންދިޔަ ފަރާތްތަކުގެ އެއްބާރުލުން ހޯދައިގެން ކަމަށް ދައުލަތަށް ގަބޫލުކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.

"އަދި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށް ދައުލަތަށް ގަބޫލުކުރެވުނީ އެ ފަރާތްތަކަށް ދައުވާކުރުމަށް ވުރެ އާންމު މަސްލަހަތު އޮތީ އެ ފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމުގައިވާތީ. އެހެންވެ، ދައުވާ ނުކުރަން ނިންމީ،" ވަކީލު ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ ބަސް - އެ މައްސަލައިގައި ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް، މިއަދު ޕީޖީ އޮފީހުގެ މީޑިއާ ގުރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، މުޅި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފް އަށް ދައުވާ ނުކުރަން ނިންމީ ނޫން ކަމަށެވެ.

"ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާ ޓްރާންސެކްޝަން އާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޝަރީއަތުގައި ދެންނެވީ،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ އެމްއެމްޕީއާރްސީއާ ގުޅުން ހުރި އެހެން މައްސަލަތަކުގައި ދައުވާކުރެވޭ ވަރަށް ހެކި ލިބިއްޖެ ނަމަ އެސްއޯއެފް އަށް ދައުވާ ކުރާނެ ކަމަށެވެ.

"ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި ލާރިއާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޝަރީއަތުގައި ދެންނެވީ،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައީ ޔާމީންގެ އިސްތިއުނާފު މައްސަލަ ކަމަށް ވާތީ، ދައުލަތުގެ ވަކީލްވެސް ޖަވާބުދެއްވީ އެ މުއާމަލާތާ ގުޅޭގޮތުން ކަމަށެވެ.

"ވިދާޅުވެވުނު ގޮތުން އެރި އޮޅުމެއް ކަމަށް ވެދާނެ،" ޝަފީއު ވިދާޅުވި އެވެ.

ވޮޑަމުލާ މައްސަލައިގައި އެސްއޯއެފްގެ މައްޗަށް ދައުވާނުކުރަން ނިންމީ ޕީޖީ ހުސައިން ޝަމީމް ނޫންކަން ޝަފީއު ފާހަގަކުރެއްވި އެވެ. ނަމަވެސް ޕީޖީ ބަދަލުވިޔަސް، ޕީޖީ އޮފީހުން ނިންމާފައި އޮތް ނިންމުމެއް ނަގަހައްޓާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް