އުދައްޔުގެ މަަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ކްރިމިނަލް ކޯޓުގައި، 12 ޖޫން 2022

އުދައްޔުގެ މަރު

އުދައްޔުގެ މަރު: ދެމީހަކު ހައްޔަރުކުރި އިރު ލެޔާއި ޒަހަމް ފެނުނުކަމަށް ހެކިބަސް ދީފި

ހެކިބަސް ދިން ފުލުހަކު ބުނީ އުދައްޔުގެ ބުރަކަށީގައި ވަޅި އިންދާ ނުދެކޭ ކަމަށާއި ވަޅީގެ ތިލަ އޮތީ ބިންމަތީގައި ކަމަށް

ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހިންގި ގްރޫޕް މާރާމާރީއެއްގައި އަހުމަދު އުދައްޔު، 17، މަރުވެ އިތުރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައިގައި ދައުވާ ލިބޭ ދެ މީހަކު ހައްޔަރުކުރި އިރު، އެކަކުގެ ޓީޝާޓުގައި ލޭ ހުރި ކަމަށާއި، އަނެއް މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް އެ މީހުން ހައްޔަރުކުރި ފުލުސް އޮފިސަރު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ މީހުން:

1. އަހްމަދު ޝަމީމް، ރިހިފަރުދާގެ/މާމެންދޫ 

2. ޝަރަފް ރަޝީދު، ބިލަތްމާގެ/މާމެންދޫ

3. މުހައްމަދު މާޒިން، ގުލްފާމުގެ/މާމެންދޫ

އޭގެ އިތުރުން ދެން ހިމެނެނީ ކުޑަކުއްޖެކެވެ. އެ ކުއްޖާގެ ޝަރީއަތް ޖުވެނައިލް ކޯޓުގައި ކުރިއަށްދާއިރު، އޭނާ ހުރީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގައި މިއަދު އޮތީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދު ދެ ފުލުހެއްގެ ހެކިބަސް ނަގާފައިވެ އެވެ. މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހެކިބަސް ދެއްވީ، މާރާމާރީ ހިންގި އިރު އެ ރަށު ޕޮލިސް ސްޓޭޝަނާ ހަވާލުވެ ހުންނެވި އޮފިސަރެވެ. ދެވަނައަށް ހެކިބަސް ދެއްވީ ދައުވާ ލިބޭ ޝަމީމް އާއި ޝަރަފް ހައްޔަރުކުރި ފުލުސް އޮފިސަރެވެ.

ތަފްސީލް - މާމެންދޫ ސްޓޭޝަނާ ހަވާލުވެ ހުންނެވި އޮފިސަރު ވިދާޅުވީ އެންމެ ފުރަތަމަ މާރާމާރީއެއްގެ މައުލޫމާތު ލިބުނީ އެ ރޭ އިޝާ ނަމާދުގެ ފަހުން ކަމަށެވެ. އެކަން ބެލުމަށް ދެ އޮފިސަރަކު ފޮނުވި ކަމަށާއި، ނަމަވެސް މާރާމާރީއެއް ނުހިނގާ ކަމަށާއި އެތަނުގައި "ދަގަނޑޭމެން ޒުވާބުކޮށްފައި ދިޔައީ" ކަމަށް އެ ފުލުހުން މައުލޫމާތު ދިން ކަމަށެވެ.

އޭނާ ވިދާޅުވީ، 'ދަގަނޑޭ' އަކީ މި މައްސަލައިގައި ދައުވާ ލިބޭ ޝަމީމް ކަމަށެވެ.

ދައުލަތުން ވެސް އިއްޔެ ވަނީ، އުދައްޔު މަރުވި މާރާމާރީގެ ކުރިން އެ ރޭ ރަށުގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގި ކަމަށް ބުނެފަ އެވެ. އެގޮތުން އުދައްޔުއާ މަގުމަތިން ދިމާކޮށްލައި، ޝަމީމް އާއި މާޒިން އަދި ކުޑަ ކުއްޖާ އުދައްޔުއާ ދިމާކޮށްލައި، ހުތުރު ބަހުން މުއާމަލާތް ކުރި ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

އުދައްޔު އާއި އޭނާގެ ބޭބެ، ފިރުޝާން ޒާހިރުގެ ގަޔަށް ވަޅި ޖެހި މާރާމާރީގެ ހަބަރު ލިބުނީ އޭގެ ފަހުން ކަމަށާއި، އެކަން ބެލުމަށް ވެސް ފުރަތަމަ ފޮނުވީ އެހެން އޮފިސަރުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފަހުން އެކަން ބެލުމަށް އަމިއްލައަށް ވަޑައިގެންނެވި ކަމަށާއި، އަދި ހޮސްޕިޓަލަށް ވެސް ވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

މާރާމާޜީގައި ވަޅިން ހަމަލާދީ މަރާލި އަހްމަދު އުދައްޔު

ބުރަކަށީގައި ވަޅި އިންދާ ނުދެކެން

ހޮސްޕިޓަލަށް ވަޑައިގަތުމަށްފަހު އަމަލުކުރެއްވި ގޮތް ކިޔައިދެއްވަމުން އޭނާ ވިދާޅުވީ:

  • ފިރުޝާންގެ ބުރަކަށީގައި ބެންޑޭޖް އަޅާފައި ވޯޑެއްގައި ބާއްވާފައި އޮތް ކަމަށާއި ބެޑްޝީޓުގައި ލޭ ހުރި ކަމަށް

  • އުދައްޔު އޮތީ އެހެން ވޯޑެއްގައި ކަމަށާއި، އޭރު އޭނާއަށް ފަރުވާ ދިނުމަށް ގިނަ އަދަދެއްގެ ނަރުހުން ހަރަކާތްތެރިވަމުން ދިޔަ ކަމަށް

  • އޭރު އުދައްޔުގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް

  • އުދައްޔުގެ ބުރަކައްޓަށް ވަޅިއެއް ޖަހާފައި ހުރި ކަމަށާއި ޑޮކްޓަރު ވަޅި ނައްޓާލު ކަމަށް ހޮސްޕިޓަލްގެ ސްޓާފަކު ބުނި ކަމަށް

  • އުދައްޔުގެ ބުރަކަށީގައި ވަޅި އިންދާ ނުދެކޭ ކަމަށް

  • ވޯޑުގައި ހުއްޓާ، އުދައްޔު ބާއްވާފައި އޮތް އެނދުގެ ކައިރީގައި ތަޅުންގަނޑު މަތީ ވަޅީގެ ތިލަ އޮއްވާ ފެނުނު ކަމަށް

  • ތިލައިގައި ލޭ ހުރި ކަމަށް

  • އެވިޑެންސް ބޭގާއި އަންގި ގެންނަން އަންގައި، އެތަކެތި ލިބުމުން އެ ތިލަ ސީލްކޮށްގެން ގެންދައީ އޭނާ ކަމަށް

ދިފާއީ ވަކީލުންގެ ސުވާލުތަކާ ގުޅިގެން އޭނާ ވިދާޅުވީ މާރާމާރީ ހިންގި މަންޒަރު އޭނާއަށް ފެނިފައި ނުވާތީ، އެ މައްސަލައިގައި ދައުވާ ލިބޭ އެއްވެސް މީހަކު އުދައްޔުއަށް ވެސް އަދި ފިރުޝާނަށް ވެސް ހަމަލާދިންތައް ނުދެކޭ ކަމަށެވެ. ނަމަވެސް ފަހުން ތަހުގީގުގެ ތެރެއިން އެ މީހުންގެ ބައިވެރިވުން އެކަމުގައި އޮތްކަން އެނގިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަކުގެ ޓީޝާޓުގައި ލޭ، އަނެކަކުގެ ގައިގައި ޒަހަމްތަކެއް

ދައުވާ ލިބޭ ޝަމީމް އާއި ޝަރަފް ހައްޔަރުކުރި ފުލުސް އޮފިސަރު ހެކިބަސް ދެމުން ވިދާޅުވީ އޭރު މަސައްކަތް ކުރެއްވީ ގއ. ވިލިނގިލީގައި ކަމަށެވެ. ނަމަވެސް އެ މާރާމާރީއާ ގުޅިގެން ތަހުގީގު ހިންގައި މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަނަށް މާމެންދޫއަށް ދިޔަ ޓީމުގައި އޭނާ ހިމެނުނު ކަމަށް ވިދާޅުވި އެވެ.

ފުލުސް މީހާ ވިދާޅުވީ 9 ފެބުރުއަރީ 2021 ގައި އެ ދެމީހުން ވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން، ގާނޫނީ އިންޒާރު ދިނުމަށްފަހު ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ ޝަމީމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ރިހިފަރުދާގޭ ކުރިމަތިން، މަގުމަތިން އެ ދުވަހު ފަތިހު 5:34 ގައި ކަމަށާއި އޭރު ލައިގެން ހުރި މަޑު ނޫ ކުލައިގެ އަތް ކުރު ޓީޝާޓުގައި ލޭ ހޭކިފައި ހުރި ކަމަށެވެ.

"އެކަމާ ގުޅިގެން އަޅުގަނޑު ސުވާލުކުރުމުން ޖަވާބެއް ނުދޭ،" އޭނާ ވިދާޅުވި އެވެ.

ދައުވާ ލިބޭ ޝަރަފް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގައި ކާން އިންދަ އެވެ. އޮފިސަރު ވިދާޅުވީ އިތުރު ފުލުހަކާއެކު އޭނާ ހައްޔަރުކުރަން ދިޔައިރު އޭނާ އިނީ ހުސް ގަޔާ ކަމަށެވެ. އޭރު ޝަރަފްގެ ކޯތާފަތްމަތީގައި ކުޑަ ޒަހަމެއް އިން ކަމަށާއި، ވާތް ފަރާތު އަރިކަށީގައި ވެސް ޒަހަމެއް އިން ކަމަށް އޭނާ ހެކިބަސް ދިނެވެ.

އޮފިސަރު ވިދާޅުވީ އަރިކަށީގައި އިނީ ތޫނު އެއްޗަކުން ލިބިފައި އިން ޒަހަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި، ހައްޔަރުކުރި ވަގުތު އެ ޒަހަމްތަކާ ގުޅިގެން ސުވާލު ނުކުރާ ކަމަށެވެ.

ޝަމީމް ހައްޔަރުކުރުމުގެ ކުރިން، އެ ރޭ ދަންވަރު ސުވާލު ކުރުމަށް ހަތަރު ގަޑިއިރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު އެވެ. ނަމަވެސް އެ ދޭތެރޭގައި ހިނގީ ކިހާ ވަގުތެއް ކަމެއް ނޭނގެ އެވެ.

ދިފާއީ ވަކީލް އަހުމަދު ނިޝާން ވަނީ ޝަރަފް ހައްޔަރުކުރުމުގައި ބާރުގެ ބޭނުންކޮށްފައި ވާނެތޯ އާއި، އެއީ ހައްޔަރުކުރުމުގެ ތެރޭގައި އޭނާއަށް ލިބުނު ޒަހަމްތަކެއްތޯ ސުވާލުކުރައްވައިފަ އެވެ.

ނަމަވެސް ހެކިވެރިޔާ ބުނީ ޝަރަފް ހައްޔަރުކުރުމުގައި ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ޝަރަފް ފެނުނު އިރުވެސް އޭނާގެ ހަށިގަނޑުގައި އެ ޒަހަމްތައް ހުރި ކަމަށެވެ.

އެނގުން މުހިންމު - މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 26 ގަ އެވެ.  މާދަމައިން ފެށިގެން އަޑުއެހުންތަކެއް ތާވަލުކުރި ނަމަވެސް، ދައުލަތުން ހެކިންގެ ލިސްޓު ހިއްސާކޮށްފައި ނުވާތީ އެ އަޑުއެހުންތައް ކެންސަލްކޮށް ހެކިބަސް ނެގުން ފަސްކުރީ އެވެ. މާދަމާގެ ނިޔަލަށް ހެކިންގެ ލިސްޓު ފޮނުވަން ދައުލަތަށް ވަނީ އަންގައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް