ގއ. މާމެންދޫގައި ގްރޫޕަކުން މަރާލި 17 އަހަރުގެ އަހްމަދު އުދައްޔު

ހަމަލާއަށް ފަހު ކެރިގެން ދެން ގޮވާލީ 'އަހަރެމެންނަކީ ކިންގޭ'

ގއ. މާމެންދޫގައި މިދިއަ އަހަރު އުދައްޔު މަރާލީ ދެ ގްރޫޕެއްގެ ދެމެދު އުފެދުނު ހަމަނުޖެހުންތަކެއްގައި

މުހިންމު ނުކުތާތައް

ޝަރީއަތުގައި ދައުލަތުން ދެއްކި ބައެއް ވާހަކަތަކުން އެނގެނީ ގްރޫޕްތަކުގައި ހަމްދަރުދީއެއް ނެތްކަން

އުދައްޔުގެ ގަޔަށް ވަޅި ހެރި ކުޑަކުއްޖާގެ އިތުރުން ތިން މީހަކު ވެސް ހަމަލާގައި ބައިވެރިވި

މިއީ ރަށްރަށުގެ ގްރޫޕްތަކުގެ އަނިޔާވެރިކަން ވެސް ހައްދުން ނެއްޓިފައިވާކަން އެނގޭ މާރާމާރީއެއް

"އަހަރެމެންނަކީ ކިންގުން!"

ގއ. މާމެންދޫ ބައެއް މީހުންނަށް އެހެން ގޮވާ އަޑު އިވުނެވެ. އޭރު އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔު ވަނީ "ކޮށާލައިފަ" އެވެ. އެކަމަކު ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން މިހާރު ދައުވާ އުފުލާފައިވާ ތިން ޒުވާނަކާއި ކުޑަކުއްޖާ، ގެންދިޔައީ، ޕީޖީން އިއްޔެ ކޯޓުގައި ދެއްކި ވާހަކަތަކަށް ބަލާ ނަމަ، އެ މާރާމާރީއާ މެދު ފަހުރުވެރިވެ، އުފާފާޅުކުރަމުންނެވެ.

އެމީހުންނަކީ ރަށުގެ 'ކިންގުން' ކަމަށް ބުނި އިރު ހަމަލާދިނީ ހަމައެކަނި އުދައްޔުއަކަށް ނޫނެވެ. އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރުގެ ގަޔަށް ވެސް ވަޅި ހެރި އެވެ. ކޯޓުގައި ދައުލަތުން ދެއްކި ވާހަކަތަކުން އެނގެނީ ފިރުޝާން އެތަނަށް ދިޔައީ އޭނާގެ ކޮއްކޮއަށް ހަމަލާދިން ހަބަރު ލިބިގެން ކަމެވެ.

މިއީ ރާއްޖޭގައި ގްރޫޕްތަކުގެ މެދުގައި ހިންގާ އަނިޔާވެރި، ރަހުމެއް ނެތް މާރާމާރީތަކުގެ ސިލްސިލާގައި 8 ފެބްރުއަރީ 2021 ދުވަހުގެ ރޭގަނޑު ލޭ އޮހޮރުވާލި ހަމަލާ އެވެ. އުދައްޔު އާއި ފިރުޝާންއަކީ ވެސް އެ ރަށުގެ އެއް ގްރޫޕަކަށް ނިސްބަތްވާ ބައެކެވެ. އެ މީހުންނަށް ހަމަލާދިނީ އަދާވާތްތެރި އަނެއް ގްރޫޕެވެ.

ހަމަލާ ދިން ދުވަސްވަރު ރަށުގެ ބައެއް މީހުން ރާއްޖޭގެ މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި އުދައްޔުގެ މަރު ގުޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެ ދެ ގްރޫޕްގެ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ އެވެ.

"އުދައްޔު ނިޔާވެ އަދި ފިރުޝާން އަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދިޔަ ގަޑީ، މާރާމާރީއަށް ފަހު އެ ސަރަހައްދުގައި ޝަމީމް އާއި މާޒިން އާއި ޝަރަފް މަޑުކޮށްގެން ތިބެ އެމީހުން އުފާ ފާޅުކުރަމުން ދިޔަ،" ދައުލަތުގެ ވަކީލް ފަރަހަނާޒް މުހައްމަދު ވިދާޅުވި އެވެ.

އޭނާ އެ ވާހަކަ ދެއްކެވި އިރު ޖެހިގެން އެ ތިން މީހުން ތިއްބެވެ.

އުދައްޔުގެ މަރުގައި ދައުވާ ލިބޭ މީހުން:

1. އަހްމަދު ޝަމީމް، ރިހިފަރުދާގެ/މާމެންދޫ 

2. ޝަރަފް ރަޝީދު، ބިލަތްމާގެ/މާމެންދޫ

5. މުހައްމަދު މާޒިން، ގުލްފާމުގެ/މާމެންދޫ

އޭގެ އިތުރުން ދެން ހިމެނެނީ ކުޑަކުއްޖެކެވެ. އޭނާއަކީ ދައުވާ ލިބޭ މާޒިންގެ ކޮއްކޮ އެވެ. އެ ކުއްޖާގެ ޝަރީއަތް ކުރިއަށް ދަނީ ޖުވެނައިލް ކޯޓުގަ އެވެ. އޭނާ ހުރީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އުދައްޔުގެ ބުރަކައްޓަށް އެތައް ފަހަރަކު ހަމަލާދިނީ އެ ކުއްޖާ ކަމަށް ދައުލަތުން ބުނެ އެވެ. އެކަމަކު އަނެއް ތިން މީހުން ވެސް، ލަޓިބުރި އާއި ގަލާއި ކީސް ފަދަ އެއްޗެހި ބޭނުންކޮށްގެން ދިން ހަމަލާގައި ބައިވެރިވިކަން ސާބިތުކޮށްދޭން ދައުލަތުން ކޯޓުގައި މަސައްކަތްކުރާނެ އެވެ.

މާމެންދޫގައި ދެ ގްރޫޕަށް ނިސްބަތްވާ ހަޓްތައް ވެސް ރަށުގެ ދެ ހިސާބެއްގައި ހުރެ އެވެ. އުދައްޔުގެ ގަޔަށް ވަޅި ހެރީ، އެރޭ އެކި ފަހަރު މަތިން އޭނާއާ ދިމާކޮށް، ޒުވާބުތަކެއް ހިނގާފައި އޮއްވަ އެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ފުރަތަމަ މާރާމާރީ ހިންގީ އުދައްޔު މަރުވި ހަމަލާގެ 40 ވަރަކަށް މިނިޓް ކުރިންނެވެ. އެހެންކަމުން އެރޭ ގާތްގަނޑަކަށް 10 ޖަހާކަންހާ އިރު އެ އަނިޔާވެރި ލޭއޮހޮރުވުމުގެ ތެރެއަށް އުދައްޔުއަށް ވަދެވިފައި އެ ވަނީ، އެ ރަށުގެ ދެ ގްރޫޕްގެ މެދުގައި ހިނގަން ފެށި ބޮޑު މައްސަލަ ހައްލުނުވެ، ހޫނުވެފައި އޮއްވާ ކަމަށް، ރަށު މީހުން ދެކެ އެވެ.

ހިނި އައިސް، ކޮން ކަމަކާ؟

ކްރިމިނަލް ކޯޓުގައި އިއްޔެ ޝަމީމާއި ޝަރަފު އަދި މާޒިން ތިއްބާ ނެގި އެއް ފޮޓޯއިން ފެންނަނީ އެ މީހުންގެ 'ހިނިތުންވެފައިވާ މޫނުތަކެ'ވެ. ރާއްޖޭގައި ގްރޫޕްތަކުގެ ހަމަލާތަކާއި އިންސާނުންގެ ލޭ އޮހޮރުވާލާ އަނިޔާވެރި އަމަލްތަކާ ހެދި ރުޅިއައިސް ތިބޭ އާންމުންގެ ރުޅި މި ފޮޓޯއިން އިތުރަށް ބޮޑުވުން ނޫން ކަމެއް ނުވާނެ އެވެ.

މީހަކު މަރާލައިގެން އެހެން ގައުމުތަކުގައި ކޯޓަށް ހާޒިރުކުރާ މީހުން ތިބެނީ މާޔޫސްވެ، ނުވަތަ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކަ އެވެ. ދައުވާ އުފުލުމުން ލަދުންނެވެ. އަނިޔާ ލިބުނު މީހުންނާއި އެ މީހުން ނިސްބަތްވާ އާއިލާތަކަށް މޫނު ދައްކަން ނުކެރިފަ އެވެ.

އެކަމަކު އެކަހަލަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ރާއްޖޭގެ ކޯޓުތަކަށް ހާޒިރުކުރާ މީހުން ކޯޓު ރޫމްގައި ވަގުތު ހޭދަކުރަނީ 'މަޖާގަނޑެއް'ގެ ގޮތުގައި ކަމަށް، ބެލެވެ އެވެ. އެހެންކަމުން އުދައްޔު މަރާލި ރޭ، އޭނާއަށް ހަމަލާދިން ފަހުން 'އަހަރެމެންނަކީ ކިންގުން' ކަމަށް ގޮވަމުން ދިއުމަކީ އަދި ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

އުދައްޔުގެ މަަރުގެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން އިއްޔެ ކްރިމިނަލް ކޯޓުގައި

މާމެންދުއަކީ ވެސް މަސްތުވާތަކެތީގެ މައްސަލަ ބޮޑު އެއް ރަށެވެ. މަސްތުވާތަކެއްޗާއި މާރާމާރީ ފެށެނީ ގްރޫޕްތައް ހެދިގެން، އެ ގްރޫޕްތަކުގެ މެދުގަ އެވެ. ރަށް ކުޑަޔަސް، އާބާދީ މަދަސް، އެ ނުރައްކާތެރި ގްރޫޕްތައް އޮޕަރޭޓްކުރާކަށް ހުރަހެއް ނޯވެ އެވެ.

މިދިއަ މަހު އއ. އުކުޅަހުގައި އޮތް ސަރުކާރާއި ކައުންސިލްތަކުގެ މަހާސިންތާ 'ވިއަވަތި ރާއްޖޭ' ގައި ފުލުހުންގެ އިސް ވެރިން ވަނީ ގޭންގްތަކުގެ ނުރައްކާތެރިކަން ރާއްޖޭގައި ބޮޑުވަމުން ދާ ގޮތުގެ ތަފުސީލީ މައުލޫމާތުތަކެއް ހިއްސާކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރު އަލީ އާރިފް ވިދާޅުވީ ރަށްރަށުގައި "ކުށް ކުރަމުން ދާ ކުދިކުދި ގްރޫޕްތައް" އުފެދިފައިވާ ކަމަށެވެ.

އެކަމަކު އެކި ރަށްރަށުގައި މިހާތަނަށް ހިންގާފައި ހުރި އަނިޔާވެރި ގްރޫޕް މާރާމާރީތަކަށް ބަލާއިރު އެއީ މާލޭގައި އޮޕަރޭޓްކުރާ ގޭންގްތަކުން ވެސް ހިންގާ ފަދަ ބޮޑެތި ކުށްތަކެވެ. 

އއ. އުކުޅަހުގައި އޮތް ވިއަވަތި ރާއްޖެ، މަހާސިންތާގައި ފުލުހުންގެ އިސް ބޭފުޅުން ރާއްޖޭގައި ގޭންގްތަކުގެ ނުރައްކާ އޮތް މިންވަރު ކިޔައިދެއްވަނީ  (ފޮޓޯ/ ރައީސް އޮފީސް)

"މި ގްރޫޕުތަކަކީ، ކުރިއަށް އޮތް ތާނގައި އެކަށީގެންވާ ފިޔަވަޅު ނޭޅިއްޖެ ނަމަ، ހަމަ އެ [މާލޭގައި އުފެދިފައިވާ] 44 ގެންގްތަކޭ އެއްގޮތަށް ކުށްކުރުމުގެ މާހައުލަށް ނުކުމެ، ބޮޑެތި ޖިނާއީ ކުށްތައް ކުރަން ފަށާނެ ގްރޫޕުތަކެއް،" އާރިފް ވިދާޅުވި އެވެ.

ހައިރާންވެ އެވެ.

ގޭންގްތަކުގެ ވާހަކަ ދައްކާއިރު ބައެއް ފަހަރަށް އުފެދޭ ސުވާލަކީ ދިވެހި ފުލުހުންނަށް މި އެނގެނީ ކޮން އެއްޗެއް ބާވައޭ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލި ގްރޫޕްގެ މީހުންގެ މައްޗަށް ތުހުމަތު އެކުރަނީ ކުދިކުދި ކުށްތަކަކަށެއް ނޫނެވެ. މީހެއްގެ މަރުގެ ދައުވާ އެވެ. ދެ ވަނަ މީހަކު ވެސް މަރާލަން ދިން ހަމަލާގެ ދައުވާ އެވެ.

ބައެއް ރަށްރަށުގައި ގްރޫޕްތައް މިހާރު ވެސް ތިބީ 'ކިންގް ހެދިގެންނެ"ވެ. މާމެންދޫގައި އެ ބޮޑު ލޭއޮހޮރުވުމަށް ފަހު އެ ގްރޫޕްގެ މީހުން އުފާފާޅުކުރަމުން ގޮވަމުން އެ ދިޔައީ އެ ވާހަކަ އެވެ. ދައުލަތުން ކޯޓުގައި އެ ބުނީ ވެސް އެ ވާހަކަ އެވެ.

ކޮމެންޓް (3)

ޙަސަން

15 ޖޫން 2022
ވަރަށް ފުރިހަމަ ހަބަރެއް ބޭރު ދުނިޔޭގެ ހަވބަރު ތަކަށް އަލިއަޅުވާލީމަ އަދި އިތުރަށް ފުރިހަމަވެފައި ހުރި ކީޕިޓްއަޕް ބްރޯ
1 0

އިސްލާމީ ޝަރީއަތް

13 ޖޫން 2022
100% އިސްލާމީ ޝަރީއަތް ނެތް ތަނެއްގަ ދެން ކޮންވާހަކައެއް މިދައްކަނީ ! ކޮއްމެ ކުށަކައް ދީނުގައި އޮތް ހުކުމް ކަޑަ ނޭޅޭހާ ހިނދަކު އަމިއްލަ މަންފާ އަށް ހަދާފަ ގާނޫނު އަސާސީއައް ކޮން ބިރެއް،ކޯޓް ތަކުގެ ގާޒީންނަށް ކޮން އިހްތިރާމެއް!
2 0

ޑެރޫލޯ

13 ޖޫން 2022
މަރަށް މަރު ހިފާނަމަ އެމީހުން ހިނިއައިސް ނުތިބޭނެ. އިނގޭ ވިއްޔާ އެންމެ ބޮޑުވަރު ވެގެން ބަންދުކަން ކުރާނީ
11 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް