އުދައްޔުގެ މަަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ކްރިމިނަލް ކޯޓުގައި، 12 ޖޫން 2022

އުދައްޔުގެ މަރު

އުދައްޔު މަރުވުމުން ދައުވާ ލިބޭ މީހުން އުފާފާޅުކުރި: ދައުލަތް

މާރާމާރީ ހިންގަން ވަޅި، ލަޓިބުރި، ގާ އަދި ކީސް ފަދަ ތަކެތި ބޭނުންކުރި ކަމަށް ދައުލަތުން ބުނޭ

ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހިންގި ގްރޫޕް މާރާމާރީއެއްގައި އަހުމަދު އުދައްޔު، 17، މަރުވެ އިތުރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމުން، އެ ދެމީހުންނަށް ހަމަލާދިން މީހުން އެކަމާ އުފާ ފާޅުކުރި ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - އުދައްޔު މަރާލައި އޭނާގެ ބޭބެ ފިރުޝާން ޒާހިރަށް ވަޅިން ހަމަލާދިން މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ އޭރު އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއި އިތުރު ތިން މީހުންގެ މައްޗަށެވެ. ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލީ ކުޑަ ކުއްޖާގެ މައްޗަށެވެ. އޭނާގެ ޝަރީއަތް ޖުވެނައިލް ކޯޓުގައި ކުރިއަށް ދާއިރު އޭނާ ހުރީ ގޭބަންދުގަ އެވެ.

އެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލި މީހުންނަކީ:

1. އަހްމަދު ޝަމީމް، ރިހިފަރުދާގެ/މާމެންދޫ 

2. ޝަރަފް ރަޝީދު، ބިލަތްމާގެ/މާމެންދޫ

5. މުހައްމަދު މާޒިން، ގުލްފާމުގެ/މާމެންދޫ 

އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

ތަފްސީލް - އެ މައްސަލައިގެ ޝަރީއަތް ފަށައި މިއަދު އޮތީ އިފްތިތާހީ ބަޔާން ހުށަހެޅުމެވެ. ދައުލަތުން އިފްތިތާހީ ބަޔާން ހުށަހެޅީ މާމެންދޫގެ މެޕެއް ބޭނުންކޮށްގެންނެވެ.

އެ މާރާމާރީ ހިންގީ 8 ފެބުރުއަރީ 2021 ދުވަހުގެ ރޭ 10 ޖަހާ އެހާ އިރު އެ ރަށު މަގެއްގެ މަތީގަ އެވެ. މައްސަލަ ފެށުމުގެ ގޮތުން ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލް ފަރަހަނާޒް މުހައްމަދު ވިދާޅުވީ، އެ މާރާމާރީގެ އިތުރުން ވެސް އެ ރޭ އެ ރަށުގައި ދައުވާ ލިބޭ މީހުން އެކި ފަހަރު މަތިން އުދައްޔުއާ ދިމާކޮށް، އަނިޔާކުރި ކަމަށެވެ.

އެގޮތުން:

  • އެންމެ ފުރަތަމަ ރަށުގެ އުތުރު ފަރާތު އަތިރިމަރީގައި ހުންނަ ހަޓުގެ ކައިރީގައި ދައުވާ ލިބޭ އަހްމަދު ޝަމީމް އާއި ދައުވާ ލިބޭ ކުޑަ ކުއްޖާ އުދައްޔު އާ ދިމާކޮށް، ހަޑިހުތުރު ބަހުން މުއާމަލާތްކުރި ކަމަށް ދައުލަތުން ބުނި 

  • އެތަނުގައި ހުރެފައި އުދައްޔު ގެއަށް ދިޔަ މަގުމަތީގައި ވެސް ޝަމީމް އުދައްޔު ހުއްޓުވައި ހުރަސްއަޅަން މަސައްކަތް ކުރި ކަމަށް ބުނި 

  • އަދި އެތަނުގައި ޝަމީމް އާއި މާޒިން އަދި ކުޑަ ކުއްޖާ އުދައްޔުއާ މެދު މާރާމާރީ ހިންގި ކަމަށާއި އެ މަންޒަރު ލޮލަށް ދުށް މީހުންގެ ބަޔާން ހުށަހަޅާފައިވާނެ ކަމަށް ވަކީލް ވިދާޅުވި

މާރާމާޜީގައި ވަޅިން ހަމަލާދީ މަރާލި އަހްމަދު އުދައްޔު

ދައުލަތުން ބުނީ އެއަށްފަހު އެމީހުން ރަށުގެ މަގެއްގެ މަތީގައި ތިބެ "އުދައްޔު ގައިގައި ތަޅާލާފައި އޮންނާނެ" ކަމަށް ބުނެ އުފާ ފާޅުކޮށް އަޑުގަދަކުރި ކަމަށެވެ. އުދައްޔު މަރުވި މާރާމާރީ ހިނގީ އެތަނުގައި އޭގެ ކުޑަ އިރުކޮޅެއް ފަހުންނެވެ.

ދައުލަތުން ބުނީ ދައުވާ ލިބެ ހަތަރު މީހުން ވެސް އުދައްޔުއާ މެދު މާރާމާރީ ހިންގި ކަމަށާއި، އުދައްޔުގެ ބުރަކައްޓަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލީ ކުޑަ ކުއްޖާ ކަމަށެވެ.

ހަމަލާ ދިނުމުން އުދައްޔުގެ ހާލު ދެރަވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އުދައްޔުއަށް ވަޅިން ހަމަލާދިންކަން އެނގުމާ ގުޅިގެން، އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރު އެ ސަރަހައްދަށް ދުވެފައި ދިޔަ ތަނުން، ހަތަރު މީހުން ދުވެފައި ގޮސް ފިރުޝާން އާވެސް މާރާމާރީ ހިންގި ކަމަށާއި، އެ މާރާމާރީގަ ފިރުޝާންގެ ބުރަކައްޓަށް ވެސް ވަޅިން ހަމަލާދިން ކަމަށް ދައުލަތުން ބުނެ އެވެ.

ބުނީ ކީކޭ؟ - "އެ ސަރަހައްދުގައި ތިބި މީހުންގެ ފަރާތުން ލިބިފައި ހުރި ބަޔާންތަކަށް ބަލާއިރު، އެމީހުން މާރާމާރީ ހިންގުމަށްޓަކައި ވަޅި އާއި ލަޓިބުރި އާއި ގަލާއި އަދި ކީސް ފަދަ ތަކެތި ބޭނުންކުރި،" ވަކީލު ވިދާޅުވި އެވެ.

އެ ދެމީހުންނަށް ވެސް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އެމީހުން ގެންދިޔައީ ގއ. އަތޮޅު ހޮސްޕިޓަލަށެވެ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަރު ވެސް އުދައްޔު މެރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. 

ފިރުޝާން އަށް އިތުރު ފަރުވާ ދިނުމަށް ގެންދިޔައީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. އޭނާއަށް ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ލިބިފައި ހުރި ކަމަށް ދައުލަތުން ބުންޏެވެ.

"އުދައްޔު ނިޔާވެ އަދި ފިރުޝާން އަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދިޔަ ގަޑީ، މާރާމާރީއަށް ފަހު އެ ސަރަހައްދުގައި ޝަމީމް އާއި މާޒިން އާއި ޝަރަފް މަޑުކޮށްގެން ތިބެ އެމީހުން އުފާ ފާޅުކުރަމުން ދިޔަ،"

"އަދި އެ ސަރަހައްދުގައި ތިބެ ތިމަންނަމެންނަކީ ކިންގުން ކަމަށް ބުނެ އަތް އުފުލާ ޝުއޫރު ފާޅުކުރި އަޑު އިވުނު މީހުންގެ ބަޔާންތައް ވަނީ ހުށަހަޅާފައި،" ދައުލަތުން ބުންޏެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަހްމަދު ޝަމީމްގެ ވަކީލު މުހައްމަދު ޝަހީދު މިއަދު ވިދާޅުވީ އެ މާރާމާރީ ހިނގީ ޝަމީމް ދިރިއުޅޭ ގެ ހުންނަ ސަރަހައްދުގައި ކަމަށެވެ. މާރާމާރީ ހިނގި އިރު ޝަމީމް ހުރީ ގޭގައި ކަމަށާއި މާރާމާރީގައި އޭނާ ބައިވެރިނުވާކަމަށް ވަކީލު ވިދާޅުވި އެވެ.

ދިފާއީ ވަކީލު ވިދާޅުވީ މާރާމާރީ ހިނގީ ޝަމީމް ދިރިއުޅޭ ސަރަހައްދުގައި ކަމަށްވާތީ، އޭނާއަށް އެތަނުން ރެކެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ގޭގައި ހުއްޓާ އޭނާ މަރާލަން ގޮވައި، ބޭރަށް ނުކުތުމަށް އަންގައި އަޑުގަދަކުރީ މަސްތުގެ ހާލުގައި ހުރެ އުދައްޔުގެ ބޭބެ ފިރުޝާން ކަމަށް ވެސް ދިފާއުން ބުންޏެވެ.

ހަމައެއާއެކު، އުދައްޔުއާމެދު މާރާމާރީ ހިންގަން ޝަމީމް ހިންގި އަމަލެއް ބުނެ ނުދެވޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މާޒިންގެ ފަރާތުން ބުނީ، މަރުގެ ދައުވާ ލިބޭ ކުޑަ ކުއްޖާއަކީ އޭނާގެ ކޮއްކޮ ކަމަށާއި، އެ ސަރަހައްދަށް ދިޔައީ ކޮއްކޮއާމެދު މާރާމާރީ ހިންގާތީ އެމީހުން ދުރުކުރުމަށް ކަމަށެވެ. ޝަރަފްގެ ދިފާއީ ވަކީލް އަހުމަދު ނިޝާން ވިދާޅުވީ ޝަރަފްގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ.

އެނގުން މުހިންމު - އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ވެސް އޮންނާނެ އެވެ. މާދަމާ ދެ ފުލުހެއްގެ ހެކިބަސް ނަގަން ނިންމާފައި ވާއިރު، ހެކިބަސް ނެގުމުގެ ދެން ހުރި އަޑުއެހުންތައް ބާއްވާނީ މި މަހުގެ 26 ން 30 އަށެވެ. އަދި މި މަހުގެ14 އިން ފެށިގެން ތާވަލްކޮށްފައި ހުރި އަޑުއެހުންތައް ވަނީ ކެންސަލްކޮށްފަ އެވެ. އަޑުއެހުންތައް ކެންސަލްކޮށް ހެކިބަސް ނެގުން ފަސްކުރީ ހެކިންގެ ލިސްޓު ދައުލަތުން ހިއްސާކޮށްފައި ނުވާތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް