ޖުވެނައިލް ކޯޓުގެ ބޭރު. (ފޮޓޯ/ ޖުވެނައިލް ކޯޓު)

އުދައްޔުގެ މަރު

އުދައްޔުގެ މަރު: ކުޑަކުދިންނަށް ހާއްސަ ޖަލެއް ނެތުމުން ތުހުމަތުވާ ކުޑަކުއްޖާ ގޭބަންދަށް

ރާއްޖޭގައި ކުޑަކުދިންނަށް އެކަށީގެންވާ ޖަލެއް ނެތް ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓެއްގައި އޮތީ ބުނެފައި؛ ކޯޓުން ކުއްޖާ ގޭބަންދަށް ބަދަލުކުރީ އެ ރިޕޯޓަށް ރިއާޔަތްކޮށް
2 ނޮވެމްބަރު 2021

ގއ. މާމެންދޫގައި މިދިޔަ ފެބުރުއަރީ މަހު ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާ ބަހައްޓަން އެކަށީގެންވާ ޖަލެއް ނެތުމުން އޭނާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ތިން މީހަކާއި ކުޑަކުއްޖެއްގެ މައްޗަށެވެ. އެކަން ހިނގި އިރު އެ ކުއްޖާއަށް 18 އަހަރު ނުވި ނަމަވެސް، މިހާރު 18 އަހަރު ފުރިއްޖެ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ:

  • ގަސްދުގައި މީހަކު މެރުމުގެ ދައުވާ

  • ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ

ތަފްސީލް - ޖުވެނައިލް ކޯޓުން މިއަދު އެ ކުއްޖާ ގޭބަންދަށް ބަދަލުކުރަން ކުރި އަމުރާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރަން ކޯޓުން އަމުރުކުރީ އެޗްއާރްސީއެމް އިން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ރިއާޔަތްކޮށް ކަމަށެވެ.

އެ ރިޕޯޓުގައި ބުނަނީ:

  • ކުށް ކުރާ ކުޑަކުދިންނަށް ހާއްސަ ޖަލެއް ހުންނަން ޖެހޭނެ ކަމަށްކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނި ނަމަވެސް، ރާއްޖޭގައި ކުޑަކުދިން ބައިތިއްބަން އެކަށޭނަ ޖަލެއް ނެތް ކަމަށް 

  • ކުޑަކުދިންނަށް ހާއްސަ ޖަލެއް ގާއިމުކުރަން ކަރެކްޝަންސްއަށް އެއް މަހުގެ މުއްދަތެއް އޮތީ ދީފައި

ޕީޖީގެ ބަސް - ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހާ ހަވާލާދީ ޝަފީއު ވިދާޅުވީ އެ މުއްދަތުގައި އެފަދަ ޖަލެއް ގާއިމުނުކުރެވޭނެ ކަމަށް ކަރެކްޝަންސް އިން ކޯޓަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޯޓުން ނިންމީ މައްސަލައިގައި ހިމެނޭ ކުއްޖާ ގޭބަންދަށް ބަދަލުކުރާށެވެ.

އެނގުން މުހިންމު - ޝަފީއު ވިދާޅުވީ ދައުލަތުން އެ ނިންމުން އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް