3 ފެބްރުއަރީ 2021ގައި ށ. ކޮމަންޑޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ހަރަކާތުގައި ރައީސް ސޯލިހް، ގާސިމް، ރައީސް ނަޝީދު އަދި މުހައްމަދު ރާޝިދު: ނަޝިދު ވިދާޅުވީ، ރައިސްގެ ކެންޑިޑަސީގެ އުންމީދު އޮތީ ގާސިމްގެ އަތްޕުޅުގައި ކަމަށް (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ރައީސް ސޯލިހުގެ ކެންޑިޑޭޓްކަން ގުޅިފައި އޮތީ ގާސިމް ނިންމާ ގޮތަކާ: ނަޝީދު

ނަޝީދު އެދިވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ރޭހަށް ރައީސް ނޫން ބޭފުޅުން ވެސް ނުކުންނެވުމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެންޑިޑޭޓްގެ ކަންކަން ކުރިއަށް ދިޔުމުގެ އުންމީދު އޮތީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ނިންމާ ގޮތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ބުދަދުވަހު ރައީސް ސޯލިހު ވަނީ ފުރަތަމަ ފަހަރަށް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ހުރިކަން ފާޅުކުރައްވާފަ އެވެ. އެއާ އެކު އިއްޔެ އެމަނިކުފާނު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ގާސިމްގެ އަރިހަށް މާމިގިއްޔަށް ވަޑައިގެންފަ އެވެ. އަދި ރޭ ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ގާސިމްއާ ބައްދަލުކުރެއްވި އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހުގެ މި ކުއްލި ދަތުރު މި އައީ، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ތާއީދުކުރެއްވުމާ މެދު ގޮތެއް ނިންމަވަން އަދި މާ އަވަސްކަމަށް، ގާސިމް ވިދާޅުވުމާ އެކު އެވެ. 

ރައީސް ސޯލިހަށް މާމިގިލީ އެއާޕޯޓުން ގާސިމް އިއްޔެ މަރުހަބާ ވިދާޅުވަނީ. (ފޮޓޯ/ޖުމްހޫރީ ޕާޓީ)

ބުނީ ކީކޭ؟ - ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ކޯލިޝަންގެ ބައިވެރިން ކަމަށް ވާ ޖޭޕީ އާއި އަދާލަތު ޕާޓީ އެ މަނިކުފާނާ އެކު ތިބޭނެ ކަމަށް ނިންމަވައިގެން ކަމަށް ބެލެވެ އެވެ.

ނަމަވެސް މިއަދު އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އެގޮތަށް އިއުލާން ކުރެއްވީ އެ ދެ ޕާޓީގެ އިތުރުން އެމްޑީޕީއާ ވެސް މަޝްވަރާކުރެއްވުމެއް ނެތި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ކެންޑިޑެސީ އިއުލާންކުރެއްވުމާ އެކު ފުރާވަޑައިގަތުމަށް ޖެހިވަޑައިގަތީ މާމިގިއްޔަށް. އެހެންނަމަވެސް ޖޭޕީ ގޮތެއް ނިންމެވި ތަނެއް ނުފެނޭ. މިހާރު ރައީސުލްޖުމްހޫރިއްޔާގެ ކެންޑިޑަސީގެ އުންމީދު އެއްގޮތަކަށް ވެސް ކުރިއަށް ދެވެން އޮތީ، ޖޭޕީއިން ނިންމާ ގޮތެއްގެ މައްޗަށް،" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ނަޝީދު ލިއުއްވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި 2023ގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީން އަދި ނުނިންމާ. އެހެން ނަމަވެސް ކެންޑިޑެސީގެ އުންމީދުގައި ހުރިހާ ބޭފުޅުންނަށް ވެސް މަސައްކަތައް ކުރެއްވޭނެ. ރައީސުލްޖުމްހޫރިއްޔާ ނޫން ކެންޑިޑޭޓުން ވެސް ނުކުންނަވާ."

ރައީސް ސޯލިހާ އެކު ސަން އައިލެންޑް ރިސޯޓުގައި ގާސިމް ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ޖޭޕީ)

އެނގުން މުހިންމު - ރައީސް ސޯލިހާއި ގާސިމް ކުރެއްވި މަޝްވަރާތައް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ޖޭޕީން ރޭ ވަނީ ބުނެފަ އެވެ. އެ ބައްދަލުވުމުގެ ކުރިން ބުރާސްފަތި ދުވަހު ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބާ މެދު އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށެވެ.

'ދައުރު'އާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވެފައި ވަނީ:

  • ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވުމަށް ތާއީދުކުރެއްވުމާ މެދު އަދި އެއްޗެއް ވިދާޅުވާން މާ އަވަސްކަމަށް

  • ރިޔާސީ އިންތިހާބު ބާއްވަން އަދި ދުވަސްތަކެއް އެބަ އޮތް ކަމަށް. އެހެންވެ ސިޔާސީ މަސްރަހުގައި ކަންކަން ބަދަލުވުމުގެ ފުރުސަތު ވެސް އޮތް ކަމަށް

  • ވަކި ގޮތެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމަށް

އަޅުގަނޑު ދެކޭ ގޮތުގައި 2023ގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީން އަދި ނުނިންމާ. އެހެން ނަމަވެސް ކެންޑިޑެސީގެ އުންމީދުގައި ހުރިހާ ބޭފުޅުންނަށް ވެސް މަސައްކަތައް ކުރެއްވޭނެ. ރައީސުލްޖުމްހޫރިއްޔާ ނޫން ކެންޑިޑޭޓުން ވެސް ނުކުންނަވާ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ފަސް މަންޒަރު - އެމްޑީޕީގެ އަސާސީ ގަވައިދު މިހާރު އޮތް ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީއަކުންނެވެ. މިހާތަނަށް ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ރައީސް ސޯލިހާއި ނަޝީދެވެ.

ރައީސް ސޯލިހު ބޭނުންފުޅުވަނީ އޮގަސްޓު މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ރިޔާސީ ކެންޑިޑޭޓާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް