ރައީސް ސޯލިހް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އަޅުގަނޑު ވާދަކޮށްފި ނަމަ އެމްޑީޕީއަށް 2023 ކާމިޔާބު ކުރެވޭނެ؛ ޓިކެޓް ދޭނީ ކޮންގްރެސްއިން: ރައީސް

ރައީސް ވިދާޅުވީ 2023ގެ އިންތިހާބު ވެސް ކާމިޔާބުކުރެވޭނީ ކޯލިޝަނަކާ އެކު ކަމަށް؛ އެ މަނިކުފާނު ހުންނެވީ ކޯލިޝަނަކާ އެކުކަން ފާހަގަކުރެއްވި

ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރައްވައިފި ނަމަ އެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށާއި ނަމަވެސް ޕާޓީން ވާދަ ކުރާ ކެންޑިޑޭޓަކު ނިންމާނީ އަންނަ އޮގަސްޓް މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް އިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ، ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ޝައުގުވެރިވެވަޑައިގަންނަވާކަން ފުރަތަމަ ފަހަރަށް ހާމަކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވައިދުގައި ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން އޮތް ނަމަ، އެކަން ކުރަން ޖެހޭނެ ގޮތަކީ އެއީ ކަމަށެވެ. އަދި "ޑިމޮކްރެޓިކް އެންމެ ރަނގަޅު ގޮތަކީ ވެސް ޕްރައިމަރީއަކުން" އެކަން ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެން އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނަންތޯ ނުވަތަ ނޫންތޯ ތި ކުރެއްވި ސުވާލުގެ [ޖަވާބުގައި]، އެންމެ މުހިންމީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީއަށް ވެރިކަން ލިބުން. އެއީ މުޅި ރާއްޖެއަށް ވެސް އޮތް އެންމެ ފައިދާ ހުރި ގޮތް. އޭގެ އިތުރުން މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކޮންޓިނިއު ވާން އެބަ ޖެހޭ ޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދު: ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އެހެން ވިދާޅުވުމަށް ފަހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާކަން އެ މަނިކުފާނު ހާމަކުރެއްވި އެެވެ. އަދި އެ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނަކާ އެކު، އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަން. އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023ގައި. އެމްޑީޕީއަށް ވެރިކަން ބޭނުންވާ ނަމަ އަޅުގަނޑު މި ހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސްގެ އެ ޖަވާބަށް ފަހު، ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވީތޯ އެހެން ނޫސްވެރިއަކު ސުވާލު ކުރި އެވެ. އެ ސުވާލުގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ، އިންތިހާބާ މެދު ދޭން އޮތް ޖަވާބަކީ ކުރިން ވެސް ދެއްވި ޖަވާބު ކަމަށެވެ. 

އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނަކާ އެކު، އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަން. އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023ގައި. އެމްޑީޕީއަށް ވެރިކަން ބޭނުންވާ ނަމަ އަޅުގަނޑު މި ހުރީ ޗޮއިސްއެއް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އެ ޖަވާބު ތަކުރާރުކުރައްވައި އެ މަނިކުފާނު އަނެއްކާ ވެސް ވިދާޅުވީ، "އަޅުގަނޑަށް ޔަގީންކަން އެބަ އޮތޭ، އެމްޑީޕީން އަޅުގަނޑު ނުކުމެ، އަޅުގަނޑާ އެކު މި ތިބި [ކޯލިޝަންގެ] ބައިވެރިންނާ އެކު އިންތިހާބު ކާމިޔާބު ކުރެވޭނެ" ކަމަށެވެ.

"ކެންޑިޑޭޓަކު ނިންމަވަން ވާނީ، ގަވައިދުގައިވާ ގޮތުން ޕްރައިމަރީކުން ނަމަ ޕްރައިމަރީއެއް ބާއްވައިގެން. ކޮންގްރެސް އިން ނިންމަވާ ގޮތަކަށް އަޅުގަނޑު ދާނީ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން: އެ ޕާޓީގެ ކޮންގްރެސް ބާއްވާނީ އަންނަ އޮގަސްޓުގައި. (ފޮޓޯ/އެމްޑީޕީ)

އެނގުން މުހިންމު - އެމްޑީޕީގެ އަސާސީ ގަވާއިދު މިހާރު އޮންނަ ގޮތުން، ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަ ކުރާ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ. އެއީ ޕާޓީގެ މެންބަރަކު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވިޔަސް އެކަން އޮންނަ ގޮތެވެ. 

ޕްރައިމަރީއެއް ނުބާއްވާ ނަމަ އެކަން ކުރެވޭނީ، އެމްޑީޕީގެ ކޮންގްރެސް އިން އަސާސީ ގަވައިދަށް ބަދަލު ގެނެސްގެންނެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމުގެ ޝައުގުވެރިކަން މީގެ ކުރިން ފާޅުކުރައްވާފަ އެވެ.

އެންމެ ފަހުން 2018ގެ ރިޔާސީ އިންތިހާބަށް އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހަށް ޓިކެޓް ލިބިވަޑައިގެންނެވީ ނަޝިދަށް ކުރިމަތިލެއްވޭނެ ހާލަތެއް ނެތުމުން ޕްރައިމަރީއަކަށް ނުގޮސް، ކޮންގްރެސް އިން އެ ގޮތަށް ނިންމައިގެންނެވެ. އޭރު ކޮންގްރެސް ބޭއްވި އިރު ނަޝީދު އެކަނި ކުރިމަތިލައްވައިގެން އެ މަނިކުފާނު ވަނީ ޕްރައިމަރީން ޓިކެޓް ހޯއްދަވާފަ އެވެ.

ކޮމެންޓް (1)

ހަސަން

8 ޖޫން 2022
ތިގޮތަށް ޕްރައިމަރީ ނުބާއްވައި ނުވަތަ ދެން ވާދަކުރަން ހުރި ފަރާތަށް ފުރުސަތު ނުދީ ހިތުގައި ޖައްސައި ކޮންގްރެސް އިން ޓިކެޓް ހޯދައި ކުރިއަށްދާ ނަމަ.. އެއީ ކުށްހީއެއް. އެފަރާތްތަކުގެ ފުރިހަމަ ރުހުމާއި އުފަލާއެކުގައި ތިކަން ކުރާ ނަމަ ކާމިޔާބުވުން ގާތް. ނަމަވެސް އެކަން ނުދަނެ މައުމޫނު ގާސިމް އަތުގައި ހިފައިގެން ދިޔަސް، އެއީ ދުރުކަމެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް