މިދިޔަ ބުދަ ދުވަހު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްގެން ގެންދަނީ. (ފޮޓޯ/ ސަން)

ފުލުހުން

ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އަލުން ހައްޔަރުކޮށްފި

ކޯޓު އަމުރު ދައްކައި އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި

އިދިކޮޅު ޕީޕީއެމުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ދެ ވަނަ ފަހަރަށް އިއްޔެ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ހަރަކާތާ ގުޅިގެން މުހައްމަދު އިސްމާއިލްއާ އެކު އިތުރު މީހަކު ފުލުހުން ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު އެވެ. ދެން މި މައްސަލާގައި ހައްޔަރު ކުރީ، ޕީޕީއެމްގެ ތަކަންދޫ ގޮފީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރު އަލީ ނަސީމް (ތަކަނޭ) އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ ކޯޓުން އަމުރު ކުރީ އޭނާ ދޫކޮށްލުމަށެވެ. ނަމަވެސް، ކޯޓުން ވަނީ ނަސީމް ބަންދުގައި ފަސް ދުވަސް ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން އިއްޔެ މުހައްމަދު އިސްމާއިލް ދޫކޮށްލުމާ އެކު، ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އަލުން އޭނާ ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ތަރުޖަމާނު ނުދެއްވަ އެވެ.

އިސްމާއީލް އާއި ނަސީމްގެ މައްޗަށް ކުރާ ތުހުމަތުތައް:

  • އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުން 

  • ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލު ކުރުން 

  • ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސް އެޅުން 

  • މީހެއްގެ ނަސްލާއި އުފަންވި ގައުމާއި ސިޔާސީ ވިސްނުމާ ގުޅުވައިގެން ހިންގާ އަމަލާ ގުޅޭ ކުށް  

  • މުދަލަށް ގެއްލުން ދިނުން

އެނގުން މުހިންމު - 'އިންޑިއާ އައުޓް' ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެ ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހުގެ 21ގައި ވަނީ ގަރާރެއް ނެރުއްވާފަ އެވެ. އެއާ އެކު، އެކި ތަންތަނުގައި ހަރުކޮށްފައި ހުރި 'އިންޑިއާ އައުޓް' ބެނާތައް ފުލުހުން ނަގަން ފެށި އެވެ.

ބެނާތައް ނަގަން ފެށުމުން، ބެނާތަކުގައި "INDIA OUT" ޖެހުމުގެ ބަދަލުގައި އެ ބެނާގެ ސްޕެލިން އިނގިރޭސި ބަހުން "IN DEAR OUT"އަށް ބަދަލުކޮށްގެން އިދިކޮޅުން ވަނީ އެ ހަރަކާތް ކުރިއަށް ގެންދަން ފަށައިފަ އެވެ. އޭގެ އިތުރުން، އިންޑިއާގެ ދިދަ ރަމްޒުވާ ގޮތަށް އެކި ތަންތަނުގައި ގްރެފިޓީ ކުރަހައި އޭގައި "އައުޓް" ޖަހައި ވެސް ހެދި އެވެ. 

އިދިކޮޅުން ބުނާ ގޮތުން ރައީސްގެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް