ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. (ފައިލް ފޮޓޯ/ރައީސް އޮފީސް)

'އިންޑިއާ އައުޓް'އިން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑައަޅައި ހުއްޓުވަން ރައީސް އަންގަވައިފި

ރައީސްގެ ގަރާރުގައި ވިދާޅުވީ އެއީ ގައުމުގެ ސުލްހަ ނަގާލަން ހިންގާ ހަރަކާތެއް ކަމަށް
21 އޭޕްރީލު 2022

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ 'އިންޑިއާ އައުޓް' ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގަރާރެއް ނެރުއްވައިފި އެވެ.

ވީ ކިހިނެއް؟ - 'އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން'ގެ ނަމުގައި މިއަދު ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި ކަނޑައަޅާފައިވާ ކަމަށެވެ.

ތަފްސީލް - އެ ގަރާރުގައި ރައީސް ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެންމެ ފުޅާ ދާއިރާއެއްގައި ދީ، ޑިކޮމްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުން އަންނަ އަސާސްތައް ދެމެހެއްޓުން ކަމަށް ވީ ނަމަވެސް، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި މިކަން މިގޮތުގެ މަތިން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ އިދާރާތަކަށް އަންގައި މި ގަރާރު އެކަށައެޅީމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި، ރާއްޖެއާއި އިންޑިއާއާ އެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީ އަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ގަރާރުގައި ރައީސް އިތުރަށް ވިދާޅުވީ:

  • ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގައި ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއް 

  • ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ކުރާ ތަފާތުކުރުން ހުއްޓުވުމަކީ ވެސް ގައުމުތަކުގެ މައްޗަށް އޮންނަ ޒިންމާއެއް 

  •  ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ނިސްބަތްވީތީ ދަތިކުރުން، ފުރައްސާރަކުރުން ނުވަތަ ތަފާތުކުރުމަކީ މަނާ ކަމެއް 

  • މިފަދަ ކަންކަމަކީ ރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަމަށް

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ "ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި ސާފުކޮށް އެނގެން" އޮތް ކަމަށެވެ.

ޕީޕީއެމްގެ 'އިންޑިއާ އައުޓް' ކެމްޕެއިންގެ ދަށުން 'ނޭވާހޮޅިއަށް' ނަމުގައި މިދިޔަ މަހު ބާއްވަން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސްއަޅަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ހަމަ އެއާ އެކު، އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަންއަމާންކަމާއި ދާހިލީ ހަމަޖެހުމާއި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް، ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފާހަގަކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"މި ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ، އެކި ގޮތް ގޮތުން ދިވެހި ރައްޔިތުން ތަހައްމަލުކުރަން ޖެހޭ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައި ގަބޫލުކުރެވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

'އިންޑިއާ އައުޓް' ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ޖެނުއަރީ މަހު ރ. ދުވާފަރުގައި. (ފޮޓޯ/ ޕީޕީއެމް)

އިންޑިއާ އައުޓް ހަރަކާތް ނުހުއްޓުވައިފި ނަމަ، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކާތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމަށް ވެސް ގަރާރުގައި ރައީސް ވިދާޅުވި އެވެ.

މި ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ، އެކި ގޮތް ގޮތުން ދިވެހި ރައްޔިތުން ތަހައްމަލުކުރަން ޖެހޭ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައި ގަބޫލުކުރެވޭ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ގަރާރުގައި ވިދާޅުވީ:

  • ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް

  • ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއް 

  • އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި، ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއް

  • ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވޭ

"ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތިން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގައި މި ގަރާރު އެކަށައެޅީމެވެ،" ގަރާރުގައިވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ގެ އާއި ޕީޕީއެމްގެ އޮފީސް ހުންނަ އިމާރާތުގައި އިންޑިއާ އައުޓް ޖެހި ބޮޑު ބެނާއެއް ދަމާފައި. (ދައުރު ފޮޓޯޯ/ މުޒައްޔިން ނާޒިމް)

ގުޅުންހުރި ކަމެއް - އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސްގެ ގަރާރަކުން މިއަދު އެންގެވި އިރު، މާލޭގެ ބައެއް ގެތަކުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާތައް ނެގުމަށް ފުލުހުން މިއަދު ވަނީ ނުކުމެފަ އެވެ. އެގޮތުން:

  • ޕީޕީއެމްގެ އޮފީހުގައި ދަމާފައި ހުރި ބެނާ ފުލުހުން މިއަދު ހެނދުނު ވަނީ ނަގާފައި

  • މި ހަރަކާތް ލީޑުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޭގައި ދަމާފައި ހުރި ބެނާ ނެގުމަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް