ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް. (ފޮޓޯ/މަޖިލިސް)

ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް 'އިންޑިއާ އައުޓް' ހިންގާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ފުލުހުން އޭނާއަށް ކުރަނީ އިންޑިއާއާ ދެކޮޅު ބެނާ ފަދަ ތަކެތި ތައްޔާރުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީ އެ ހަރަކާތް ރާވައި ހިންގާކަމުގެ ތުހުމަތު

އިދިކޮޅު ޕީޕީއެމުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި އިތުރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އިންޑިއާއިން ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅުން ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެ ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުން އެންގެވުމާ އެކު، އެކި ތަންތަނުގައި ހަރުކޮށްފައި ހުރި ބެނާތައް ފުލުހުން ވަނީ ނަގަން ފަށައިފަ އެވެ.

ބެނާތައް ނަގަން ފެށުމުން، ބެނާތަކުގައި "INDIA OUT" ޖެހުމުގެ ބަދަލުގައި އެ ބެނާގެ ސްޕެލިން އިނގިރޭސި ބަހުން "IN DEAR OUT"އަށް ބަދަލުކޮށްގެން އިދިކޮޅުން ވަނީ އެ ހަރަކާތް ކުރިއަށް ގެންދަން ފަށައިފަ އެވެ. އޭގެ އިތުރުން، އިންޑިއާގެ ދިދަ ރަމްޒުވާ ގޮތަށް އެކި ތަންތަނުގައި ގްރެފިޓީ ކުރަހައި އޭގައި "އައުޓް" ޖަހަމުން ވެސް އެބަ އާދެ އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން މިއަދު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ތަރުޖަމާނު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ތަފްސީލް - އެ މައްސަލައިގައި ހައްޔަރުކުރީ މުހައްމަދު އިސްމާއީލް އާއި ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ)ކަން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެ ދެ މީހުންނަށް ކުރާ ތުހުމަތުތަކަކީ:

  • 'އިންޑިއާ އައުޓް'ގެ ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބާއްވާތީ 

  • އާންމުކޮށް ފެންނާނެހެން އިންޑިއާއާ ދެކޮޅުކަން ހާމަވާ ފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި 'އިންޑިއާ އައުޓް' އަދި 'އިންޑިއާ އައުޓް' ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެ ތަކެތި މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދޭތީ 

  • އެ ހަރަކާތް ރާވައި ހިންގާތީ

ތަރުޖަމާނު ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ކަމެއް - އެ ހަރަކާތުގެ ޝިއާރު ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ އެކި ތަންތަނަށް އަޅައި އެ ޝިއާރު ފާރުތަކަކަށް ސްޕްރޭ ކުރި ކަމަށް ބުނާ މީހަކު ފުލުހުން އިއްޔެ ހަވީރު ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހާގެ ފޮޓޯ އާންމުކުރުމަށްފަހު ފުލުހުން އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގެ ފާހަނަ ތެރޭގައި ފިލާ އޮއްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް