ޓީ-ޖެޓީ ސަރަހައްދު: މި ތަން އެމްޕީއެލްއާ ހަވާލުކުރީ 2015ގައި. (ފޮޓޯ/ޕީއެސްއެމް)
ދެ ބަނދަރުގެ އާމްދަނީ ބަހާނެ ގޮތަކާ މެދު އެއްބަސްނުވެވި އެމްޕީއެލް އާއި ކައުންސިލް އަރައިރުމުގައި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭ ޓީޖެޓީ އާއި ނޯތު ހާބަރުން ލިބޭ އާމްދަނީގެ ބައެއް މާލޭ ސިޓީ ކައުންސިލަށް ދޭނެ ގޮތަކާ މެދު އެއްބަސްނުވެވި އަނެއްކާވެސް އަރައިރުން އުފެދިއްޖެ އެވެ.
މައްސަލައިގެ ފެށުން - މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު 2015ގައި ޓީޖެޓީ އާއި ނޯތު ހާބަރު އެމްޕީއެލްއާ ހަވާލުކޮށް ހައުސިން މިނިސްޓްރީ އާއި އެމްޕީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
ނަމަވެސް ކައުންސިލުން ވަނީ އެ ދެ ތަން ހޯދަން މަސައްކަތް ފަށައިފަ އެވެ. ކައުންސިލުން ބުނަނީ އެމްޕީއެލް އަށް އެ ތަންތަން ދިން މުއްދަތު ހަމަވި ފަހުން ތިން އަހަރު ވެފައިވާ ކަމަށާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު، ޓީޖެޓީ އާއި ނޯތު ހާބަރަކީ ސިޓީ ކައުންސިލްގެ އިހްތިސޯސް ހިނގާ، ކައުންސިލްގެ ބިންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީއަކުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
ތަފްސީލް - ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ، ކައުންސިލާ އެތަން ހަވާލުކުރަން އެމްޕީއެލް އިން ބޭނުން ނުވާ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީއާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އެމްޕީއެލް އިން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ރަޖިސްޓްރީ އިން ދެ ބިމެއްގެ ކަންތަކުގައި އަޅުގަނޑުމެން ޕްލޭނިން މިނިސްޓްރީއާ ވާހަކަދައްކަން ޖެހޭ ކަމަކަށް އެއްވެސް އިރެއްގައި އަޅުގަނޑުމެން ގަބޫލެއް ނުކުރަން. މިއަދު ވެސް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
-
ކައުންސިލުން ބުނީ ޓީޖެޓީ އަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަން ޖެހޭ ތަނެއް ކަމަށް، ނަމަވެސް ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުކުރެވެން ނެތް ކަމަށް ސަރުކާރުން ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް
-
އެމްޕީއެލް އިން ބުނަނީ އެ ތަނާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް ކަމަށް
-
ޓިޖެޓީއާ ހަވާލުވާން ކައުންސިލުން މީގެ ކުރިން އެ ސަރަހައްދަށް ދިޔަ
ވީ ކިހިނެއް؟ - ޓީޖެޓީ އާއި ނޯތު ހާބަރުގެ މައްސަލައިގައި އެމްޕީއެލް އާއި ކައުންސިލަށް އެއްގަލަކަށް ނޭރުމުން، ރައީސް އޮފީހުން ވަނީ އެކަން ހައްލު ކުރުމަށް މަސައްކަތް ފަށައިފަ އެވެ. ނޯތު ހާބަރާއި ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ ބައެއް ކައުންސިލާ ހިއްސާކުރެވޭނެ ގޮތެއް ނުވަތަ ރެވެނިއު ޝެއާރިން މޮޑެލެއް ހަމަޖެއްސުމަށް ޖެނުއަރީ މަހުގެ ފަހުކޮޅުގައި ރައީސް އޮފީހުން އެންގި އެވެ.
ނަރީޝް ވިދާޅުވީ ރައީސް އޮފީހުން އެންގި ގޮތަށް، އެ ދެ ބިމަށް ކަނޑައަޅާ އަގުތަކެއް އެމްޕީއެލް އަށް ފޮނުވާފައި ވާނެ ކަމަށެވެ. އަގުތައް ފޮނުވި ފަހުން ހަތަރު މަސް ވާން ކައިރިވެފައިވާ ކަމަށާއި އޭގެ ފަހުން މިހާތަނަށް ވެސް އެމްޕީއެލް އާއެކު ބައްދަލުވުމެއް ހަމަޖެހިފައި ނުވާ ކަމަށް ނަރީޝް ވިދާޅުވި އެވެ.
"އެހެންވީމާ އެމްޕީއެލް އިން އަޅުގަނޑުމެންނާ އެކީ އިށީނދެ، އެ އަގު ފައިނަލްކޮށްފައި ރައީސް އޮފީހަށް ފޮނުވާ ހިސާބުން، އެ ފައިސާ އަކީ ކައުންސިލަށް ލިބޭ ފައިސާއެއް ކަމުގައި ވެގެންދާނެ. މިވަގުތު އެމްޕީއެލްއާ ހިސާބުގައި ހުއްޓިފައި އޮތީ،" ނަރީޝް ވިދާޅުވި އެވެ.
އެމްޕީއެލްގެ ބަސް - ނަމަވެސް ކައުންސިލްގެ ވާހަކަތައް އެމްޕީއެލް އިން ދޮގުކުރި އެވެ. އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމު 'ދައުރު' އަށް ވިދާޅުވީ، ރައީސް އޮފީހުގެ އެންގުމާ އެއްގޮތަށް ކައުންސިލާ އެކު އެއް މޭޒަކަށް ގޮސް މިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ދާނިޝް ވިދާޅުވީ އެމްޕީއެލް އިން މާލީ ކަންކަން ބެލުމަށް ފަހު ކައުންސިލަށް އަގުތަކެއް ހުށަހެޅި ކަަމަށެވެ.
"ހުށަހެޅި އަގަށް މާލޭ ސިޓީ ކައުންސިލުން އެއްބަސްނުވެ، އެ ބޭފުޅުން ހުށަހަޅާފައިވަނީ އަޅުގަނޑުމެން ހުށަހެޅި އަގަށް ވުރެ ބޮޑު ތަނުން ބޮޑު، ރީޒަނަބަލް އަގެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"އަދި އެއީ ފައިނޭންޝަލީ ފީޒިބަލް އަގެއް ވެސް ނޫން."
އެ މަޝްވަރާތަކުގެ މައުލޫމާތު ރައީސް އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށާއި އެއްވެސް އިރެއްގައި ކައުންސިލުން މަޝްވަރާގެ މޭޒަށް ދައުވަތު ދިނުމުން އެ ކުންފުނިން އެއަށް ޖަވާބެއް ނުދީ ނުވަތަ ބައްދަލުނުކޮށް ނޯންނާނެ ކަމަށް ދާނިޝް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -