ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)

ހައި ކޯޓު

އަހްމަދު މޫސާ ފިލާފާނެކަމަށް ބަލާނެ ހެކި ދައުލަތަށް ނުދެއްކުމުން ހައި ކޯޓުން ބަންދެއް ނުކުރި

ހައި ކޯޓުން ބުނީ އޭނާ ނުފިލާނެކަން ކަށަވަރުކުރުމަށް ކޯޓުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކަމަށް

ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި ނިންމުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ރާއްޖެއިން ފިލި އަހުމަދު މޫސާ ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ދޫކޮށްލީ މިދިޔަ މަހުގެ 20ގަ އެވެ.

  • އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ، އިސްތިއުނާފު ކުރަން އޮންނަ 48 ގަޑިއިރުގެ މުއްދަތު ދައުލަތުން ގުނީ ގޯސްކޮށް ކަމަށާއި މައްސަލަ ހުށަހެޅި އިރު އިސްތިއުނާފު މުއްދަތު ހަމަވެފައިވާ ކަމަށް 

  • ހައި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ހުކުމްކުރީ އަހުމަދު މޫސާގެ މައްސަލަ ހައި ކޯޓުން ބަލަން

ތަފްސީލް - މައްސަލަ އިސްތިއުނާފުކޮށް ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް، ޝަރީއަތް ނިމެންދެން އަހްމަދު މޫސާ ބަންދުކޮށްދިނުމަށެވެ. އޭނާ ބަންދުގައި ބަހައްޓަން ދައުލަތުން ބޭނުންވާ ސަބަބެއް ކަމަށް ބުނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ ކޯޓަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު އޮތުމެވެ. 

ދައުލަތުން އެހެން ބުނަނީ:

  • މައްސަލައިގައިގެ ތަހުގީގަށް އަހްމަދު މޫސާ ފިލާފައިވާތީ 

  •  އޭނާ ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރެފައިވުން 

  • އަހްމަދު މޫސާ ތަހުގީގަށް ހާޒިރުކުރެވުނީ ސްރީ ލަންކާގައި އޭނާ ހުއްޓާ އޭނާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެ އެ ގައުމުން ފޮނުވާލުމުން ކަމަށް ވުން

ކްރިިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. އެގޮތުން:

  • ފުރުން މަނާކޮށް ޕާސްޕޯޓު ވަނީ ހިފަހައްޓާފައި 

  • ކޮންމެ ދުވަހަކު އެއް ފަހަރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހާޒިރުވާން ޖެހޭ 

  • އަދި އެ ހާޒިރީ ރެކޯޑު ހަފްތާއަކު އެއް ފަހަރު ކޯޓަށް ފޮނުވަން ޖެހޭ 

ނަމަވެސް ދައުލަތުން ބުނީ، ޝަރުތުތަކާ އެއްގޮތަށް އަހްމަދު މޫސާ އަމަލުނުކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

އަހްމަދު މޫސާގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން

ހައި ކޯޓުގެ ބަސް - ދައުލަތުން އެހެން ބުނި ނަމަވެސް، މައްސަލަ ނިންމައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، އަހްމަދު މޫސާ ފިލާފާނެ ކަމަށް ބަޔާންކޮށް، ދައުލަތުން ފާހަގަކުރި ހާލަތާ، އޭނާގެ މިހާރުގެ ހާލަތު ތަފާތުވެފައިވާކަމަށް ބަލަން ޖެހޭ ކަމަށެވެ.

އެގޮތުން ހައި ކޯޓުން ފާހަގަކުރި ކަންތައްތަކަކީ:

  • އަހްމަދު މޫސާގެ އަތުގައި އޮތީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓަކަށް ވުން 

  • އޭނާ ހުރީ ރާއްޖޭގައި ކަމަށް ވުން

  • އޭނާ އެހެން ގައުމަކަށް ދާން ބޭނުންވެއްޖެ ހާލަތެއްގައި އާ ޕާސްޕޯޓެއް ނުވަތަ ޓްރެވެލް ޑޮކިކުމެންޓެއް ބޭނުންވުން؛ އަދި އެފަދަ ލިޔުމެއް އޭނާގެ އަތުގައި ނެތުން  

  • އެފަދަ ލިޔުމެއް ހައްދަން އަހްމަދު މޫސާ ހުށަހަޅައިފި ނަމަ އެކަން ކޯޓަށް އަންގަން އިމިގްރޭޝަނަށް އަންގާފައިވުން

ހައި ކޯޓުން ބުނީ އަހްމަދު މޫސާގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކަކީ އޭނާގެ ފަރާތުން ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލައި އުފެދޭ ފިލުމުގެ ފުރުސަތު ނެތިކޮށްލެވޭ ފަދަ އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ކޯޓަށް ބުރަވެވޭ ކަމަށެވެ. 

އޭގެ އިތުރުން މިހާރު އަހްމަދު މޫސާ ފިލާފާނެކަމަށް ބެލެވޭނެ އެކަށީގެންވާ ހެއްކެއް ނުވަތަ ސަބަބެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ވެސް ހުކުމްގައި ވެ އެވެ.

ހައި ކޯޓުގެ ހުކުމްގައި ބުނީ، އަހްމަދު މޫސާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތަށް ބަލާއިރު، އެއީ ކަފާލާތުގެ އުސޫލުން ނުވަތަ ޝަރުތުކޮށް ދޫކޮށްލުން ގާނޫނީ ގޮތުން މަނާކޮށްފައިވާ ކުށެއް ނޫން ކަމަށެވެ.

"މިކަންކަމަށް ބެލުމުން، އިސްތިއުނާފުކުރެވިފައި މިވާ އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވަނީ އިސްވެދެންނެވި މި ކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށް ކަނޑައަޅާނެ ހަމައެއް ނެތެވެ،" ހައި ކޯޓުގެ ހުކުމްގައި ބުންޏެވެ.

އެހެންކަމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އަހްމަދު މޫސާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ. އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ:

  • ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ (ރިޔާސަތު) 

  • ފަނޑިޔާރު މުހައްމަދު ފައިސަލް 

  • ފަނޑިޔާރު ފާތިމަތު ފަރުހީޒާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް