އަހުމަދު މޫސާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރަން މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން.

އަހުމަދު މޫސާގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަންގައިފި

ދައުލަތުން އަހުމަދު މޫސާގެ މައްސަލައިގައި އިސްތިއުނާފު ކުރަން ހުށަހެޅީ ރަނގަޅަށް ކަމަށް ހުކުމުގައި ކަނޑައަޅާފައިވޭ
25 އޭޕްރީލު 2022

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލަން މިއަދު ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ރާއްޖޭން ފިލި އަހުމަދު މޫސާ ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ދޫކޮށްލީ މިދިޔަ މަހުގެ 20ގަ އެވެ.  ކްރިމިނަލް ކޯޓުގެ ނިންމުން އިިސްތިއުނާފު ކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމީ ދައުލަތުން މައްސަލަ ހުށަހެޅީ އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެގޮތުން:

  • ބަންދުގެ މައްސަލަ ނިންމާތާ 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅަން ޖެހޭނެ

  • ދައުލަތުން ބުނާ ގޮތުގައި އިސްތިއުނާފު މުއްދަތު ގުނާނީ ދަށު ކޯޓުން ނިންމުން ނިންމި ދުވަސް ނުލައި

  • އަހުމަދު މޫސާ ދޫކޮށްލީ މިދިޔަ މަހުގެ 20ގައި؛ ދައުލަތުން މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 23ގައި

ވީ ކިހިނެއް؟ - ހައި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަަށެވެ. އެހެންވެ، އަހުމަދު މޫސާގެ މައްސަލަ ބަލައިގަނެ ހައި ކޯޓުގައި ކުރިއަށްގެންދަން އަންގައި ހުކުމް ކުރި އެވެ.

އިސްތިއުނާފުގެ މުއްދަތު ގުނުމުގެ ބަހުސް

ދައުލަތުން ގަބޫލު ކުރާ ގޮތުގައި، އިސްތިއުނާފު މުއްދަތު ގުނަން ޖެހޭނީ ދަށު ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނަ އެވެ. އެއީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދާ ހަވާލާދީ އެވެ.

އިސްތިއުނާފުގެ މުއްދަތާ ގުޅޭ މާއްދާތައް:

  • ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ)ގައި ވަނީ، ނިންމުމެއް ނިންމާ ތާރީހުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެ ކަމަށް

  • އެ ގާނޫނުގެ ދަށުން ހަދާފައިވާ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާގެ (ހ)ގައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ ދަށު ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިނަމާ ކަމަށް

ތަފްސީލް - ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ގަވާއިދުގައިވާ ގޮތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ)ގެ ބޭނުމަށް ބޭނުން ކުރެވިދާނެ މާއްދާއެއް ނޫން ކަމަށެވެ. ސަބަބަކީ ގަވާއިދުގަައިވާ ގޮތަށް ގުނާ ނަމަ 48 ގަޑިއިރަށް ވުރެ ގިނަ މުއްދަތެއް ލިބިގެންދާތީ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މާއްދާ ތަސައްވަރު ކުރި ގޮތް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެކަމަކު، ދައުލަތުން އަހުމަދު މޫސާގެ މައްސަލަ އިސްތިއުނާފު ކުރަން ގަވާއިދުގެ 169 ވަނަ މާއްދާއަށް ބަރޯސާވި އިރު އެއްވެސް މަތީ މަރުހަލާގެ ކޯޓަކުން އެ މާއްދާ މާނަކޮށް ޝަރަހަކޮށްފައި ނުވާތީ، ދައުލަތުން އޭރު އެ މާއްދާ ބޭނުން ކުރުމުގައި މައްސަލައެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންވެ، އެ މާއްދާއަކީ ބޭނުން ނުކުރެވޭނެ މާއްދާއެއް ކަމަށް މިއަދު ނިންމުމާ ހަމައަށް ދައުލަތުން އަމަލު ކުރި ގޮތް ރަނގަޅު ކަމަށް ބަލައި އެކަމުގެ މަންފާ ދައުލަތަށް ލިބެން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، ދައުލަތުން އަހުމަދު މޫސާގެ މައްސަލައިގައި އިސްތިއުނާފު ކުރަން ހުށަހެޅީ ރަނގަޅަށް ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ.

އެނގުން މުހިންމު - މި މައްސަލައިގައި ސުވާލު އެފެދުނު އެއް ކަމަކީ އިސްތިއުނާފު މުއްދަތުގެ 48 ގަޑިއިރު ގުނަން ފަށާނީ ކޯޓުން ނިންމުން ނިންމި ވަގުތުން ފަށައިގެންތޯ ނުވަތަ އެ ނިންމުން ނިންމި ދުވަސް ފެށޭ ހިސާބުންތޯ އެވެ.

ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ޑރ. މުހައްމަދު އިބްރާހިމަށް ފެނިވަޑައިގަތީ އެފަދަ ހާލަތެއްގައި އިސްތިއުނާފުގެ މުއްދަތު ގުނާނީ ނިންމުން ނިންމި ވަގުތުން ފެށިގެން ކަމަށާއި ތާރީހުން ނޫން ކަމަށެވެ. ސަބަބަކީ، އެގޮތަށް ގުނާއިރު، ތާރީހު ވެސް ހިމެނޭނެތީ އާއި ދުވަހުގެ ވަގުތުތަކެއް ބޭކާރުވެގެން ނުދާނެތީ އެވެ.

ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔު މިކަމުގައި ތަފާތުވި އެވެ. އޭނާއަށް ފެނިވަޑައިގަތީ އެ މުއްދަތު ގުނަން ޖެހޭނީ ދުވަހުން ފަށައިގެން ކަމަށެވެ. ގާނޫނުގައި އެހެން މުއްދަތުތައް ވެސް ނަގަނީ އެހެން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.




އިތުރު އާޓިކަލް

އިތުރު އާޓިކަލް