ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)
ޖިންސީ ގޯނާގެ ތުހުމަތުކުރާ އަންހެން މީހާގެ މާމަ ދަރިންގެ ހާލަތު ބަލަނީ
އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އައްޑޫ އިން ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެން މީހާ ބަލަހައްޓަމުން ދިޔަ ތިިން ކުދިންގެ ހާލަތު ޖެންޑާ މިނިސްޓްރީންން މޮނިޓާ ކުރަމުން އަންނަ ކަމަށް އެޗްއާރްސީއެމް އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި ކުއްޖާއަށް ޖިންސީގޯނާކުރީ އެހެން މީހަކު ކަމަށާއި، އަންހެން މީހާ ހައްޔަރު ކޮށްފައި ވާތީ އާންމުންގެ ފަރާތުން ކަންބޮޑުވުންތަކެއް ފާހަގަކޮށް އެޗްއާރްސީއެމް އަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 24ގަ އެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ތަފްސީލް - އެ މައްސަލައިގައި އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައި ހިސާބުން، އަނިޔާ ލިބުނު ކުޑަ ކުއްޖާގެ ހައްގު ހޯދައި ދިނުމަށް މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތް ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މި މައްސަލައިގައި އަމަލުކުރަމުންދާގޮތް ކޮމިޝަނުން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.
ބުނީ ކީކޭ؟ - ކުއްޖާއަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 59 އަހަރުގެ އަންހެން މީހާއަށް ވެސް އެޗްއާރްސީއެމް އިން ވަނީ ޒިޔާރަތްކޮށް، އޭނާގެ ހާލަތު ބަލައިފަ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރި އިރު އޭނާ ދިޔައީ ސްކޫލަށްދާ އުމުރުންގެ، އޭނާއަށް މާމަ ކިޔާ ތިން ކުއްޖަކު ބަލަމުންނެވެ.
އެޗްއާރްސީއެމް އިން ބުނީ އެ ތިން ކުދިން ދިރިއުޅޭ މާހައުލަށް ޒިޔާރަތްކޮށް އެކުދިންގެ ހާލަތުވެސް ބަލާފައިވާނެ ކަމަށެވެ. އަދި އެ ކުދިންގެ ހާލަތު، ޖެންޑާ އިން ބަލައި މޮނިޓާ ކުރަމުންދާކަމަށް ވެސް ބުންޏެވެ.
މައްސަލައިގައި ތުހުމަތުކުރާ އަންހެން މީހާގެ ފަރާތުން ވެސް އެޗްއާރްސީއެމް އަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އެޗްއާރްސީއެމް އިން ބުނީ މި މައްސަލައާ ގުޅުން ހުރި ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި އެ ކޮމިޝަނުގެ އިހްތިސޯސްގެ ތެރެއަށް ފެތޭކަންކަން ބަލަމުންގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެނގުން މުހިންމު - އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން މިއަދު ވަނީ ތާއީދުކޮށްފަ އެވެ. ހައި ކޯޓުން ބުނީ އެއީ ހެކިތަކަށް ބަލައިގެން ރަނގަޅަށް ކުރި އަމުރެއް ކަމަށެވެ.