އެމްއެމްސީގެ ބައްދަލުވުމެއް މިއަދު ކުރިއަށް ދަނީ: މަސްދަރު ހާމަކުރަން ޖެހުމަކީ ނޫސްވެރިކަމަށް އަންނާނެ ހުރަހެއް ކަމަށް އެ ތަނުން ބުނޭ. (ފޮޓޯ/އެމްއެމްސީ)
މަސްދަރު ހާމަކުރަން ޖެހުމުން ނޫސްވެރިކަމަށް ހުރަސްއެޅޭނެ: އެމްއެމްސީ
ގާނޫނުއަސާސީއާ ފުށުއަރާ ގޮތަށް، ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ބިލު ބައްޓަންކުރަން ނިންމުން އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑުވެ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިރޭ ބުނެފި އެވެ.
މައްސަލައިގެ ފެށުން - ސަރުކާރުން ހުށަހަޅައި އިބުތިދާއީ ބަހުސް ވެސް ފަށާފައިވާ އެ ބިލުގެ 136 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ އެ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ.
އެމްއެމްސީގެ ކަންބޮޑުވުން - ނޫސްވެރިންނާއި މީޑިއާގެ ކަންކަން ވިލަރެސްކުރާ އިދާރަ ކަމަށްވާ އެމްއެމްސީން ބުނި ގޮތުގައި، މި ގޮތަށް ބިލު ފާސްވެއްޖެ ނަމަ، ގާނޫނު އަސާސީން ލިބިދޭ ނޫސްވެރިކަމުގެ ހައްގު ނިގުޅައިގަނެވި މަސްދަރު ހާމަކުރުމަށް މި މާއްދާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.
އޭގެ އިތުރުން އެމްއެމްސީން ބުނީ:
-
ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނެއް ފާސްވުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތައް ހުއްޓިދާނެ ކަމެއް ކަމަށް
-
މިކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަގްވާމީ ދުނިޔޭގައި ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް
"މިއީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" އެމްއެމްސީގެ ބަޔާނުގައި ބުންޏެވެ.
އެންގުން މުހިންމު - ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައިވާ ގޮތުން އެއްވެސް މީހަކަށް މަސްދަރު ހާމަ ކުރުމަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ.
އެ މާއްދާގައިވާ ގޮތުން:
-
ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވޭ
-
އޭގެ ތެރޭގައި، ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިުކުރުން އަދި ފެތުރުމުގެ މިނިވަންކަން ހިމެނޭ
އެމްއެމްސީން ބުނީ:
-
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި އެކަމަކު މިހާރު އުވާލާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން ރާއްޖޭގެ މީޑިއާއަށް ލިބުނު ގެއްލުންތަކުން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށް
-
ހެއްކާ ބެހޭ ބިލުގައި ހުރި ކަންބޮޑުވާ ކަންކަން އުނިކުރަން ސަރުކާރާއި މަޖިލީހަށް ގޮވާލާ ކަމަށް
"މީގެ އިތުރުން މިކަމާ ގުޅިގެން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި މިކަން އިސްލާހު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމަށް މި ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ،" އެމްއެމްސީގެ ބަޔާނުގައި ބުންޏެވެ.