މާލެ ވިލިމާލެ ދެމެދުގައި ބްރިޖް ސާވޭ ކުރުމަށް މިހާރު ބޭނުން ކުރަމުންދާ އޮފް ޝޯ ޕްލެޓްފޯމް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ވިލިމާލެ ބްރިޖު

މާލޭ ކައިރީ އޮތް 'ރުމެއިލާ' މިއީ ކޮން ބޯޓެއް؟

ބްރިޖްގެ އެޅުމުގެ އަމަލީ މަސައްކަތްތައް މި އަހަރު މެދު ތެރޭ ފެށޭނެ ކަމަށް ވަނީ ލަފާކޮށްފައި
5 އޭޕްރީލު 2022
1

މާލޭ ހުޅަނގު ފަރާތުން ވިލިމާލެއާ ދިމާލު ބޭރު ކަނޑުގައި ހަފްތާއެއްހާ ދުވަސް ކުރިން ބޮޑު ބޯޓެއް ބަނދަރުކުރި އެވެ. މާލެ-ވިލިމާލެ ބްރިޖްގެ މަސައްކަތުގައި ބޭނުން ކުރަން ގެނައި އެ ބޯޓުގެ ބޮޑުކަމާއި ތަފާތު ކަމުން އެތައް ބައެއްގެ ސަމާލުކަން އެ ބޯޓަށް ހުއްޓުނެވެ. ގިނަ ބައެއްގެ ލޮލުގައި ބޯޓުގެ ނަން ވެސް އަޅައިގަތެވެ. އަރަބިންނާއި އިނގިރޭސިން ބޯޓުގެ ބޭރުގައި ލިޔެފައި އޮތީ 'ރުމެއިލާ' އެވެ.

އެކި މީހުން އެކި ގޮތަށް ވެސް އެ ނަން ކިޔެ އެވެ. އެއް ބަޔަކު ފަލަސްތީނުގެ އަވަށަކާ ގުޅުވައި ރާމައްލޯއޭ ވެސް ކިޔެވެ. 

އެކަމަކު ހައުސިން މިނިސްޓްރީގެ ބްރިޖް ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓުން ބުނަނީ އެ ބޯޓުގެ ނަމަކީ 'ރުމެއިލާ' ކަމަށެވެ. އެއީ ކަނޑުގެ ފުން ހިސާބުތަކުގެ އަޑީގައި އެކި މަސައްކަތްތައް ކުރުމަށް ބޭނުންކުރާ 63 މީޓަރު ދިގު އަދި 52 މީޓަރު ފުޅާ އޮފްޝޯ ސަޕޯޓް އުޅަނދެކެވެ. ގަލްފް ޑްރިލިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏެއްގެ އެ އުޅަނދުގައި ހެލި ޕެޑަކާއި ގިނަ ދުވަސް ވަންދެން މުވައްޒަފުންނަށް ތިބެވޭނެ އިންތިޒާމްތައް ވެސް ހިމެނެ އެވެ.

މާލެ ވިލިމާލެ ދެމެދުގައި ބްރިޖް ސާވޭ ކުރުމަށް މިހާރު ބޭނުން ކުރަމުންދާ ބޮޑު އުޅަދު.(ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

މި އުޅަނދު ވިލިމާލެ ބްރިޖް އެޅުމުގެ މަސައްކަތުގައި ބޭނުންކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟

ބްރިޖް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ބުނީ އެ އުޅަނދު ބޭނުން ކުރަމުން އަންނަނީ ބުރިޖް އެޅުމުގެ ކުރިން މިހާރު ކުރަމުން އަންނަ ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތަށް ކަމަށެވެ. އެގޮތުން އެ ސާވޭގައި އެ ބޯޓުން ކުރާނެ މައިގަނޑު މަސައްކަތަކީ ބުރިޖް އަޅާ ފުން ދިމާތަކުގެ ކަނޑު އަޑިން ބިންގަނޑު ތޮރުފައިގެން ސާމްޕަލް ނެގުން ކަމަށް ޔުނިޓްގެ އޮފިޝަލަކު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ ސާވޭ ނިމޭނެ ތާރީހެއް އަދި ނޭނގޭ ކަމަށެވެ. އެކަމަކު އޭނާ ދެއްވި ޔަގީންކަމަކީ މި އަހަރު މެދުތެރޭ ބްރިޖް އަޅަން ކުރަން ޖެހޭ މަސައްކަތް ފަށައިގަނެވޭނެ ކަމެވެ.

"އެކަށީގެންވާ ވަރަށް ޑޭޓާ ލިބެންދެން ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތް ގެންދާނެ ކުރިއަށް،" އޮފިޝަލް ވިދާޅުވި އެވެ.

ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތަށް މީގެ ކުރިން މާލެ އާއި ވިލިމާލެއާ ދެމެދު ޕްލެޓްފޯމްތަކެއް ވެސް އެޅި އެވެ. ބައެއް ޕްލެޓް ފޯމްތައް އަދިވެސް އެބަ ހުއްޓެވެ. އަނެއް ބައި ޕްލެޓް ފޯމްތައް މިހާރު ވަނީ ނަގައިފަ އެވެ.

 މާލެ އިންޑަސްޓްރިޔަލް ސަރަހައްދުގައި ތިލަމާލެ ބުރިޖުގެ ކޮންޓްރެކްޓަރު އެފްކޮންއިން ސައިޓު ހެދުމުގެ މަސައްކަތްތައް ކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތް ނިމުމުން ދެން އެ ބޯޓު ބޭނުންކުރާނީ ފުން ސަރަހައްދުތަކުގައި ބުރިޖްގެ ތަނބުތައް ޖަހަން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ބްރިޖުގެ ވަރަށް ބޮޑު ބައެއް ނިމުމަކާ ހަމައަށް ދަންދެން އެ އުޅަނދު ރާއްޖެ އޮންނާނެ ކަމަށް ބުރިޖް މެނޭޖްމަންޓް ޔުނިޓުން ލަފާކުރެ އެވެ. 

ރުމެއިލާ ގަތަރުން ފުރައިގެން ރާއްޖެ އައިސްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެއީ 2014 ގައި ބަނދެ ބޭނުން ކުރަން ފެށި ބޯޓެކެވެ. އެ ބޯޓު މީގެ ކުރިން ބޭނުންކޮށްފައި ވަނީ ކަނޑު އަޑިން ތެޔޮ ނެގުމަށް ޕްލެޓް ފޯމްތައް ހެދުމުގެ މަސައްކަތްތައް ފަދަ ކަންކަމުގަ އެވެ.

ބްރިޖް ޔުނިޓްގެ އޮފިޝަލް ވިދާޅުވީ ވިލިމާލެ ބްރިޖް އެޅުމުގައި ޓެކްނިކަލް ސާވޭގެ އިތުރުން މިހާރު ކުރިއަށް ދަނީ ސައިޓް ހެދުމާއި ބްރިޖަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ސައިޓް އޮފީސް ހެދުމުގެ އިތުރަށް ގުޅީފަޅުގައި ކާސްޓިން ސައިޓް ހެދުމުގެ މަސައްކަތް ކުރިއަށް އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބުރިޖް:

  • 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާއިން ދޭ ހިލޭ އެހީ

  • މަޝްރޫއަށް ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން

  • ދިގު މިނުގައި 6.7 ކިލޯމީޓަރު ހުންނަ ކޯޒްވޭއަކުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެ

  • ބުރިޖް އަޅަން ހަވާލުކުރީ އިންޑިއާގެ އެފްކޮންއާ

  • އެފްކޮންއާ މަޝްރޫއު ހަވާލުކުރީ 26 އޮގަސްޓް 2021ގައި

ކޮމެންޓް (1)

މަޖީދު

5 އޭޕްރީލު 2022
ސާވޭނިމޭނެ ދުވަހެއްނޭގޭ އެކަމު އަމަލީ މަސައްކަތް ފެށޭނެ ދުވަހާ މަސައްކަތް ނިމޭނެދުވަސްއެގޭ؟
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް