ބުރިޖުގެ މަސައްކަތައް އިންޑަސްޓްރިއަލް ޒޯނުގެ ބިމެއްގައި އެފްކޮންގެ ސައިޓެއް ގައިމްކޮށްފައި: ބުރުޖުގެ މަސައްކަތައް އެ ސަރަހައްދުގެ ގިނަ ބިންތަކެއް އެ ކުންފުންޏަށް ވަނީ ދީފައި (ދައުރު ފޮޓޯ)

އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ބައެއް ބްރިޖު އަޅާ އެފްކޮންއަށް ހާއްސަކޮށްފި

ބައެއް ބިންތަކުގައި އެފްކޮންގެ ސައިޓްތައް މިހާރު ވަނީ ހަދަން ފަށާފައި

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅައިލާ މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއޫ، ގްރޭޓާ މާލެ ކަނެކްޓިވިޓް ބުރިޖް އެޅުމަށް ހަވާލު ކުރި އިންޑިއާގެ އެފްކޮންއަށް މަސައްކަތު ސައިޓް ހެދުމަށް މާލޭ ދެކުނު ފަރާތު އިންޑަސްޓްރިއަލް ޒޯނުގެ ގިނަ ބިންތަކެއް ދީފި އެވެ.

އެނގުން މުހިންމު - އިންޑިއާގެ ޓާޓާ ކުންފުނީގެ ސިސްޓާ ކުންފުންޏެއް ކަމަށްވާ އެފްކޮންއާ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރު އޮގަސްޓު މަހު 26 ގައި އެވެ. އެގޮތުން:

  • މަޝްރޫއުގެ ޖުމްލަ އަގަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާއިން ދޭ ހިލޭ އެހީ

  • ބަކީ 400 މިލިއަން ޑޮލަރި (6.2 ބިލިއަން ރުފިޔާ) އިންޑީއާގެ ލައިން އޮފް ކްރިޑިޓްގެ ދަށޫން އެގްޒިމް ބޭންކުން ދޭ ލޯނެއް

  • ދިގު މިނުގައި 6.7 ކިލޯމީޓަރު ހުންނަ ކޯޒްވޭއަކުން ހަތަރު ރަށް ގުޅާލާނެ 

ފަޔާ ސްޓޭޝަން ކުރިމަތީގައި އޮންނަ ބިން ބުރިޖުގެ މަސައްކަތައް ހުސްކޮށްފައި(ދައުރު ފޮޓޯ)
އިންޑަސްޓްރިއަލް ޒޯންގެ ބިމެގައި ގަތަކެއް އަޅާފައި: މިތަނުގައި އެމީހުންގެ ސައިޓް އޮފިސް ގައިމްކޮށްފައި ހުރި އިރު، ދުއްވާ އުޅަނދުތައްވެސް ގެނެސްފައި އެބަހުރި (ދައުރު ފޮޓޯ)

ވީ ކިހިނެއް؟ - އިންޑަސްޓިރިއަލް ޒޯންގެ ގިނަ ބިންތަކެއް ހުސްކޮށް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އެ ސައިޓުތަކުގައި މަސައްކަތް ފަށާފައި އެވެ. ބުރިޖު އެޅުމަށްޓަކައި އެތަނުން ބިންހުސްކޮށް، އެފްކޮންއާ ހަވާލުކުރި ކަން ޕްލޭނިން މިނިސްޓްރީން 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ. ނަމަވެސް އެއީ ކޮން ބިންތަކެއް ކަމާއި ކިހާ އަދަދެއްގެ ބިންތަކެއް ކަން ފަހުން ބެލުމަށްފަހު، މައުލޫމާތު ހާމަކުރާނެ ކަމަށް އެ މިނިސްޓްެރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިއަދު ހަވީރު 'ދައުރު'ގެ ނޫސްވެރިން އެ ސަރަހައްދަށް ގޮސް ބެލި އިރު، މާލޭ އިންޑަސްޓުރިއަލް ޒޯންގައި އެފްކޮންއަށް ހާއްސަކޮށްފައިވާ ބައެއް ބިންތަކުގައި ކޮންޓެއިނަރުން ހަދާފައި ހުރި ގެތަކެއް ވަނީ ބަހައްޓާފަ އެވެ. އަދި ބައެއް ވެހިކަލްތައް ވެސް ސައިޓުތަކުގައި ބަހައްޓާފައި ހުއްޓެެވެ.

އިންޑަސްރިއަލް ޒޯނުގެ މައި ދެ މަގުން އެއް މަގުގެ ވަކި ހިސާބެއް ބަންދުކޮށް، އަނެއް މަގުގައި ކޮންސްޓްރަކްޝަން ބުޑުތަކެއް ޖަހާފައި(ދައުރު ފޮޓޯ)
އިންޑަސްރިއަލް ޒޯނުގެ މައި ދެ މަގުން އެއް މަގުގެ ވަކި ހިސާބެއް ބަންދުކޮށް، އެއާ ޖެހިގެން އޮންނަ ބިންވެސް ހުސްކޮށްފައި(ދައުރު ފޮޓޯ)

އިންޑަސްޓްރިއަލް ވިލެޖަށް ވަންނަ އޮންނަ ދެމަގުން އެއް މަގު ވަކި ހިސާބަކުން ބަންދުކޮށް، އަނެއް މަގުގައި ކޮންކްރީޓް ބުޑުތައްކެއްވެސް ވަނީ އަޅަން ފަށާފަ އެވެ. އެ ބުޑުތައް އެތަނުގައި އެޅުމަށްފަހު، އެ ބުޑުތައް ސައިޓުތަކަށް ގެންގޮސް އިމާރާތްތައް ހަދާ ތަންތަނުގައި ބެހެއްޓުމުގެ މަސައްކަތް އެތަނުގައި އަންނަނީ ކުރަމުންނެވެ. 

ހުސްކޮށްފައިވާ ބިންތަކުގެ ތެރޭގައި:

  • މާލޭ ފަޔާ ސްޓޭޝަން ކުރިމަތީގައި އޮންނަ ބިން އަދި އެ ބިމާ އިންވެގެން ފަހަތަށް އޮންނަ ބިން

  • ވެމްކޯ ހެޑް އޮފީސް ކުރިމައްޗަށްވާ ގޮތަށް އޮންނަ ބިން (ކުރިން ހަތަރު ފުރޮޅުލީ ބަރު އުޅަނދުތައް ޕާކް ކުރުމަށް ބޭނުން ކުރި ބިން)

  • ވެމްކޯ ސައިޓް ގެ އިރުމަށްޗަށްވާ ގޮތަށް އޮންނަ ބިން

ބުރިޖުގެ މަސައްކަތައް ވެމްކޯ ސައިޓާ އިންވެގެން އޮންނަ ބިން ހުސްކޮށްފައި: މި ސަރަހައްދުގެ ގިނަ ބިންތަކެއް މި މައްސައްކަތަށް ވަނީ ހުސްކޮށްފައި(ދައުރު ފޮޓޯ)

ފަސް މަންޒަރު - ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ބުރިޖުގެ ބޮޑެތި މަސައްކަތްތައް އަންނަ މާޗު މަހުގެ ތެރޭ އާންމުންނަށް ފެންނަން ފަށާނެ އެވެ. މަސައްކަތް ފެށުމަށް ހަދަން ޖެހޭ ޖިއޯޓެކްނިކަލް ސާވޭތައް ހެދުމަށް ބޭނުންވާ ތަކެތި އެ މަޝްރޫއުގެ ކޮންޓުރެކްޓަރު އެފްކޮން އިން މިހާރު ރާއްޖެ ގެނެސް ސާވޭ ފަށަން ތައްޔާރުވެފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައި އެވެ. އެ ސާވޭ މާދަމާ ފަށާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް