މާލެއާއި އެންމެ ކައިިރިން އަޅާފައިވާ ޕްލެޓްފޯމްގައި އެފްކޮންގެ މަސައްކަތެރިން: މިހާރު މީގެ ހަތަރު ޕްލެޓްފޯމް ވަނީ އަޅާފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް(

ވިލިމާލެ ބްރިޖު

ބުރިޖު ސާވޭއަށް ބޭނުންވާ 4 ޕްލެޓްފޯމެއް ފެނުން މައްޗަށް

މި ޕްލެޓްފޯމުތަކުގެ ބޭނުމަކީ، ބުރިޖުގެ ހެދުމަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭއަށް ކަމަށް

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީ ގުޅާލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު އެޅުމަށް ބޭނުންވާ ސާވޭ ހެދުމަށް ބޭނުންކުރާ ހަތަރު ޕްލެޓްފޯމެއް ގާއިމްކޮށް ބްރިޖް ސާވޭގެ މަސައްކަތް ހަލުވިކޮށްފި އެވެ.

ތަފްސީލު - މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއޫ، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ސާވޭއަށް މިދިޔަ ދެ މަސް ދުވަހު ފުރަތަމަ އެޅީ ދެ ޕްލެޓްފޯމެވެ. މިއަދު 'ދައުރު'ގެ ނޫސްވެރިން އެ ސަރަހައްދަށް ގޮސް ބެލި އިރު، ވިލިމާލެ އާއި މާލެއާ ދޭ ތެރޭ ކަނޑުގައި ހަތަރު ޕްލެޓްފޯމެއް މިހާރު ވަނީ އަޅައިފަ އެވެ.

ބުރިޖުގެ މަސައްކަތާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ ޕަބްލިކް ރިލޭޝަން އޮފިސަރު، މަރިޔަމް ޝަހުދާ މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ޕްލެޓްފޯމުތަކުގެ ބޭނުމަކީ ބުރިޖު ހެދުމަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭއެއް ހެދުމެވެ.

"އެ ޕްލެޓްފޯމްތަކަކީ، ބުރިޖު އެޅުމަށް ބޭނުން ކުރާނެ ޕްލެޓްފޯމްތަކެއް ނޫން. މިހާރު ކުރިއަށް ދަނީ، މޮބިލައިޒޭޝަން މަސައްކަތްތަކާއި ޑިޒައިންގެ މަސައްކަތާއި ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

މާލޭ އިރުމަތީފަރާތު ކައިރީގައި އެންމެފަހުން އެޅި ޕްލެޓްފޯމް: ސާވޭގެ މަސައްކަތް ނިމޭނެ ތާރީހެއް މިނިސްޓްރީން ހާމައެއް ނުކުރޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޖިއޯ ޓެކްނިކަލް ސާވޭ:

  • ޖިއޯ ޓެކްނިކަލް ސާވޭ އަކީ ކަނޑުގެ އަޑީގެ ބިންގަނޑުގެ ވަރުގަދަކަން ދެނެގަންނަން ހަދާ ސާވޭއެއް

  • ސާވޭއަށް ފަހު ބުރިޖް އޮންނާނެ ގޮތުގެ ޑީޓެއިލް ކުރެހުން ނިމޭނެ

ސާވޭގެ މަސައްކަތް ނިމޭނީ ކޮން ތާރިހެއްގަތޯ އެހުމުން ވަކި ތާރީހެއް ހާމަނުކޮށް އޭނާ ވިދާޅުވީ، "ޖިއޯ ސާވޭގެ މަސައްކަތް ޑީޓެއިލްޑް ޑިޒައިނަށް ބޭނުންވާ މައުލޫމާތު އެއްކޮށް ނިމެންދެން" ކުރިއަށް ދާނެ ކަމަށެވެ.

އެފްކޮންގެ މަސައްކަތްތެރިން އިންޑަސްޓްރިއަލް ވިލެޖް ސައިޓުގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި މި ހިނގާ މާޗު މަސް ތެރޭ ބުރިޖުގެ ބޮޑެތި މަސައްކަތްތައް އާންމުންނަށް ފެންނަން ފަށާނެ އެވެ.

އިންޑިއާގެ އެފްކޮން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްދާ މި މަސައްކަތަށް އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ބައެއް ވަނީ ހުސްކޮށް، އެތަނުގައި އެ ކުންފުނީގެ މީހުން ތިބުމަށާއި ސައިޓް އޮފީސް ހެދުމަށް ދޫކޮށްފަ އެވެ. ސާވޭއަށް ބޭނުން ކުރާނެ އިތުރު އެއް ޕްލެޓްފޯމްވެސް އެ ސަރަހައްދުގައި މިހާރު ދަނީ ތައްޔާރުކޮށް ނިމެމުންނެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖް:

  • މަޝްރޫއުގެ ޖުމްލަ އަގަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާއިން ދޭ ހިލޭ އެހީ

  • ބަކީ 400 މިލިއަން ޑޮލަރި (6.2 ބިލިއަން ރުފިޔާ) އިންޑީއާގެ ލައިން އޮފް ކްރިޑިޓްގެ ދަށޫން އެގްޒިމް ބޭންކުން ދޭ ލޯނެއް

  • ދިގު މިނުގައި 6.7 ކިލޯމީޓަރު ހުންނަ ކޯޒްވޭއަކުން ހަތަރު ރަށް ގުޅާލާނެ

  • ބްރިޖު އަޅަން ހަވާލުކުރި އެފްކޮން ކުންފުންޏަކީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ސިސްްޓާ ކުންފުނި

  • އެފްކޮންއާ މަޝްރޫއު ހަވާލުކުރީ 26 އޮގަސްޓް 2021ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް