18 ޖުލައި 2021ގައި ސުޕްރީމް ކޯޓު ކުރިމަތި.

މަރުގެ ދައުވާ ލިބޭ ކުއްޖާ ގޭބަންދުކުރުން ގޯސް: ސުޕްރީމް ކޯޓު

ކުއްޖާ ގޭބަންދުކުރަން ޖުވެނައިލް ކޯޓުން ކުރި އަމުރު ބާތިލްކުރެވެން ނެތް ކަމަށް ކޯޓުން ބުނި
16 މާރިޗު 2022

ހުޅުމާލޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ތުހުމަތުކުރެވޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - މާލޭގައި ކުޑަކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ ޖޫން 21ގެ ރޭގެ ވަގުތެއްގައި އެ ކުއްޖާ ފެނުނީ ހުޅުމާލޭ ދެ ވަނަ ފޭސްގެ މޫދުންނެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ 17 އަހަރުގެ ކުޑަކުއްޖަކަށާއި ނ. ލަންދޫ/ބަގީޗާގެ، އިބްރާހިމް ޒިހާންގެ މައްޗަށެވެ.

ކުޑަކުއްޖާގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

  • ގަސްދުގައި މީހަކު މެރުމުގެ ދައުވާ 

  • ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ 

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ

އެ ކުއްޖާގެ ޝަރީއަތް ކުރިއަށްދަނިކޮށް ގެއަށް ބަދަލުކުރީ އެ ކުއްޖާ ބަންދުކޮށްފައި ހުރި މަރުކަޒަކީ ކުޑަކުދިން ބަންދުކުރާ މަޒަރުކަޒުތަކުގައި ހުންނަން ޖެހޭ މިންގަނޑުތަކަށް ނުފެތޭ ތަނެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނިންމުމުންނެވެ.

ވީ ކިހިނެއް؟ - އޭގެ ފަހުން، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމްކޮށްފައިވުމުން އެ ތަނަށް އެ ކުއްޖާ ބަދަލުކުރަން ދައުލަތުން އެދުމުން ވެސް ޖުވެނައިލް ކޯޓުން ނިންމާފައި ވަނީ އެ ކުއްޖާ ގެއަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ނިންމުމަށް މިދިޔަ ފެބުރުއަރީ މަހުގެ23 ވަނަ ދުވަހު ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.

އެންމެ ފަހުން ދައުލަތުން ވަނީ އެ ނިންމުން އެންމެ މަތީ ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

21 ޖޫން 2021: 13 އަހަރުގެ ކުއްޖަކު މަރާލުމަށްފަހު ފޮއްޓަކަށް ލައި ހުޅުމާލޭ ފޭސް 2 ގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު ސަރަހައްދު ބަންދުކޮށްފައި (ދައުރު ފޮޓޯ)

ތަފްސީލް - އެ މައްސަލަ އިސްތިއުނާފުކޮށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ، ކުއްޖާ ގޭބަންދުގައި ބެހެއްޓުމަކީ ފަނޑިޔާރަށް ލިބިގެންވާ އިހްތިޔާރެއް ކަމާމެދު އިންކާރު ނުކުރާ ކަމަށެވެ. ކުއްޖާގެ ފަރާތުން ބުނީ:

  • ކޯޓުން ކޮށްފައިވާ ޝަރުތަކާ ހިލާފު އެއްވެސް ކަމެއް ކުއްޖާ ކޮށްފައިނުވާކަމަށް

  • ކުއްޖާގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން ލިބޭކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ބުނެފައިވާކަމަށް

އެހެންކަމުން، ސުޕްރީމް ކޯޓުގައި ޖަވާބު ހޯދަން ޖެހުނީ ކުއްޖަކު ގޭގައި ބަންދުކުރަން ނިންމާ ނަމަ، އެ އިހްތިޔާރުގެ ބޭނުން ހިފުމުގައި ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންތައްތަކެއް ހުރިތޯ އާއި ހުރި ނަމަ އެއީ ކޮން ކަންތައްތަކެއް ކަމާމެދު އެވެ.

ކުށެއްގެ ތުހުމަތުކުރެވޭ ކުއްޖަކު ބަންދުކުރަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ. ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އެފަދައިން އޮތުމަކީ ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ކުދިން ބަންދުކުރަން މަގު ބަންދުވުން ނޫން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ގޭގައި ކުއްޖަކު ބަންދުކުރުމުގެ އިހްތިޔާރަކީ، އެއްވެސް އިމެއް ނެތް ގޮތުގައި މުތުލަގަށް ދީފައިވާ އިހްތިޔާރެއް ނޫންކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކުރި އެވެ.

ބުނީ ކީކޭ؟ - "ގާނޫނެއްގެ ދަށުން ފަނޑިޔާރަށް ލިބިދޭ ކޮންމެ އިހްތިޔާރަކީ ވެސް ވަށައިގެންވާ ކަންކަމާއި ގާނޫނީ ސަބަބުގެ މައްޗަށް ބިނާވާ، ފަރުވާތެރިކަމާއެކު ނިންމާ ނިންމުމަކަށް ވާންޖެހެ އެވެ،" ހުކުމުގައި ބުންޏެވެ.

"އެއާ ހިލާފަށް، ވަށައިގެންވާ ކަންކަމަށް ރިއާޔަތްނުކޮށް، ނިންމުން ބިނާކުރާ ގާނޫނީ ސަބަބުތަކެއް ނުދެއްކޭ ނަމަ އެފަދަ ނިންމުމަކީ ހުދުމުހުތާރު ނިންމުމަކަށް ވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ." 

ސުޕްރީމް ކޯޓުން ބުނީ، ކުއްޖާ ގޭބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއީދުކޮށްފައިވަނީ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންތައްތަކާއި ކުއްޖާގެ ހާލަތަށް ފުރިހަމައަށް ރިއާޔަތްކޮށްފައި ނޫން ކަމަށެވެ.

އޭގެ އިތުރުން ހުކުމުގައި ފާހަގަ ކުރީ:

  • ކުއްޖާގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ކަމަށް

  • ކުއްޖާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް

  • ކުއްޖާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް

ކުއްޖާ ގޭބަންދުކުރުމަކީ ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫންކަން ހުކުމްގައި ފާހަގަކުރި އެވެ.

ނަމަވެސް ގާނޫނީ ހުރަހެއް ނެތަތީ، އެގޮތަށް އެކަން ކުރުމަކީ އެންމެ އެކަށޭނަ ގޮތްތޯ ނުވަތަ ނޫންތޯ ފަނޑިޔާރު ވަޒަންކުރަން ޖެހޭނެ ކަމަށާއި ފަނޑިޔާރުގެ ނިންމުމުގެ ސަބަބުން މައްސަލަ ކުރިއަށް ގެންދަން ދިމާވެދާނެ ގޮންޖެހުންތަކަށް ވެސް ވިސްނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން ފާހަގަކުރި އަނެއް ކަމަކީ، ޖުވެނައިލް ޖަސްޓިސް އިން ކުރާ މަސައްކަތަށް ކުއްޖާ އެއްބާރުލުން ދޭ ކަމަށާއި ތައުލީމު ހާސިލްކުރުމަށް ކޯހެއްގައި ބައިވެރިވެ ކުރިއަށްދާކަމެވެ. އެއީ އުންމީދީ ކަމެއް ނަމަވެސް، ހަމައެކަނި އެކަމަށް ބަލައިފިނަމަ "ކަމުގެ އެންމެ އެކަށޭނަ ތަސައްވުރު ފެނިގެން ނުދިއުމުގެ ފުރުސަތު" އޮތް ކަމަށް ހުކުމްގައި ބުންޏެވެ.

ސުޕްރީމް ކޯޓުން އެފަދައިން ބުނެފައި ވަނީ ކުއްޖާއާ ގުޅޭގޮތުން ޖުވެނައިލް ޖަސްޓިސް އިން ސުޕްރީމް ކޯޓުގައި ފާޅުކުރި ކަންބޮޑުވުންތަކުގެ ސަބަބުންނެވެ. އެގޮތުން، ކުއްޖާ ކުރިކަމަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުތަކާ ގުޅިގެން، އެއީ ކުށެއް ކަމުގެ އިހުސާސް ކުއްޖާއަށް ނުވާކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

ކުއްޖާ ގޭބަންދުކުރުން ރަނގަޅުކަމަށް ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރި އެވެ. ނަމަވެސް، ޖުވެނައިލް ކޯޓުން ކުއްޖާ ގޭބަންދުކުރަން ފުރަތަމަ ކުރި އަމުރަށް ފަހު ވެސް އެފަދަ އެހެން އަމުރުތަކެއް ނެރެފައި ވާތީ ދައުލަތުން ބާތިލްކޮށްދޭން އެދުނު އަމުރުގެ ބާރު ކެނޑިފައިވާކަމަށް ކޯޓުން ބުންޏެވެ. އެހެންކަމުން ޖުވެނައިލް ކޯޓުގެ އަމުރު ބާތިލުކުރެވެން ނެތް ކަމަށް ކަނޑައެޅި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް