ޖުވެނައިލް ކޯޓުގެ ބޭރު (ފޮޓޯ/ ޖުވެނައިލް ކޯޓު)

13 އަހަރުގެ ކުއްޖާގެ މަރު: ތުހުމަތުވާ ކުއްޖާ ގޭބަންދަށް ބަދަލުކޮށްފި

އެކުއްޖާ ގޭބަންދަށް ބަދަލުކުރީ ރާއްޖޭގައި ކުޑަކުދިންނަށް އެކަށީގެންވާ ޖަލެއް ނެތް ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓެއްގައި ބުނެފައި އޮތުމުން
11 ނޮވެމްބަރު 2021
1

ހުޅުމާލޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކައި ލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ތުހުމަތުކުރެވޭ ކުޑަ ކުއްޖާ ބަހައްޓާނެ ޖަލެއް ނެތުމުން އެކުއްޖާ ގޭބަންދަށް ބަދަލުކޮށްފި އެވެ.

މައްސަލައިގެ ފެށުން - މޫދަށް އެއްލާލަފައި އޮތް ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ 17 އަހަރުގެ ކުޑަކުއްޖަކަށާއި، ނ. ލަންދޫ ބަގީޗާގެ އިބްރާހިމް ޒިހާންގެ މައްޗަށެވެ.

އިބްރާހިމް ޒިހާންގެ މައްޗަށް 13 ދައުވާއެއް ދައުލަތުން ކުރެ އެވެ. ކުޑަކުއްޖާގެ މައްޗަށް ކުރަނީ:

  • ގަސްދުގައި މީހަކު މެރުމުގެ ދައުވާ

  • ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ

ތަފްސީލް - ކުޑަކުއްޖާގެ މައްސަލައިގެ ޝަރީއަތް ޖުވެނައިލް ކޯޓުގައި ކުރިއަށް ދަނިކޮށް މިދިޔަ ހަފްތާގައި ކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރަން އަމުރުކޮށްފަ އެވެ. ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރަން ކޯޓުން އަމުރުކުރީ އެޗްއާރްސީއެމް އިން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ރިއާޔަތްކޮށެވެ.

އެ ރިޕޯޓުގައި ބުނަނީ:

  • ކުށް ކުރާ ކުޑަކުދިންނަށް ހާއްސަ ޖަލެއް ހުންނަން ޖެހޭނެ ކަމަށްކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނި ނަމަވެސް، ރާއްޖޭގައި ކުޑަކުދިން ބައިތިއްބަން އެކަށޭނަ ޖަލެއް ނެތް ކަމަށް 

  • ކުޑަކުދިންނަށް ހާއްސަ ޖަލެއް ގާއިމުކުރަން ކަރެކްޝަންސްއަށް އެއް މަހުގެ މުއްދަތެއް އޮތީ ދީފައި

ނަމަވެސް އެ މުއްދަތުގައި އެފަދަ ޖަލެއް ގާއިމުނުކުރެވޭނެ ކަމަށް ކަރެކްޝަންސް އިން ވަނީ ކޯޓަށް އަންގައިފަ އެވެ. އެހެންކަމުން ކޯޓުން ނިންމީ މައްސަލައިގައި ހިމެނޭ ކުއްޖާ ގޭބަންދަށް ބަދަލުކުރާށެވެ.

އެނގުން މުހިންމު - އެޗްއާރްސީއެމްގެ ރިޕޯޓަށް ރިއާޔަތްކޮށް، ގއ. މާމެންދޫގައި މިދިޔަ ފެބުރުއަރީ މަހު ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާ ވެސް ޖުވެނައިލް ކޯޓުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެ ނިންމުން އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް (1)

ޔާމީނު

11 ނޮވެމްބަރު 2021
ތިޔޭ މައްސަލައަކީ. ހައްލު ހޯދަން ޖެހޭނީ މައްސަލައަށް. ޖަލެއް ނެތިއްޔާ ޖަލެއް ހަދާނީ. ކުށްވެރިޔާ މިނިވަން ކުރާނީ އެއް ނޫން. ކަރެކްޝަނަށް އެކަން ނުވަންޏާ، ކުރެވޭވަރު ބަޔަކާ ކަރެކްޝަންސް ހިންގުން ހަވާލު ކުރާނީ. ނޫނީ، އެ ނުކުރެވޭ ސަބަބެއް އޮޅުން ފިލުވައި އެކަމަށް ހައްލު ގެންނާނީ. ދައުލަތުން މުސާރަ ދީފަ، ދައުލަތުގެ ބަޖެޓް ހަވާލުކޮށްފަ ތިބޭ މީހުންނަށް ކަންކަން ނުވީމަ ކުށްވެރިން މިނިވަން ކުރަން ޖެހޭ އުސޫލު މީ ކޮން ކަހަލަ ކަމެއް؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް