ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. (ފައިލް ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)

އަލީ ވަހީދު

އަލީ ވަހީދު ހައްޔަރުކޮށްގެން ގެންނަން ރެޑް ނޯޓިސް ނެރެފި: ފުލުހުން

ފުލުހުން ބުނީ، ރެޑް ނޯޓިސް ނެރުމުން މިހާރު ޕީޖީއާ އެކު ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި މިވަގުތު ކޯޓަށް ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ހުންނެވި އަލީ ވަހީދު ހައްޔަރު ކުރުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުުނެފި އެވެ.

ފުލުހުންގެ ބަސް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން މިހާރު ރެޑް ނޯޓިސް ނެރެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އިންޓަޕޮލް ނޯޓިސް ނެރެގެން ނުވަތަ އިނގިރޭސިވިލާތުގެ ފުލުހުންނާ ގުޅިގެން އަލީ ވަހީދު ރާއްޖެ ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ނޯޓިސް ނެރުނު ނަމަވެސް އަލީ ވަހީދު ރާއްޖެ ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

"އިންޓަޕޯލް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ގައުމުގައި އެކި ގޮތްގޮތަށް އެއަށް އަމަލުކުރާ ނޯޓިސްތަކެއް. އަދި އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް، އެ މީހަކު ހައްޔަރުކޮށްގެން އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް [ރާއްޖެއަށް] ނުގެނެވޭނެ،" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމީދު ވިދާޅުވި އެވެ.

21 ނޮވެމްބަރު 2021ގައި ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނު ކަމަށް ފުލުހުން ބުނި ނަމަވެސް، އަދި މިހާތަނަށް އިންޓަޕޯލްގެ ވެބްސައިޓުގައި އަލީ ވަހީދުގެ މައުލޫމާތުތައް ހާމަކޮށްފައެއް ނުވެ އެވެ.

އެނގުން މުހިންމު - އިނގިރޭސިވިލާތުގައި އަދިވެސް ހުންނެވި އަލީ ވަހީދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގައި އޭނާއަށް އިނގިރޭސިވިލާތުގައި ހުރެގެން ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައި އެ ކޯޓުން ވަނީ ނިންމުމެއް ނިންމައިފަ އެވެ. އެ މައްސަލަ ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދައުލަތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމާފައި ނުވާއިރު، ސުޕްރީމް ކޯޓުން ވަނީ، އެ މައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އޭނާގެ އެއްވެސް ޝަރީއަތެއް އޮންލައިންކޮށް ކުރިއަށް ނުގެންދަން އަމުރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް