އެމްއެންޕީން މިދިޔަ ޑިސެމްބަރު މަހު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެޕާޓީގެ ރައީސް ނާޒިމްގެ މަސްލަހަތު އޮންނަ އާރުސީސީގެ ފްލެޓް ގަތް މީހުނަށް ނޭނގި އެމްއެންޕީއަށް ވައްދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެންޕީ

އާރުސީސީގެ ފްލެޓަށް ލީ މީހުންނަށް ނޭނގި އެމްއެންޕީއަށް ވައްދާ މައްސަލަ ފެންމަތިވެއްޖެ

އާރުސީސީން ހުޅުމާލޭގައި އަޅާ ބްލޫ ހެވެން ފްލެޓްތައް ގަންނަން ފޯމުލީ ފަސް މީހަކު 'ދައުރު'އަށް ވަނީ އެކަން ކަށަވަރުކޮށްދީފައި

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިސް ބައެއް ލީޑަރުންގެ މަސްލަހަތު އޮންނަ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ)އިން ހުޅުމާލޭގައި ހަދާ އިމާރާތަކުން ފްލެޓް ގަންނަން ފޯމު ލީ މީހުންނަށް ނޭނގި، އެމީހުންގެ މައުލޫމާތުތައް ބޭނުންކޮށްގެން އެ ޕާޓީއަށް ވާއްދަމުން ދާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި ފަހުން އެޕާޓީގެ ރައީސް ކަމަށް ވަޑައިގެންވި، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއަކީ އާރުސީސީގެ ހިއްސާ އޮންނަ އަދި އެ ކުންފުނީގެ ޗެއާމަން އެވެ. އާރުސީސީން ހުޅުމާލޭގައި އަޅާ 'ބްލޫ ހެވެން' އެޕާޓްމަންޓް އިމާރާތުން ފްލްޓް ގަންނަން ފޯމުލީ ބައެއް މީހުންގެ ޝަކުވާއަކީ، އެމީހުންނަށް ނޭނގި އެމްއެންޕީއަށް ވައްދަމުން ދިއުމެވެ. އެތަނުން ފްލެޓް ގަންނަން ފޯމުލީ ފަސް މީހަކު އެކަން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ތަފްސީލު - މިކަމާ ގުޅިގެން 'ދައުރު'އާ ވާހަކަ ދެއްކި ފަސް މީހުން ވެސް ތުހުމަތުކުރަނީ އެމްއެންޕީގެ ރަޖިސްޓްރީގައި އެމީހުންގެ ނަން އޮތީ، ފްލެޓް ގަތުމަށް ހުށަހެޅި ލިޔެކިޔުންތައް ބޭނުންކޮށްގެން ކަމަށެވެ. އެހެން ދިމާލަކުން އެ މައުލޫމާތު ލީކް ނުވާނެ ކަމުގެ ޔަގީންކަން އެމީހުންނަށް އެބަ އޮތެވެ.

އޭގެ ތެރެއިން އެކަކު، ނަން ހާމަނުކުރަން ޝަރުތުކޮށް ބުނީ، ބްލޫ ހެވެން އިން ފްލެޓް ގަންނަން ފޯމުލީ މީގެ ހަތަރު މަސް ކުރިން ކަމަށެވެ. އަދި އޭނާ ތުހުމަތުކުރާ ގޮތުގައި އެމްއެންޕީގެ ދަފްތަރުގައި އޭނާގެ ނަން ހިމަނާފައި ވަނީ ފްލެޓަށް ކުރިމަތިލީ ފޯމުގައިވާ މައުލޫމާތާއި އައިޑީ ކާޑުގެ ކޮޕީ ބޭނުންކޮށްގެންނެވެ. ނަމަވެސް އެކަން ކޮށްފައިވަނީ އޭނާގެ އެއްވެސް ހުއްދައެއް ނެތިކަމަށް ބުންޏެވެ.

"އަހަރެމެންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި އުޅެން ބޭނުންވާ މީހުންނެއް ނޫން. މިގޮތަށް ނޭނގި ސިޔާސީ ޕާޓީއަކަށް ވެއްދުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ބްލޫ ހެވެންގެ ފްލެޓަށް ކުރިމަތިލީ އޭނާގެ އަންހެނުން ވެސް އެމްއެންޕީއަށް ވައްދާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން، ޒިންމާދާރު މަގާމެއް ވެސް އަދާކުރަމުން އަންނަ އެ މީހާ ބުންޏެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް: އާރުސީސީއަކީ އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފްލެޓް ގަންނަން ފޯމުލީ އެހެން މީހަކު ބުނީ މިގޮތަށް މީހުން އެމްއެންޕީއަށް ވައްދާ ކަމުގެ އަޑުތަކެއް އުޅޭތީ، އޭނާ ވެސް ބެލި އިރު އޭނާގެ ނަން އެމްއެންޕީގެ މެންބަރެއްގެ ގޮތުގައި އޮތް ކަމަށެވެ.

"ފްލެޓަށް ކުރިމަތިލީ ރައްޓެއްސެއްގެ ފަރާތުން އިއްޔެ އެނގުނީ މިގޮތަށް މިކަން ހިނގާކަން. އެހެންވެ އަޅުގަނޑާއި އިތުރު ދެ ރަށްޓެހިން އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވޭތޯ ބެލުމުން އެނގުނީ އެމްއެންޕީއަށް ވައްދާފައިވާ ކަން،" މީގެ ކުރިން ސިޔާސީ ހަރަކާތެއްގައި ވެސް އަދި އެއްވެސް ޕާޓީއެއްގައި ވެސް ނުޅޭ އަންހެނަކު ބުންޏެވެ.

"އެގޮތަށް ޕާސަނަލް [ޒާތީ] މައުލޫމާތު ބޭނުން ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރަން. ވަރަށް އަންއެތިކަލް ކަމެއް މިއީ."

އެމްއެންޕީގެ ބަސް - މިކަމާ ގުޅިގެން އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހުމަދު މިއަދު 'ދައުރު'އަށް ވިދާޅުވީ، ސައްހަ ނޫން ފޯމުތަކެއްކަން އެނގި ތިބެ އެ ޕާޓީއިން އިލެކްޝަންސްއަށް އެފަދަ ފޯމެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި ޕާޓީ ތެރެއިން އެފަދަ ކަމެއް ނުކުރާ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ޕާޓީގެ ތެރެއިން އަދި ޕާޓީއަކުން އެފަދަ ކަމެއް ނެތް ކޮށްފައި. އެކަމަކު ބައެއް މީހުން އަންނާނެ ފޯމު ސެޓް ހިފައިގެން، އެގޮތަށް ހުށަހަޅާ ފޯމުތަކުގައި އެގޮތަށް ކަންތައް ކުރާ ކަމެއް ނުކުރާ ކަމެއް ނޭނގެ،" އަސްރާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހުމަދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އާރުސީސީގެ ޗެއާމަން އަދި އެމްއެންޕީގެ ވަގުތީ ރައީސް ނާޒިމްއާ ސުވާލުކުރުމުން އޭނާ 'ދައުރު'އަށް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި އިތުރު އެއްޗެއް ވިދާޅެއްނުވި އެވެ.

އެނގުން މުހިންމު - ޕާޓީ އުފެއްދިތާ މާ ގިނަ ދުވަހެއް ނުވެ، 10،000 މެންބަރުން ހަމަކުރިކަން އިއުލާންކޮށް އެކަން ކުލަގަދަކޮށް ފާހަގަކުރި އެމްއެންޕީއީން އިލެކްޝަނަށް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިކަމުގެ މައްސަލައެއް މިދިޔަ ނޮވެމްބަރު މަހުވެސް ފެންމަތިވި އެވެ. އެކަމާ ގުޅިގެން ބައެއް މީހުން އޭރު ސޯޝަލް މީޑިއާގައި ކަންބޮޑުވުންވެސް ފާޅު ކުރި އެވެ. އޭރުވެސް އެމްއެންޕީން ވަނީ ޕާޓީ ތެރެއިން އެފަދަ ކަމެއް ނުކުރާ ކަމަށް ބުނެ ތުހުމަތުތަކުން ބަރީއަވެފަ އެވެ.

ވަގު ފޯމު ލާކަމުގެ އެންމެ ގިނަ ޝަކުވާ ލިބެނީ އެމްއެންޕީއާ ގުޅޭ ގޮތުން: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް: އޭނާ ވިދާޅުވީ، ސައްހަ ނޫން ފޯމުތައް ހުށަހެޅުން ހުއްޓުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް (ފައިލް ފޮޓޯ/ ޕީއެސްއެމް)

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު 'ދައުރު'އަށް ވިދާޅުވީ މިދިޔަ ޑިސެމްބަރުން ފެށިގެން ވަރަށް ގިނައިން އެމްއެންޕީން ހުށަހަޅާ ބައެއް ފޯމުތަކަކީ މީހުންނަށް ނޭނގި ހުށަހަޅާ ފޯމުތަކެއް ކަމަށް ބުނެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"ނޭގި އެކި އެކި ޕާޓީތަކަށް މީހުން ވައްދާ ކަމުގެ ޝަކުވާ ލިބޭ. އެކަމަކު އެންމެ ގިނައިން ޝަކުވާ އަންނަނީ އެމްއެންޕީގެ ފޯމުތަކާ ގުޅިގެން،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިކަމާ ގުޅިގެން މީގެ ކުރިންވެސް އެމްއެންޕީއާ ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި ޖުމްލަކޮށް މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާމެދު ޕާޓީތަކާވެސް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވެސް އެކަން ހުއްޓުވުމަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (4)

އަލްޖިބްރާ

10 މާރިޗު 2022
ތިއީ ބާޣީންގެ ޕާރޓީ ! ކުރާނީ މުޅިންވެސް ތިޒާތުގެ ކަންތަށް ! ކިތަންމެވަރަކަށް ވައްކަން ކޮށްގެން ވެރިކަން ހޯދަން އުޅުނަސް އެކަމެއް ނުވާނެ !
0 0

ހަމަސުމެއް

9 މާރިޗު 2022
ވަރަށް ދެރަކަމެއްމީ. ސިޔާސީ ޕާޓީތަކާމެދު އިލެކްޝަންސްއިން ފިޔަވަޅު އަޅަންޖެހޭ. މިއީ ވަރަށްކުރީއްސުރެ ހިނގަމުން އަންނަ ކަމެއް. އިލެކްޝަނުން ވެސް ޒިންމާ ނަގައިގެން، ޕާޓީތަކުގެ މެމްބަރުންގެ އޮޑިޓެއް ހަދަން އެބަޖެހޭ. ސިޔާސީ ޕާޓީތަކާ ވާހަކަދައްކަމޭ ބުނެފަ ނިންމާ ނުލާ. އަނެއް މައްސަލައަކީ އަދިވެސް ރާއްޖޭގައި ޕްރައިވެސީއާއި ޑާޓާ ޕްރޮޓެކްޝަނާ ބެހޭގޮތުން ހަރުދަނާ ގާނޫނު/ގަވާއިދެއް ހެދިފައި ނެތުން.
1 0

ބާޣީ

9 މާރިޗު 2022
ބާޣީން އުޅޭ ވައަތަރު ދޯ
0 0

ނާޒިމް

9 މާރިޗު 2022
މުޅިން އިތުބާރު ގެއްލިއްޖެ
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް