އެމްއެންޕީ އުފެއްދުމަށް ބޭއްވި ޖަލްސާ (ފޮޓޯ/އެމްއެންޕީ)
އެމްއެންޕީގެ ނަމުގައި ސައްހަ ނޫން ފޯމުތަކެއް ހުށަހަޅައިފި
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނީ އެމީހުންގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެމްއެންޕީއަށް ފޯމު ފުރާފައި ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބި މީހުން ވެސް ހިމެނެ އެވެ.
ތަފްސީލް - މީގެ ކުރިން އުރީދޫ އާއި އެލައިޑުގައި މަސައްކަތް ކުރެއްވި ނިއުޝާދު ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ނަމުގައި އެމްއެންޕީން ހުށަހެޅި ފޯމަކާ ގުޅިގެން އިލެކްޝަންސް އިން ގުޅި ކަމަށެވެ.
"ދުވަހަކު ވެސް އެއްވެސް ޕާޓީއަކާ ގުޅެން ފޯމު ފުރާފައެއް ނުވާނެ،" އިވެންޓް މެނޭޖްކުރުމާއި ޕީއާރުގެ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ނިއުޝާދު ވިދާޅުވި އެވެ.
ޕީޕީއެމްގެ އެކްޓިވިސްޓަކު ކުރި ޓުވީޓެއްގައި ބުނީ އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ހާޑްކޯ" ސަޕޯޓަރެއް ކަމަށާއި އެމްއެންޕީއަށް މީހުން ހަމަކުރަން އޭނާގެ ސޮޔާއި އިނގިލީގެ ނިޝާން "ވަގަށް ނަގާފައިވާ" ކަމަށެވެ.
އެމްއެންޕީގެ ބަސް - އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިސްކޮށް ތިއްބަވައިގެން ހަދާ ޕާޓީއެކެވެ.
ބަޔަކަށް ނޭނގި އެމީހުންގެ ނަމުގައި އެމްއެންޕީން ފޯމުތަކެއް ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އެ ޕާޓީގެ ތަރުޖަމާނު އަސްރާ މުހައްމަދު މިއަދު 'ދައުރު' ނޫހަށް ވިދާޅުވީ އެ ޕާޓީގެ އޮފީހުން އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
"ގައިމު ވެސް މި އޮފީހުން ބައެއްގެ ސިގްނޭޗާ ފޯޖުކޮށްގެން ދޮގު ފޯމުތަކެއް ހުށައެއް ނާޅަން. އެކަމަކު ވަރަށް ގިނަ އަދަދެއްގެ ފޯމު ގެންގޮސް ފިލްކޮށްފައި ގެންނާނަމޭ ބުނެ މީހުން އަންނާނެ. އެގޮތަށް ގެންދާ ފޯމުތަކެއްގައި ތިކަހަލަ މައްސަލައެއް އުޅެދާނެ،" އަސްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕާޓީއަށް މެމްބަރުން އިތުރުކުރަން ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރަމުން އަންނަނީ، އެ ޕާޓީގެ ނައިބު ރައީސުން ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުންގެ ޓާގެޓް ހާސިލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީސީގެ ބަސް - އީސީން ބުނީ ކޮމިޝަނަށް ހުށަހަޅާ ފޯމުތައް ވެރިފައި ކުރުމުގެ ތެރޭގައި، ފެއިލްވުމަކީ އާންމުކޮށް ހިނގާ ކަމެއް ކަމަށެވެ. އެފަދަ ފޯމުތައް އަނބުރާ ފޮނުވާލަނީ އެވެ. އެ މައްސަލަ ދިމާވަނީ ހަމައެކަނި އެމްއެންޕީން ހުށަހަޅާ ފޯމުތަކުގައި ނޫން ކަމަށް ވެސް އީސީން ބުންޏެވެ.
ކޮމެންޓް (1)
ގާޒީ ނާޒިމް