20 ނޮވެމްބަރު 2021ގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި އެ މައްސަލައިގައި ޖާމިނުވި އަސްހަދު އަލީ ވާހަކަ ދައްކަވަނީ.

ޖަލަށް ހުކުމްކޮށްފައިވާ އަސްހަދު އެނބުރި ރާއްޖެ އައިސް ކަރެކްޝަންސާ ހަވާލުވެއްޖެ

އަސްހަދުު 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރީ އަލީ ވަހީދު ގެނައުމަށް އެންގި އެންގުމާ ހިލާފުވުމުން
19 ފެބްރުއަރީ 2022

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން އެ ކޯޓުން އެންގި އެންގުމާ ހިލާފުވުމުން 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވާ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ މިރޭ އެނބުރި ރާއްޖެ ވަޑައިގެން ކަރެކްޝަންސާ އަމިއްލައަށް ހަވާލުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަސްހަދު ޖާމިނުވެ އެއްބަސްވި ގޮތުން، ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ހާޒިރުކޮށްދޭން އޭނާއަށް މަޖުބޫރެވެ. އެކަމަކު، ތުހުމަތުތައް ފެންމަތިވުމާ އެކު އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އަދި އަނބުރާ ރާއްޖެ ވަޑައެއްނުގަންނަވަ އެވެ.

އަސްހަދު 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މި މަހުގެ 2ގައި ހުކުމް ކުރީ، އަލީ ވަހީދު 72 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރަން ކޯޓުން އެންގި އެންގުމާ ހިލާފުވުމުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައިގެންނެވެ.

އޭނާ ޖަލަށްލާން ހުކުމް ކުރި އިރު ހުންނެވީ ރާއްޖެއިން ބޭރުގައި، އަލީ ވަހީދު ވެސް ދިރިއުޅުއްވަމުން ގެންދަވާ އިނގިރޭސިވިލާތުގަ އެވެ. އޭނާ ކޯޓަށް އެއްވެސް އުޒުރެއް ވެސް ނުދެއްވަ އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު މިދިޔަ އަހަރުގެ ފަހުކޮޅު ނޫސްވެރިންނާ ވާހަކަދައްކަވަނީ: ރާއްޖޭގެ ހުރިހާ ކޯޓަކުން އަމުރުތައް ނެރުނު ނަމަވެސް އަލީ ވަހީދު ގެނެވޭނެ ގޮތެއް އަދި ނުވެ.

ކަރެކްޝަންސްގެ ބަސް - އަސްހަދު ރާއްޖެ ވަޑައިގެންނެވިކަން ކަރެކްޝަންސް އިން މިރޭ 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.

އޭގެ ފަހުން، ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ޓުވިޓާގައި ވިދާޅުވި ގޮތުގައި، އަސްހަދު ވަނީ އެނބުރި ރާއްޖެ ވަޑައިގެން އަމިއްލައަށް ކަރެކްޝަންސްއާ ހަވާލުވެފަ އެވެ.

"އޭނާ އެއާޕޯޓުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

މައްސަލައިގެ ފެށުން - އަލީ ވަހީދާއި އިތުރު މީހަކު ބައިވެރިވެގެން ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް އެކި ފަހަރު މަތިން ޖިންސީ އަނިޔާކޮށް ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުން އަލީ ވަހީދު ފުރުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮށް ސިއްހީ ކަންތައްތަކާ ގުޅިގެން އެ އަމުރު ނިމުމަކަށް ގެނެސް، ހަތަރު މަސްދުވަހަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނީ މިދިޔަ އަހަަރުގެ ފެބުރުއަރީގަ އެވެ. އެގޮތުން:

  • އަލީ ވަހީދު ދޫކޮށްލީ ކޯޓަށް ހާޒިރުކޮށްދޭނެކަމުގެ ޔަގީންކަންދީ، އަސްހަދު ޖާމިނުވުމުން

  • އެކަމަކު، އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް، މުއްދަތު ހަމަވި ފަހުން ވެސް އެއްވެސް ޝަރީއަތަކަށް އަލީ ވަހީދު ހާޒިރުވެވަޑައިގެންފައެއް ނުވޭ

  • 72 ގަޑިއިރުގެ ތެރޭގައި އޭނާ ހާޒިރުކުރަން 28 ނޮވެމްބަރުގައި ކޯޓުން އަސްހަދަށް އެންގި

އެނގުން މުހިއްމު - އަސްހަދު އިނގިރޭސިވިލާތަށް ވަޑައިގެންނެވި އިރު ކްރިމިނަލް ކޯޓުގައި އޭނާ ޖާމިނުވި، އަލީ ވަހީދު ވެސް އުޅުއްވަނީ އެ ގައުމުގަ އެވެ.

ރާއްޖޭގެ ހުރިހާ ކޯޓަކުން އަމުރުތައް ނެރުނު ނަމަވެސް އަލީ ވަހީދު ގެނެވޭނެ ގޮތެއް އަދި ނުވެ އެވެ. ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް އަލީ ވަހީދު ހާޒިރުނުވުމުން އޭނާ ވެސް ކޯޓުގެ ހުރުުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް