މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)
ދޫނިތަކުގެ ހައްގުގައި މަޖިލިސް؛ ގަވާއިދު އިސްލާހުކުރަން ގޮވާލައިފި
ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލަން ޖެހުނު ސަބަބު ގަބޫލުނުކުރައްވާނެ ކަމަށާއި އެފަދަ ތަކެތި ނައްތާލެވޭ އޮތް ގަވާއިދު އިސްލާހުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - މީގެ ހަތަރު ވަރަކަށް މަސް ކުރިން ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރި 120 ދޫންޏެއް އެ ދޫނިތައް ގެނައި ގައުމަށް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި، ފިޝަރީޒް މިނިސްޓްރީއިން ވަނީ އިންޖެކްޝަނެއް ޖަހައިގެން އެ ދޫނިތައް މަރާލައިފަ އެވެ. އެކަން ކުރީ އޭޖީ އޮފީހުގެ ލަފާގެ މަތިން ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި އޭޖީ އަށާއި ފިޝަރީޒް މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އޭޖީ އޮފީހުން ރޭ ނެރުނު ބަޔާނަކުން ހާމަވީ، ގަވައިދާ ހިލާފަށް ދޫނި ގެނައި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ފިޝަރީޒް މިނިސްޓްރީއިން މަސައްކަތް ކުރީ އުސޫލަށް ބަދަލު ގެނެސްގެން އެ ތަކެތި އެތެރެ ކުރުމުގެ ހުއްދަ އެ ފަރާތްތަކަށް ހޯދައި ދިނުމަށް ކަމެވެ.
އިތުރަށް ކިޔާލަން -
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އޮތީ އެ މައްސަލައާ ގުޅިގެން މެމްބަރުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރުމެވެ. ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހަޅުއްވާފައިވާ 'ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލު'ގެ ބަހުސްގައި ހުރިހާ މެމްބަރުން ވެސް ވަނީ ދޫނިތައް މަރާލުން ކުށްވެރިކުރައްވައިފަ އެވެ.
އިންސާނަކު ކުށް ކުރީއެކޭ ކިޔާފައި ޖަނަވާރުތަކަކަށް އެހެން ހަދާކަށް ނުޖެހޭ.
ދޫނިތައް މަރާލުން ރާއީ ސިފަކުރެއްވީ "ވަރަށް ހުތުރު ކަމެއް"ގެ ގޮތުގަ އެވެ. ތިމާވެއްޓާއި ދިރޭތަކެތީގެ ހިމާޔަތުގައި މަސައްކަތްކުރާ އެމްޑީޕީގެ ސަރުކާރެއްގައި މިފަދަ ކަމެއް ހިނގުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް ވާނެ ކަމަށް ވިދާޅުވެ، އެކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރަން އޭނާ ގޮވާލެއްވި އެވެ.
'ގަވައިދުގައި އޮތަސް ގޯސް؛ އިސްލާހުކުރޭ'
މެމްބަރު ރާއީގެ ވާހަކައަށް ފަހު، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައިގައި އަމަލުކޮށްފައި ވަނީ ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވާއިދާ އެއްގޮތަށް ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރާ ފަރާތްތަކާ މެދު، އަމަލުކުރާނެ ގޮތް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެއީ:
-
އެތެރެކުރި ދިރޭ ޖަނަވާރު ގެނައި ގައުމަށް އަނބުރާ ފޮނުވާލުން
-
އެތެރެކުރި ދިރޭ ޖަނަވާރު ނައްތާލުން
-
50،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން
ނަޝީދު ވިދާޅުވީ ގަވާއިދުގައި އެހެން އޮތް ނަމަވެސް، ދިރޭ ފުރާނައެއް ނައްތާލުމަކީ ކޮން ބާވަތެއްގެ ކަމެއްތޯ އާދައިގެ މީހާ ވިސްނާނެ ކަމަށެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު، މަނާ ގޮތް ގޮތަށް ރާއްޖެއަށް އެތެރެވެފައި ތިބި 63 މީހުން ތިބި ކަމަށް ވިދާޅުވި އެވެ.
"ގަވައިދުގައި އޭރު ވެސް އޮތީ ނައްތާލަން. މަނާ ތަކެތީގެ ގޮތުގައި. އެހެން ނަމަވެސް އެކަމެއް އެހެނެއް ނުކުރޭ. މިފަހަރު މިކަން ކުރުމަށް މި ނިންމުނީ، ސަބަބުތަކެއް އަޅުގަނޑު ހިތުން ވާނެ،" ނަޝީދު ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއީ ސީރިއަސް މައްސަލައެއް ކަމަށާއި މައްސަލައަށް ގާނޫނީ ފަރުވާއެއް ހޯދަން ޖެހޭ ކަމަށެވެ.
ކުރިން ހަދާފައި އޮތް ގަވާއިދެއްގެ ދަށުން ދޫނިތައް ނައްތާލެވޭ ގޮތަށް އޮތް ނަމަވެސް، ދިވެހިންގެ ހޭލުންތެރިކަން އިތުރުވެ، ތިމާވެއްޓަށް ކުރާ ލޯތްބާ އެކު، މި ބާވަތުގެ ކަންތައްތަކަކީ އާދައިގެ ކަމެއް ކަމަށް ދޫކޮށްނުލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން، މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
"މި ބާވަތުގެ މައްސަލަތައް މިގޮތަށް ކުރިމަތިވީމާ އަޅުގަނޑުމެން އެބަ ޖެހޭ މި މަޖިލީހުގެ ތެރެއިން ވެސް، ސަރުކާރުން މީގެ ކުރިން އެކުލަވާލާފައިވާ ގާނޫނުތަކާ ގަވާއިދުތަކާ، އުސޫލުތަކެއް ވިޔަސް އެ ކަންކަމަށް އިތުރަށް ރިއާޔަތްކޮށް ދިރާސާކުރަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފްގެ ވާހަކައަށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ތާއީދުކުރެއްވި އެވެ. އީވާ ވިދާޅުވީ ދޫނިތައް މަރާލަން ޖެހުނު ސަބަބު އެއް ގޮތަކަށް ވެސް ވިސްނިވަޑައިނުގެންނެވި ކަމަށެވެ.
"އިންސާނަކު ކުށް ކުރީއެކޭ ކިޔާފައި ޖަނަވާރުތަކަކަށް އެހެން ހަދާކަށް ނުޖެހޭ،" އީވާ ވިދާޅުވި އެވެ.
"[އެއީ] ރާއްޖޭގައި ފެށުނީއްސުރެ ކަން ކުރަމުން އައި ގޮތް ކަމުގައި ވިޔަސް، އަޅުގަނޑުމެން އަބަދަކު އެގޮތަށް ކުރާކަށް ވެސް ނުޖެހޭ. އަޅުގަނޑުމެން އެހެން ވިސްނުމެއް ވެސް އެބަ ގެންނަން ޖެހޭ."
އީވާ ވިދާޅުވީ، ދޫނިތަކާ މެދު އަމަލުކުރާނެ ގޮތެއް ނޭނގިގެން ފިޝަރީޒް މިނިސްޓަރު އޭޖީގެ ލަފައެއް ހޯދަން ޖެހޭނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
"އެއް ދުވަހު ބުނާނެ ޖަނަވާރު ހިމާޔަތް ކުރަންވީ އޭ. އަނިޔާ ނުކުރާށޭ. އަނެއް ދުވަހު ގާނޫނެއް އޮންނާނެ ވިޔަފާރި ނުކުރާށޭ. މިވަރަކަށް ދެ އަނގަޔަކުން އަޅުގަނޑުމެންނަށް ވާހަކައެއް ވެސް ނުދެއްކޭނެ،" އީވާ ވިދާޅުވި އެވެ.
އީވާ ވެސް ވިދާޅުވީ ދޫނިތައް ނައްތާލެވޭ ގޮތަށް ގަވައިދެއް އޮތުމުން، އެކަން ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ނުވާނެ ކަމަށެވެ.
"މި ދައްކަނީކީ ތިން ޖޮއިންޓާ، ދެ ހައިނެކަން ދަޅު ނައްތާލާ ވާހަކައެއް. މިދައްކަނީ ދޫނިތަކެއްގެ ވާހަކަ، ޖަނަވާރުތަކެއްގެ ވާހަކަ. ކޮންމެސް އެހެން ވިސްނުމެއް މިއަށް އެބަ ގެންނަން ޖެހޭ،" އީވާ ވިދާޅުވި އެވެ.
"ފެށުނީއްސުރެ، ކީއްވެތޯ ހައްލަކީ މެރުން ކަމަށް ފެނިގެން އަދިވެސް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ؟"
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ދޫނިތައް މަރާލި އިރު، މަނާ ދޫނިތަކެއް އެތެރެކުރި ބަޔަކަށް ފިޔަވަޅު އަޅާފައި ނުވާތީ ސުވާލުއުފައްދަވައިފަ އެވެ. ނަޝީދު ވިދާޅުވީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ގެނައުމުން، އެ ގެނައި މީހަކަށް ފިޔަވަޅު އަޅާތަން ފެންނަ ކަމަށެވެ.
"ބަޑިއެއް ގެނައީ، ނޫނީ މަސްތުވާއެއްޗެއް ގެނައީ. ނޫނީ އެހެން ގޮތަކަށް މަނާ އެއްޗެއް ގެނައީ. އެމީހާއަށް ފިޔަވަޅު އެޅޭ. އެކަމަކު ދޫނިތަކެއް ގެނައީމަ ގެނައި މީހާއަކަށް ފިޔަވަޅެއް ނޭޅުނު. ދޫނިތަކަށް މި ފިޔަވަޅު އެޅުނީ،" ނަޝީދު ވިދާޅުވި އެވެ.
ދޫނިތަކާ މެދު އަމަލުކުރި ގޮތަށް މިއަދު މަޖިލީހުގައި މެމްބަރުން ވަރަށް ބޮޑަށް ފާދުވިދާޅުވި އެވެ.