Majlis 2024

އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ފިޝަރީޒް މިނިސްޓްރީއިން ނައްތާލާފައިވާ ބައެއް ދޫނިތައް

ދޫނިތައް މަރާލުމަކީ ފިޝަރީޒް މިނިސްޓްރީގެ ބޮޑު 'އޮޅުވާލުމެއް'

ދޫނިތައް އެތެރެކުރި ފަރާތަށް ފިޔަވަޅު ނާޅާ މިނިސްޓްރީއިން އުޅުނީ އުސޫލަށް ބަދަލު ގެނެސް އެ ފަރާތާ ދޫނިތައް ހަވާލުކުރާނެ މަގެއް ހޯދަން
8 ފެބްރުއަރީ 2022

ރާއްޖެއަށް ގަވައިދާ ހިލާފަށް ދޫނި ގެނައި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ފިޝަރީޒް މިނިސްޓްރީއިން މަސައްކަތް ކުރީ އުސޫލަށް ބަދަލު ގެނެސްގެން އެތަކެތި އެތެރެ ކުރުމުގެ ހުއްދަ އެ ފަރާތްތަކަށް ހޯދައި ދިނުމަށް ކަމަށް ބުނެ ދޫނިތައް މަރާލި މައްސަލައިގައި އޮޅުވާލުންތަކެއްގެ ތެރެއިން އެ މިނިސްޓްރީއިން އަމަލުކޮށްފައިވާކަން އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ހާމަކޮށްފި އެވެ.

މައްސަލައިގެ ފެށުން - މީގެ ހަތަރު ވަރަކަށް މަސް ކުރިން ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރި 120 ދޫންޏެއް އެ ދޫނިތައް ގެނައި ގައުމަށް އަނބުރާ ފޮނުވާނުލާ ފިޝަރީޒް މިނިސްޓްރީއިން ވަނީ އިންޖެކްޝަނެއް ޖަހައިގެން އެ ދޫނިތައް މަރާލައިފަ އެވެ. އެކަން ކުރީ އޭޖީ އޮފީހުގެ ލަފާގެ މަތިން ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ބުނީ ކީކޭ؟ - ދޫނިތައް މަރާލުމާ ގުޅިގެން އާންމުންގެ ނުރުހުން ބޮޑުވެފައިވާތީ އެކަން އޮޅުންފިލުވައިދެމުން މިރޭ އެޓާނީ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް ފޮނުވި ސްޓޭޓްމަންޓެއްގައި ބުނީ ބަޔަކު އެ ދޫނިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރަނިކޮށް އަތުލައި ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައީ މިދިޔަ ސެޕްޓެމްބަރު އޮކްޓޫބަަރު އަދި ނޮވެންބަރު މަހުގެ ތެރޭ ކަމަށެވެ.

ރާއްޖެ ގެނައުން މަނާ ދޫނިތައް ޖެހިޖެހިގެން ތިން މަސް ވަންދެން އެކި ފަރާތްތަކުން އެތެރެކުރި އިރުވެސް މިނިސްޓްރީއިން އެކަމުގައި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. 

އޭޖީ އޮފީހުން ބުނި ގޮތުގައި އެ ފަރާތްތަކުގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނާޅާ ތިބުމަށް ފަހު މިނިސްޓްރީއިން ވަނީ 'ރާއްޖެ އެތެރެކުރުން ހުއްދަ ދޫނިތަކުގެ ލިސްޓަށް' 13 ޑިސެމްބަރު 2021ގައި އެ ބާވަތުގެ ދޫނި އިތުރުކޮށް އެއީ ރާއްޖެ ގެނެވޭނެ ބާވަތުގެ ދޫނި ކަމަށް ނިންމައިފަ އެވެ.

"މި އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ދޫނިތައް ކަރަންޓީނު ކޮށްފައި ބެހެއްޓުން ފިޔަވައި، ގަވައިދާ ހިލާފުވި ފަރާތާ މެދު ގަވައިދުގައިވާ ގޮތުގެ މަތިން އަދިވެސް ފިޝަރީޒް މިނިސްޓްރީއިން ފިޔަވަޅު އަޅާފައެއް ނުވޭ،" އޭޖީގެ ސްޓޭޓްމަންޓުގައި ބުންޏެވެ.

މިނިސްޓްރީއިން އުޅުނީ ދޫނިތައް އެތެރެ ކުރި ފަރާތަށް އެތަކެތި ދޭން

ލިސްޓަށް ގެނައި ބަދަލަށް ފަހު ފިޝަރީޒް މިނިސްޓްރީއިން ދެން މަސައްކަތް ކުރީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައި ހުރި އެ ދޫނިތައް ރާއްޖެ ގެނައި ފަރާތްތަކަށް އެތަކެތި ހަވާލުކުރުމުގެ ހުއްދަ ހޯދަން ކަމަށް އޭޖީއިން ބުންޏެވެ. އެހެން ނަމަވެސް އެކަމުގެ ލަފަޔަކަށް އެދުމުން އެ އޮފީހުން މިިނިސްޓްރީއަށް ލަފާދިނީ އެ ދޫނިތައް އެތެރެ ކުރިއިރު ދޫނި އެތެރެކުރުމާ ބެހޭ ގަވައިދުގައި އެއީ އެތެރެ ކުރުން މަނާ ބާވަތެއް ކަމަށް ބުނެފައި ވާތީ އެފަދަ ހާލަތެއްގައި އަޅަން އޮންނަ ފިޔަވަޅު އެޅުމަށް ކަމަށް އޭޖީ އޮފީހުން ބުންޏެވެ. 

އެ އޮފީހުން ބުނި ގޮތުގައި ސީދާ ދޫނިތައް މަރާލުމަށް ލަފާދީފައެއް ނުވާނެ އެވެ.

އެގޮތުން އޭޖީއިން އެ މިނިސްޓްރީއަށް ދިން ލަފާގައި ބުނެފައިވާ ކަމަށް އެ އޮފީހުން ބުނީ:

  • އެފަދަ ދޫންޏެއް ނައްތާނުލާ އެތެރެކުރި ގައުމަށް އަނބުތާ ފޮނުވާލުމުގެ ފުރުސަތު ދެވޭނެ ކަމަށް ލަފާދިން ކަމަށް

  • އެ ދޫނިތައް ގެނައި ގައުމަށް އަނބުރާ ފޮނުވާ ލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލަން ޖެހިއްޖެ ހާލަތެއްގައި ދާ ހަދަރުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެ ކުރި ފަރާތުން ކަމަށް ފާހަގަކުރި ކަމަށް

ފިޔަވަޅު ނޭޅުމުގައި އިހުމާލުވާ ފަރާތްތައް ހޯދަން ލަފާދިން

މި މައްސަލާގައި ހިމެނޭ ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުނުކޮށް ދިގުމުއްދަތެއް ފާއިތުވެފައިވާތީ ގަވައިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބަލައި ފިޔަވަޅު އަޅަން އަންގާފައިވާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

އެނގުން މުހިންމު - ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓާ ނަސްރުﷲ ހުސެއިން މިރޭ 'ދައުރު'އަށް ވިދާޅުވީ، ދޫނިތައް އަނބުރާ ގައުމަށް ފޮނުވާލަން ދޫނި އެތެރެ ކުރި ފަރާތައް ގިނަ ދުވަސްތަކެއް ވަންދެން ފުރުސަތު ދިން ކަމަށެވެ. އެކަމަކު، ދޫނިތައް އަނބުރާ ނުގެންދިޔުމުން އޭޖީގެ ލަފާގެ މަތިން އުސޫލުތަކުގެ ތެރެއިން ދޫނިތައް ނައްތާލީ ކަމަށެވެ.

ދޫނިތައް މަރާލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ބައެއް އާންމުން ދަނީ އެކަމާ މެދު ނުރުހުން ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރާ މީހުން ބުނާ ގޮތުގައި މިނިސްޓްރީއިން ހިންގީ ވަރަށް އަނިޔާވެރި ލާއިންސާނީ އަމަލެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް