ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން ވަޅުލާފައިވާ ކޭބަލަކަށް، މަގު ހެދުމަށް ކޮނުމުގެ ތެރޭގައި މިއަދު ގެއްލުން ލިބިފައި. (ފޮޓޯ/ސްޓެލްކޯ)

ހިޔާ ފްލެޓްތައް

ހިޔާ ފްލެޓުތަކަށް 4 ގަޑިއިރު ފަހުން ކަރަންޓު ދީފި

ފްލެޓުތަކުން ކަރަންޓު ކެނޑުނީ އެ ސަރަހައްދުގެ މަގު ހެދުމަށް ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވެގެން
17 ޖެނުއަރީ 2022

ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ކަރަންޓު ދޭން ބޭނުންކުރާ މައި ކޭބަލަކަށް މިއަދު ލިބުން ގެއްލުން ރަނގަޅުކުރުމަށް ފަހު، ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. 

ވީ ކިހިނެއް؟ - މިއަދު ހެނދުނު 9:15 ހާއިރު ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑުނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތް ކުރުމަށް ކޮނުމުގެ ތެރޭގައި، ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ގެއްލުން ލިބިގެންނެވެ. 

ތަފްސީލް - ކަރަންޓުގެ މައްސަލަ ދިމާވުމާ އެކު، ސްޓެލްކޯ އިން ވަނީ އެކަން ހައްލުކުރަން މަސައްކަތް ފަށައިފަ އެވެ. އެ މަސައްކަތް ކުރިއަށް ދިޔަ ވަރަކަށް، ބައެއް ފްލެޓުތަކަށް ކަރަންޓު ދިޔައީ ދެމުންނެވެ.

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން ވަޅުލާފައިވާ ކޭބަލަކަށް، މަގު ހެދުމަށް ކޮނުމުގެ ތެރޭގައި މިއަދު ގެއްލުން ލިބިފައި. (ފޮޓޯ/ސްޓެލްކޯ)

ނަމަވެސް މައްސަލަ ހައްލުކޮށް، ހުރިހާ ފްލެޓަކަށް ކަރަންޓު ދީފައި ވަނީ، ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން، މެންދުރު 1 ޖަހަނިކޮށެވެ.

"މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުންޏެވެ.

އެނގުން މުހިންމު - ފްލެޓުތަކުން ކަރަންޓު ކެނޑުމާ އެކު، ފެން ވެސް ކެނޑުނު ކަމަށް ފްލެޓުތަކުގައި ދިރިއުޅޭ މީހުން ބުންޏެވެ. އެހާ އުސްކޮށް އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ފެނުގެ ހިދުމަތް ދިނުމަށް ހަރުކޮށްފައި ހުންނަ ބޫސްޓާ ޕަމްޕުތަކުން ކަރަންޓު ދިއުމުން ފެން ކެނޑުމުގެ ފުރުސަތު އޮތް ނަމަވެސް، އެމްޑަބްލިއުއެސްސީން ރަސްމީކޮށް ބުނީ ފެން ނުކެނޑޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް