ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ފެނަކައަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ، އާ އޮނިގަނޑެއް އެކުލަވާލަން މަޖިލީހުން އަންގައިފި

ކުރީ ސަރުކާރުގެ އައްޑޫ ފެނަކައިގެ ހިޔާނާތްތައް ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކަށް އަންގައި، ކުންފުނީގެ ޕްރޮކިއުމަންޓާ ގުޅޭ ބައެއް ކަންކަން ފެނަކައިން އިސްލާހުކުރުމަށްވެސް މަޖިލީހުން މިއަދު އަންގާފައިވޭ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކަ ކުންފުނީގެ ހުރިހާ ބްރާންޗްތަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ، ކުންފުނީގެ އާ އޮނިގަނޑެއް އެކުލަވާލުމަށް މަޖިލީހުން މިއަދު އެ ކުންފުންޏަށް އަންގައިފި އެވެ. އެނޫންވެސް އިތުރު ބައެއް ބަދަލުތަކެއް ކުންފުނީގެ ހިންގުމަށް ގެނައުމަށް މަޖިލީހުން މިއަދު ވަނީ އަންގާފަ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުން އެ އެންގުންތައް އެންގީ، މިދިޔަ ސަރުކާރުގައި ފެނަކަ އައްޑޫ ބްރާންޗާ ގުޅޭ 2021-2023ގެ އޮޑިޓް ރިޕޯޓު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް، އެކުލަވާލި ކޮމިޓީ ރިޕޯޓު، މިއަދުގެ މަޖިލިސް ޖަލްސާގައި ފާސްކޮށްގެންނެވެ.

ތަފްސީލު- މާލިއްޔަތު ކޮމިޓީން ވަނީ، ފެނަކައިގެ އޮޑިޓް ރިޕޯޓު ދިރާސާ ކުރުމަށްފަހު، 20 ކަމެއް ކުރުމަށް އަންގާފަ އެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި މި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ވަނީ، 53 މެންބަރުންގެ ވޯޓާއެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.

އެ ރިޕޯޓުގައި ކުރުމަށް އެންގި މުހިންމު ބައެއް ކަންކަމުގެ ތެރެއިން އެއް ކަމަކީ، ކުންފުނީގެ މުވައްޒަފުންގެ އާ އޮނިގަނޑެއް އެކުލަވާލުމެވެ. އެގޮތުން ބުނީ:

  • ކުންފުނީގެ ހުރިހާ ބްރާންޗްތަކަށާއި ކުރާ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް އެންގުމަށް

  • އަދި އެއާއެކު ކުންފުނީގެ އޮނިގަނޑެއް ކަނޑައެޅުމަށްފަހު، އެ އޮނިގަނޑާ އެއްގޮތަށް މުވައްޒަރުން ނެގުމުގައި އަމަލުކުރުމަށް އެންގުމަށް

  • އެގޮތުން ކަނޑައަޅާ މުވައްޒަފުންގެ އޮނިގަނޑުގެ ތަފްސީލު ކުރިއަށް އޮތް 30 ދުވަސް ތެރޭގައި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުމަށް އެންގުމަށް

ފެނަކަ އައްޑޫ އިންޖީނު ގޭގައި އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަނީ (ފޮޓޯ/ފެނަކަ)

މީގެ އިތުރުންވެސް ކުންފުނީގެ މުވައްޒަފުން އަދި ޕްރޮކިއުމަންޓާ ގުޅޭ އެހެން ބައެއް ކަންކަންވެސް އިސްލާހު ކުރުމަށް ރިޕޯޓުގައި އަންގާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މުހިންމު ކަންކަމަކީ:

  • މުވައްޒަފުންގެ ސިއްހަތާ ގުޅުންހުރި ކަންކަމާ ގުޅޭ މައްސަލަތައް ވީހާވެސް އަވަހަށް ހައްލު ކުރުމަށް

  • ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ކޮލިޓީ ދެމެހެއްޓުމަށް ބޭނުންވާ ތަކެތި ހޯދުމުގައި ކޮލިޓީ ދަށް ނުވާ ގޮތަށް ރާވައިގެން ކުރިއަށް ގެންދިޔުމަށް

  • ކުންފުންޏަށް ހޯދާ މުދަލާއި ހިދުމަތް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އާއިލީ މަސްލަހަތު އެކުލެވޭ ވިޔަފާރިތަކުން ނުހޯދޭނެ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހު ކުރުމަށް އެންގުމަށް؛ އަދި އެ ޕޮލިސީ އެގޮތަށް އިސްލާހުކުރުމަށްފަހު، މިއަދުން ފެށިގެން45 ދުވަސް ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެނގުމަށް

  • މިހާރު އިސްލާހުކޮށް ނިންމާފައިވާ ކަމަށް ފެނަކައިން ބުނާ ޕްރޮކިއުމަންޓާ ގުޅޭ އެސްއޯޕީތައް ވެސް45 ދުވަސް ތެރޭ ކޮމިޓީއަށް ހުށަހެޅުމަށް

ތަހުގީގީ އިދާރާތަކަށްވެސް ކުރީ ސަރުކާރުގެ ފެނަކަ މައްސަލަތައް ހުށަހެޅަން ފާސްކުރި

ފެނަކަ އައްޑޫ ބްރާންޗުން 2021-2023އަށް ހިންގި ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް އިން-ހައުސިްކޮށް ކުރިއަށް ނުގެންގޮސް، ކުންފުންޏަށް އެނއްމެ ފައިދާވެނެ ގޮތަކީ ކޮބާތޯ ނުބަލާ އޭރު ބައެއް މަސައްކަކްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި މަނީ ލޯންޑަރިންގެ އަމަލުތައްތަކެއް ހިމެނޭކަމަށްވެސް ތުހުމަތު ކުރެވެ އެވެ.

އެ ޕޮރޮޖެކްޓްތައް ކުރިއަށް ގެންދިޔައިރު، އޭރު ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންނާއި އެެހެންވެސް އިސްވެރިން އެކަމުގައި ޒިންމާދާރުކުރުމުގެ ގޮތުން އެ މައްސަލަތަކުގައި އިދާރާތަކުން ޖިނާއީ ތަހުގީގު ހިންގުމަށްވެސް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފަ އެވެ.

މަޖިލީހުން މިއަދު ރިޕޯޓު ފާސްކުރުމާއެކު، ރިޕޯޓުގައި ފާހާގަކޮށްފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން އަދި އެހެނިހެން ތަހްގީގީ އިދާރާތަކަށް މި މައްސަލަތައް ބެލުމަށް ވަނީ ހުށަހަޅާފަ އެވެ.  އެގޮތުން:

  • ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވުމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަތައް ތަހުގީގު ކުރުމަށް އެ އިދާރާތަކަށް ދެންނެވުމަށް

  • އަދި އެ އިދާރާތަކުން މައްސަލަ ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެންގުމަށް

  • އޮޑިޓް ރިޕޯޓުގައި މަނީލޯންޑަރިންއަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފާހަގަކޮށްފައިވާތީވެ. އޭރު އައްޑޫގެ ފެނަކަ ހިންގި އިސްވެރިންނާއި އެމީހުންގެ އާއިލާގެ މެންބަރުންގެ އެކައުންޓަށް މުސާރައާ ނުބައްދަލު ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް ވަކި ތަހުގީގެއް ފުލުހުން ހިންގުމަށް

ކޮމިޓީން އެކުލަވާލި މި ރިޕޯޓު އަދި އޮޑިޓް ރިޕޯޓުގައި ހުރި ބައެއް ކަންކަމުގެ ތަފްސީލުތައް ކިޔާލަން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް