ފެނަކަ އޮފީސް ހުންނަ އިމާރާތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ފެނަކައިގެ އައްޑޫ ހިޔާނާތް: މަނީ ލޯންޑަރިން ތަހުގީގެއް ހިންގަން އެދެން ކޮމިޓީން ނިންމައިފި
ފެނަކައިގެ އައްޑޫ ބްރާންޗްތަކާއި މަޝްރޫއުތަކާ ގުޅޭ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، އެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކާ ގުޅޭގޮތުން މަނީ ލޯންޑަރިންގެ ތަހުގީގެއް ވަކިން ހިންގަން ފުލުހުންނަށް ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ދިރާސާކުރީ ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ހިންގާ ބްރާންޗުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓެވެ.
ތަފްސީލު - އެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ، އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން 20 ކަމެއް ކުރުމަށެވެ.
އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ:
-
މަޝްރޫއުތަކުގެ މަސައްކަތް އިން-ހައުސްކޮށް ކުރަން ނިންމުމުގެ ކުރިން ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކީ ކޮން ގޮތެއްކަން ނުބަލައި، ކުންފުންޏަށް ގެއްލުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާތީ އެގޮތަށް ނިންމިއިރު ތިއްބެވި ބޯޑު މެމްބަރުންނާއި ވެރިން ޒިންމާދާރުކުރަން އެންގުން
-
ކުންފުނީގެ ފައިސާއަށް ހިޔާނަތްތެރިވާ ހުރިހާ މީހުން ހޯދައި ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަ ތަހުގީގުކުރަން އޭސީސީ އާއި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން
-
މައްސަލަ ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު ކުއާޓަލީކޮށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ފެނަކައަށް އެންގުން
-
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މުއާމަލާތްތައް ތަހުގީގުކުރަން އޭސީސީއަށް އެންގުން
-
ކުންފުނީގެ ހުރިހާ ބްރާންޗްތަކަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރެވޭނެ މުވައްޒަފުންގެ އަދަދު ބަލައި، ކުންފުނީގެ އޮނިގަނޑެއް ކަނޑައަޅައި، އެ އޮނިގަނޑާ އެއްގޮތަށް މުވައްޒަފުން ނެގުމަށް އަންގައި، އެ އޮނިގަނޑު ކޮމިޓީއާ ހިއްސާކުރަން ފެނަކައަށް އެންގުން
-
ފެނަކައިގެ ވެރިންނާއި މުވައްޒަފުންނާ އާއިލީ ގުޅުން އޮންނަ ވިޔަފާރިތަކުން މުދަލާއި ހިދުމަތްތައް ނުހޯދޭ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހުކުރަން އެންގުން
މެމްބަރު މަމްދޫހުގެ ހުށަހެޅުންތަކަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހްމަދު އަޒާން ވަނީ ހަތަރު ކަމެއް އިތުރުކުރަން ހުށަހަޅުއްވާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
-
ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ބެލުމަށްޓަކައި އޭސީސީއަށް އަންގަން ޕީޖީއަށް ލަފާދިނުން
-
މުވައްޒަފުން ޒިންމާވާން ޖެހޭ ކަމަށް އޮޑިޓުން ފާހަގަވާ މައްސަލަތައް ބަލައި ނިމެންދެން އެ މުވައްޒަފުން ވަގުތީގޮތުން ވަޒީފާއިން އެކަހެރިކުރުން
-
މައްސަލައިގެ އަޕްޑޭޓު ކުއާޓަލީކޮށް ދިނުމުގެ ބަދަލުގައި މަހަކު އެއްފަހަރު ދިނުން
-
މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެ އޮޑިޓުގައި ހުރުމާ އެކު މަނީ ލޯންޑްރީގެ ތަހުގީގެއް ވަކިން ހިންގަން ކޮމިޓީގެ ފަރާތުން ފުލުހަށް ހުށަހެޅުން
މަމްދޫހުގެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްވިއިރު، އަޒާނު ލަފާދިން ކަންކަން ކުރަން ފާސްވީ ހަތަރު މެމްބަރުންގެ ވޯޓުންނެވެ.
ކޮމެންޓް