ގޯއްޗާއި ފްލެޓުތަކުގެ ރަޖިސްޓްރީ ނުލިބިގެން އޭސީސީގައި މުޒާހަރާ ކުރަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ފްލެޓު އަތުލުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ޝަރީއަތް މަޑުޖައްސާލަން އަމުރެއް

ހައި ކޯޓުން މިގޮތަށް އަމުރުކުރީ، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ހައުސިން މިނިސްޓްރީން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލާގައި ނެރުނު ވަގުތީ އަމުރަކުން
1 ގަޑިއިރު ކުރިން

މިދިޔަ ސަރުކާރުގެ 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބި އެއްބަސްވުން ހަދާފައިވަނިކޮށް، މި ސަރުކާރުން ފްލެޓު އަތުލުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީ އާއި އެފްޑީސީއާ ދެކޮޅަށް، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވަނީ، އެފްޑީސީގެ އުދަރެސް 11 ވަނަ ޓަވަރުން 3 ކޮޓަރި އެޕާޓުމަންޓެއް ލިބުނު ފަރާތެކެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވާ ގޮތުން، އެ އެޕާޓުމަންޓަށް ޝަރުތު ހަމަވެ، ފްލެޓު އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވަނިކޮށް، ސަރުކާރު ބަދަލުވުމަށް ފަހު ފްލެޓު ލިސްޓުން އަލުން މުރާޖައާކުރަން ސަރުކާރުން ނިންމައި އެތަން ހަވާލުނުކޮށް ބޭއްވީ އެވެ. އެއަށް ފަހު، އެ ފްލެޓު ނުލިބޭނެ ކަމަށް 9 ޖުލައި 2025ގައި އޭނާއަށް ލިޔުމުން އަންގާފައިވެ އެވެ.

މައްސަލާގައި އެދިފައިވަނީ:

  • ފްލެޓު ދިނުމަށް ކުރިން އެކުލަވާލާފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި އެއީ އޭނާގެ ތަނެއް ކަމަށް ކަނޑައަޅައިދިނުމަށް

  • ފްލެޓު ވީހާ ވެސް އަވަހަށް ހަވަލުކުރުމަށް އެފްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށާއި އެކަމަށް ދަތިކުރަން އެއްވެސް ކަމެއް ނުކުރަން ހައުސިން މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް

  • އެއްވެސް ސަބަބަކާ ހުރެ އެ އެއްބަސްވުން ބާތިލުކުރެވޭނީ ޝަރުއީ ކޯޓަކުން ކަމަށް ކަނޑައަޅައިދިނުމަށް

ތަފްސީލް - މި މައްސަލާގައި ހައުސިން މިނިސްޓްރީން ސިވިލް ކޯޓުގައި ބުނެފައިވަނީ، އޭނާއަށް ކުރިން ފްލެޓު ލިބޭނެ ކަމަށް އަންގާފައިވިޔަސް، ޝަރުތު ހަމަނުވާ ކަމަށް މިހާރު ނިންމާފައިވަނީ، އޭނާއަކީ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓު ލިބިފައިވާ މީހަކަށްވާތީ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ދައުލަތުގެ ނިންމުމާ ހިތްހަމަނުޖެހޭ ނަމަ، ދައުވާކުރާ ފަރާތަށް އޮތް މަގަކީ، ދައުލަތުން ނިންމާފައިވާ އެ ނިންމުމަކީ ގާނޫނީ އިމުގެ ތެރެއަށް ފެތޭ ނިންމުމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ޖުޑީޝިއަލް ރިވިއުގެ ދައުވާއެއް ކޯޓަށް ހުށަހެޅުން ކަމަށެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ، އިހުތިލާފު އޮންނަ ބާވަތުގެ ދައުވާއެއްގެ ގޮތުގަ އެވެ.

އެހެންކަމުން، އެ ދައުވާއަކީ، އެގޮތަށް ކޯޓުގައި ކުރިއަށް ގެންދިއުމުގެ އިހުތިސާސް ލިބިގެންވާ ދައުވާއެއް ނޫން ކަމަށް ބުނެ މިނިސްޓްރީންނާއި އެފްޑީސީން ވެސް އިއުތިރާޒު ހުށަހަޅާފައިވެ އެވެ.

އެކަމަކު، ސިވިލް ކޯޓުން މިިދިޔަ އެޕްރީލު މަހު ނިންމީ، މައްސަލާގައި ހިމެނޭ ކަންކަމަށް ގޮތެއް ނިންމޭނީ ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ކަމަށްވާތީ، އެއީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.

ހައި ކޯޓުގެ އަމުރު - އެ ނިންމުން ހައި ކޯޓުގައި މިނިސްޓްރީން އިސްތިއުނާފު ކުރި އެވެ. އަދި އެ އިސްތިއުނާފާ މެދު ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.

ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ވަގުތީ އަމުރުގައި ވަނީ، އެ މައްސަލަައިގެ ޝަރީއަތް ކުރިއަށް ގެންދާ ނަމަ، ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މަަގުސަދު ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން، އެންމެ އިންސާފުވެރި ގޮތަކީ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރުން ކަމަށް ބުރަވޭވޭ ކަމަށެވެ.

"މި ކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ މި ނޫން ގޮތަކަށް މި ކޯޓުން ނިންމަންދެން، ސިވިލް ކޯޓުގެ ގަޒިއްޔާއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދިއުމަށް އަމުރުކޮށްފީމެވެ،" އެ މައްސަލަ ހައި ކޯޓުގައި ބައްލަވާ ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުނު ވަގުތީ އަމުރުގައިވެ އެވެ.

އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ދޭން ނިންމި 4،000 ފްލެޓް ލިބޭ މީހުން ކުރީ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނާ އެކު އެއްބަސްވުން ވެސް ހަދާފައިވެ އެވެ.

އޭގެ ފަހުން:

  • ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މި ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރަން

  • އެކަމަށް އާ ކޮމިޓީއެއް އުފައްދައިގެން، ލިސްޓު އަލުން ބެލުމަށް ފަހު، އާ ލިސްޓެއް އާންމުކުރި؛ ފާޑުކިއުންތައް އަމާޒުވުމުން، އެ ނިންމުން ބަދަލުކޮށް ކުރީގެ ލިސްޓަށް ފުލެޓް ދޭން ސަރުކާރުން ފަހުން ނިންމި

  • އެކަމަކު ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް އެ ލިސްޓުން އުނިކުރާނެ ކަމަށާއި އެ ލިސްޓުން ގާތްގަނޑަކަށް 700 މީހުން އުނިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވޭ

  • އެ މިނިސްޓްރީން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ދޮގު މައުލޫމާތު ދީފައިވުމާއި ޝަރުތުތައް ފުރިހަމަ ނުވުމުގެ ސަބަބުން މިހާތަނަށް 450އެއްހާ މީހުންގެ ހުށަހެޅުން ބާތިލުކޮށްފައިވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް