ފްލެޓު އަދި ގޯތީގެ މައްސަލާގައި ދައުވާކުރަން ހުށަހެޅި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް (ލ) އަދި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް (ފައިލް ފޮޓޯ/ރައީސް އޮފީސް)

ޝަރުތުހަމަނުވާ މީހުންނަށް ފްލެޓާއި ގޯތި ދިން މައްސަލާގައި އަކްރަމާއި ފްލެޓު ކޮމިޓީގެ 3 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

މި މައްސަލާގައި ތުހުމަތުކުރަނީ އުސޫލާ ހިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް މީހުން، ފްލެޓު ލިސްޓުގައި ހިމަނާ އެތަންތަން ދީފައިވާ ކަމަށް
18 ސެޕްޓެމްބަރު 2025

'ގެދޮރުވެރިޔާ' އަދި 'ބިންވެރިޔާ' ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓާއި ގޯތި ދިނުމަށް ލިސްޓުގައި ހިމަނައި ބައެއް ފަރާތްތަކަށް އެ ތަންތަން ދިން މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން، އެ މިިނިސްޓްރީގެ އިސް ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ބުނި ގޮތުގައި، މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފްލެޓު ދޭނެ މީހުން ކަނޑައެޅުމަށް އުފެއްދި ކޮމިޓީގައި ވެސް އިސްކޮށް ހަރަކާތްތެރިވި ހަތަރު ބޭފުޅެއްގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.

މި މައްސަލާގައި އެ އެންމެންގެ މައްޗަށް ވެސް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެގޮތުން މި މައްސަލާގައި ދައުވާކުރީ:

  • 1-

    އޭރުގެ ހައުސިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަކްރަމް

  • 2-

    ހައުސިން މިނިސްޓްރީގެ އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު މުހައްމަދު އާރިފް

  • 3-

    ހައުސިން މިނިސްޓްރީގެ އޭރުގެ ޑިރެކްޓާ ޖެނެރަލް އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ވިޝާން ނަސީމް

  • 4-

    ހައުސިން މިނިސްޓްރީގެ އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި ލިރުއާމް ވަހީދު

މި އެންމެންގެ މައްޗަށް ތުހުމަތުކުރަނީ، 27 ޖޫން 2022 ދުވަހު ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި އިއުލާނާއި ފްލެޓު ދޫކުރުމުގެ އުސޫލާ ހިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.

ޕީޖީން ބުނި ގޮތުގައި:

  • މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ތަހުގީގުތައް އަވަސްކުރުމަށް ޕީޖީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަހުގީގު އަވަހަށް ކުރިއަށްގެންގޮސްފައިވާ މައްސަލައެއް 

  • މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް މި އޮފީހުގެ ލަފާއާ އެކު އޭސީސީ އާއި ފުލުހުން ގެންދަނީ ތަހުގީގުކުރަމުން 

  • އެ ބައިތައް އެކަށީގެންވާ ވަރަށް ތަހުގީގުކުރެވުމުން، ދައުވާކުރުމާ މެދު މި އޮފީހުން ގޮތެއް ނިންމާނެ 

އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ފްލެޓް ލިބޭ މީހުން ކުރީ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.  

އޭގެ ފަހުން:

  • ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އާ ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރަން 

  • އެކަމަށް އާ ކޮމިޓީއެއް އުފައްދައިގެން، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އާ ލިސްޓެއް އާންމުކުރި 

  • އެ ލިސްޓުގައި ފުލެޓު ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހަކަށް 

  • އެކަމަކު އެ ނިންމުން ބަދަލުކޮށް ކުރީގެ ލިސްޓަށް ފުލެޓް ދޭން ނިންމައި މިހާރު ދަނީ ޝަރުތުހަމަވާ މީހުންނަށް އެތަންތަން ހަވާލުކުރަމުން 

މިދިޔަ ސަރުކާރުގެ ލިސްޓަށް ފްލެޓު ދޭން މި ސަރުކާރުން ނިންމި ނަމަވެސް، ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް އެ ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު މީގެ ކުރިން އޮތީ ވިދާޅުވެފަ އެވެ. އެގޮތުން މިދިޔަ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓުން ގާތްގަނޑަކަށް 700 މީހުން އުނިވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް