ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ބައި (ފޮޓޯ/އެމްޓީސީސީ)

މަގު ހެދުން

ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި ހުޅުވާލައިފި؛ ޕާކު ކުރާ ނަމަ ފިޔަވަޅު އަޅާނެ

މި ސަރަހައްދަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ވަނީ ތަރައްގީކޮށްފައި. އެ ޒޯނުގެ ބޭރުން އެހެން ތަންތަނުގައި ޕާކުކުރުން މަނާ.

ބޮޑުތަކުރުފާނުމަގު ޒަމާނީކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފަހުން ތަރައްގީކުރި ސަރަހައްދު އާއްމު ދަތުރުފަތުރަށް މިއަދު ހުޅުވާލައިފި އެވެ. 

ވީ ކިހިނެއް؟ -  ބޮޑުތަކުރުފާނު މަގު ޒަމާނީކޮށް ތަރައްގީކުރަން ފެށީ މިދިޔަ އޮގަސްޓު މަހު އެވެ. މި މަގު ތަރައްގީކުރަމުންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން، ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށްގެންނެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޖުމްލަ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން:

  • ފުރަތަމަ ސެގްމެންޓުގައި ހިމެނޭ ރަސްމީ ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ވަނީ ނިންމާލައިފައި

  • މިދިޔަ ޑިސެމްބަރުން ފެބްރުއަރީއަށް ނޯތު ހާބަރާ ހަމައަށް އޮތް ދެ ވަނަ ސެގްމެންޓްގެ މަސައްކަތް ވަނީ ނިންމާފައި

  • މިއަދު މި ހުޅުވާލީ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފަށައިގެން ރަސްމީ ފާލަމާ ހަމައަށް ޒަމާނީކުރި 700 މީޓަރުގެ ސަރަހައްދު

ބޮޑުތަކުރުފާނު މަގު (ފޮޓޯ/އެމްޓީސީސީ)

ތަފްސީލް - މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނިގޮތުގައި މިއަދު މި މަގު ހުޅުވާލި ނަމަވެސް، ބައެއް ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެ އެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުމާއި މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ގާ އެތުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބުންޏެވެ.

ފާހަގަކުރެވޭ - އަލަށް ތަރައްގީކުރި މި ސަރަހައްދުގައި ޕާކްކުރުން ވަނީ މަނާކޮށްފަ އެވެ. މި ސަރަހައްދުގެ ޕާކިންއަށް، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ވަނީ ތަރައްގީކޮށްފަ އެވެ. 

މާލެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގުގައި ޕާކްކުރުމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި ޕާކް ނުކުރުމަށް ފުލުހުން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ. ފުލުހުން ބުނިގޮތުގައި:

  • ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި އުޅަނދުތައް ޕާކުކުރުމަކީ މަގުގެ ދަތުރުފަތުރަށް ބުރޫއަރައި އާންމުންގެ ރައްކާތެރިކަމަށް ހުރަސް އެޅޭނެ ކަމެއް

  •  އެހެންވެ، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަމުންދާނެ

މާލޭގެ މަލަމަައްޗަށް އޮންނަ ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ގުޅިގެން ގަސް އިންދުމުގެ ހަރަކާތަކެެއް ދަނީ ކުރިއަށްގެންދަމުންނެވެ. ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މިހާތަނަށް 3,100 އަށްވުރެ ގިނަ ގަސް އިންދާފައިވެ އެވެ.

އެނގުން މުހިންމު - މި މަޝްރޫއުގެ ދަށުން ދެން ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް