ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު (ފޮޓޯ/އެމްޓީސީސީ)
ބޮޑުތަކުރުފާނު މަގުން އަލަށް ހަދާ ސަރަހައްދުގައި ޕާކެއް ނުކުރެވޭނެ
ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދުގެ މަސައްކަތް ނިންމާ ހުޅުވާލާއިރު، އެ މަގުގައި ދެން ޕާކު ނުކުރެވޭނެ ކަމަށާއި ޕާކު ކުރަން ވަކި ހާއްސަ ޖާގައެއް ތަރައްގީ ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ދަ ޕަލްސް'ގެ ނަމުގައި ރައީސް އޮފީހުން ގެނެސްދޭ ވޮޑްކާސްޓުގައި މިދިޔަ ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕާކިންއަށް ހާއްސަ ޖާގަ ތަރައްގީ ކުރުމަށް ބޮޑުތަކުރުފާނު މަގާ ދިމާ ފަޅުން ބައެއް ހިއްކާފައިވާ ކަމަށެވެ.
ތަފްސީލް - ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ގާތްގަނޑަކަށް 500 ސައިކަލު ޕާކު ކުރެވޭނެ ކަމަށެވެ.
"އޭރުން ނަސަންދުރައިން ފެށިގެން އިއްޒުއްދީން ފާލަމާ ދޭތެރޭ ކުރިން އަރިމަތީ ޕާކުކުރި ކުރުން ދެން ނުކުރެވޭނެ. ދެން [ޕާކު] ކުރަން ޖެހޭނީ މި ދެންނެވި ތަނުގައި،" ރައީސް ވިދާޅުވި އެވެ.
"އޭރުން ވަރަށް ފަސޭހަވާނެ ދުއްވަން."
ރައީސް ވިދާޅުވީ ޕާކިންއަށް ހާއްސަ ސަރަހައްދުގައި އުޅަނދު ޕާކުކުރުމަށް ފަހު އެ މީހެއްގެ މަންޒިލަށް ހިނގާލާފައި ފަސޭހަކަމާ އެކު ދެވޭނެ ކަމަށެވެ. އަދި މަގު ނިންމާ ހުޅުވާއިރު އެ ސަރަހައްދުގައި ގަސް އިންދާނެ ކަމަށާއި މަގު ހިތްފަސޭހަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޕްލޭނަކީ ރީތި ގަސްތައް ޖަހާ، ދެ ފަރާތް ވެސް ރީތިކޮށް ހިތްފަސޭހަކޮށް އޮތުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ބޮޑުތަކުރުފާނު މަގުން ތަރައްގީ ކުރާ ބައިގެ މަސައްކަތް ނިމުމުން ދެން ކުރިއަށްދާނީ އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ކަމަށެވެ.
ފަސް މަންޒަރު - ޖުމްލަ ފަސް ސެގްމަންޓަކަށް ބަހާލައިގެން ބޮޑުތަކުރުފާނު މަގުގެ ބައެއް ފުޅާކުރުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހު އެވެ. ފުރަތަމަ ސެގްމެންޓުގައި ހިމެނޭ ރަސްމީ ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ވަނީ ނިންމާލައިފަ އެވެ. އަދި މިދިޔަ ޑިސެމްބަރުން ފެބްރުއަރީއަށް ނޯތު ހާބަރާ ހަމައަށް އޮތް ދެ ވަނަ ސެގްމެންޓްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.
ކޮމެންޓް (2)
ދިއްދާ
ސަމީނު