ރައީސް އޮފީހުން ކޮންމެ ހަފުތާއަކުވެސް ގެންދޭ 'ޕަލްސް' ވޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އާއި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

މަގު ހެދުން

ބޮޑުތަކުރުފާނު މަގު ހަދާ ނިމުމުން މުޅި މާލެތެރެއިން އޭގެ ފަސޭހަ ފެންނާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މުޅި މަޝްރޫއު ނިމުމުން، މާލޭގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް
1 ގަޑިއިރު ކުރިން

މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު އަލުން ހެދުމުގެ މަސައްކަތް ކުރާއިރު، އެ މަޝްރޫއު ނިމުމުން މުޅި މާލެތެރެއިން ޓްރެފިކްގެ ފަސޭހަ އާއި ލުއިކަން ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް 144 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު، މި އަހަރު ނިމުމުގެ ކުރިން ނިންމުމަށް ވަނީ ކަނޑައަޅާފަ އެވެ.

ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ވެސް ގެނެސްދޭ ވޮޑްކާސްޓް، 'ޕަލްސް'ގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ވަށައިގެން ބޮޑުތަކުރުފާނު މަގު ހަދާ ނިމުމުން، އެއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

ބޮޑުުތަކުރުފާނު މަގުގެ ބޮޑުބައެއްގައި މިހާރު ތާރުއަޅާ ނިމިފައި (ފޮޓޯ/އެމްޓީސީސީ)

އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • މުޅި މަޝްރޫއު ނިމުމުން، މާލޭގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ

  • މަގު ހަދާނީ، ދެކޮޅަށް ދުއްވާ ދެ ލޭނު ހިމެނޭ ގޮތަށް ކަމަށާއި ވަށައިގެން އެގޮތަށް އޮތުމުން، މާލޭގެ އެތެރޭގެ މަގުތަކަށް އެ ލުއި އަންނާނެ ކަމަށް ވިދާޅުވި

"މި ފަސޭހަ މުޅި މާލެތެރެއިން ވެސް ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިއްޒުއްދީން ފާލަމުން ފެށިގެން އެމްޕީއެލްއާ ހަމައަށް މިހާރު މަގު ހަދާ ނިންމާފައިވާ ކަމަށާއި އަންނަ ހަފުތާގައި އަލަށް ހެދި ބައި ހުޅުވާލާނެ ކަމަށެވެ. އެއާއެކު ނަސަންދުރަ ހޮޓަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މިހާރު ޕާކުކުރާ އުޅަނދުތައް، ދެން ބަދަލު ކުރާނީ އެކަމަށް ހާއްސަކޮށް، ވަކިން ހިއްކި ތަނަށް ކަމަށާއި އެތަނުގައި 500 ސައިކަލަށް ޕާކު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭރުން މަގުގައި އުޅަނދުތައް ދުއްވާލަން ވަރަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

ބޮޑުތަކުރުފާނު މަގު ނިމުމާއެކު ދެން ފަށާނީ މާލޭގެ މަގުތަކުގައި ތާރު އަޅައި، ބައެއް މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ވިދާޅުވީ:

  • އެ މަޝްރޫއަށް ބޭނުންވާ ފައިސާ ޗައިނާ ސަރުކާރުން ލިބިފައިވާއިރު، މިހާރު ކުރިއަށް ދަނީ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް ކަމަށް

  • މި އަހަރު ނިމެންވާއިރަށް ނުވަތަ އަންނަ އަހަރު ކުރީކޮޅު މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް

  • މިއީ މި ފަހަކުން ކުރިއަށް ގެންދާ މަގުހެދުމުގެ އެންމެ ބޮޑު މަޝްރޫއުކަން ވެސް ރައީސް ފާހަގަ ކުރެއްވި

އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއާއެކު ޒަމާންތަކެއްވީ ބޮޑު މައްސަލައަކަށް ހައްލުލިބޭނެ ކަމަށެވެ. އެގޮތުން މަގުތައް ފަސޭހަވެފައި ހިތްގައިމުވުމުގެ އިތުރަށް ފެންބޮޑުވުމާއި ފެން ހިންދުމާއި ޕާކިން މައްސަލައަށް ހައްލު ލިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި ހަނިގޯޅިތަކުގައި ހިނގާބިނގާވެ އުޅުމަށް ވެސް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

"މި ބިޔަ ޕްރޮޖެކްޓު ފެށެނީ މި. ނިމޭއިރު އިރާދަކުރެއްވިއްޔާ މިމަޝްރޫއު ވާނީ މާލޭގައި އުޅޭ މީހުންނަށް ހިތްފަސޭހަކަން ގެނެސްދޭނެ މަޝްރޫއަކަށް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް