ރައީސް އޮފީހުން މިއަދު ގެނެސްދިން ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
ހަނގުރާމައިގެ ސަބަބުން ޒުވާނުންގެ ގިނަ މަޝްރޫއުތައް 6 މަސް ލަސްވެއްޖެ؛ އެކަމަކު ދެން ލަސްނުވެ ކުރިއަށް ދާނެ: ރައީސް
ޒުވާނުންނަށް ހާއްސަ އެކި ކަހަލަ ކުޅިވަރު ކުޅޭ ތަންތަން ގާއިމް ކުރުމުގެ މަޝްރޫއުތައް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހައެއްކަ މަސް ލަސްވެއްޖެ ކަމަށާއި ނަމަވެސް ދެން އެ މަޝްރޫއުތައް އަވަސް މިނުގައި ހިނގައިގަނެ، ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ހުރިހާ މަޝްރޫއުތަކެއް އެއްކޮށް ނިންމާލެވޭނީ، ރައީސް ވިދާޅުވި ގޮތުގައި، 2028ގެ ކުރީކޮޅު އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ ރައީސް މުއިއްޒުގެ ހާއްސަ ޕޮޑްކާސްޓް، 'ދަ ޕަލްސް'ގެ މި ހަފްތާގެ މައުލޫއަކަށް އޮތީ ޒުވާނުން ބާރުވެރިކުރުމާ ގުޅޭ މައުލޫ އެވެ. އެ މައުލޫގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ މި ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައި ހުރި ބައެއް ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ތަފްސީލު - ރިޔާސީ ކެމްޕެއިން ތެރޭ ޒުވާނުންނަށް ރައީސް ވެވަޑައިގެންނެވި އެއް ވައުދަކީ ރޭސިން ޓްރެކެއް ގާއިމް ކުރުމުގެ ވައުދެވެެ. ހުޅުލޭ ހައިވޭގެ އިރުމަތީ ފަރާތުގައި އެ ޓްރެކް ގާއިމް ކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު، ނިމިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް ފެށި އެވެ. ނަމަވެސް އެ މަޝްރޫއު އޮތީ މިހާރު މަޑުޖެހިފަ އެވެ. މަޝްރޫއު ލަސްވި ސަބަބާ ގުޅޭ ޕޮޑްކާސްޓުގައި ރައީސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
"[ރޭސިން ޓްރެކް ގާއިމް ކުރަން] ބިން ހިއްކުން ލަސްވެއްޖެ. ބޭނުންވާ މެޓީރިއަލް ހާއްސަކޮށް، އެތަން ޕްރޮޓެކްޓް ކުރުމަށް ބޭނުންވާ ޝޯ ޕްރޮޓެކްޝަން މެޓީރިއަލް [ލިބުން] ލަސްވެގެން. އެހެން ނަމަވެސް، އެ މަސައްކަތް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބާރަށް ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.
އެއާ އެކު، ރައީސް ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން މި ސަރުކާރުން ފެށި ބައެއް އެހެން މަޝްރޫއޫތައް ވެސް ލަސްވެއްޖެކަން ގަބޫލު ކުރައްވާ ކަމަށެވެ. އޭގެ ސަބަބަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމަ އެވެ.
"ޑިލޭސްތަކެއް މި ހުރިހާ ކަމެއްގައި ވެސް އައި މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން އަޅުގަނޑުމެން ފައިސާ ހަރަދުކުރަން ޕްރައޮރަޓައިޒް ކުރަން ޖެހޭ ކަންކަމަށް، ހާއްސަކޮށް ތެލަށް ކުރަން ޖެހޭ ހަރަދާ އެކު ގިނަ މަޝްރޫއުތައް ހައެއްކަ މަސް ޑިލޭ ވެއްޖެ. އެހެން ނަމަވެސް، މިހާރު ރިކަވާ ވެގެން މިދަނީ އިރާދަކުރެއްވިއްޔާ ކުރިއަށް،" ކުރިއަށް އޮތް ތަނުގައި މި މަޝްރޫއުތައް ނިމިގެންދާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ޒުވާނުން ކުޅިވަރު ކުޅޭ ވަސީލަތްތައް ގާއިމްކުރެވިފައިވާ މަރުކަޒުތައް ވަރަށް މަދެވެ. ނަމަވެސް މި ސަރުކާރުގައި ޒުވާނުންގެ މަރުކަޒުތައް ހިމެނޭހެން ޒުވާނުންނަށް ހާއްސަ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިނގަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިހާރު އަޅުގަނޑުމެން ފަށައިގެން މިއުޅޭ މަޝްރޫއުތައް އިރާދަކުރެއްވިއްޔާ މި ދައުރު ތެރޭގައި ނިމިގެންދާއިރު، ފެނިގެން ދާނެ އެއްވެސް ރަށެއް ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނެސް މަރުކަޒެއް. މިހާރު އެ ދަނީ އެތައް ރަށެއްގައި އޭގެ އަމަލީ މަސައްކަތްތައް ކުރިއަށް،" ރައީސް ވިދާޅުވި އެވެ.
ރަށްތަކުގައި ގާއިމް ކުރާ އެ މަރުކަޒުތަކުގެ ތެރެއިން %50ގެ ރަށްތަކުގެ މަރުކަޒުތައް މިއަހަރު ފަހުކޮޅު ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރު ފަހުކޮޅު ހުރިހާ ރަށްތަކެއްގެ މަރުކަޒުތައް ނިންމާލެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން، ރައީސް ވިދާޅުވީ:
-
މާލޭގައި ހުންނަ ސޯޝަލް ސެންޓަރު ފަދަ މަރުކަޒުތައް ރާއްޖޭގެ 15 ވަރަކަށް ރަށެއްގައި ގާއިމް ކުރުމަށް މިހާރު ވަނީ ހަވާލު ކުރެވިފައި؛ އެ ތަންތަނުގައި 1،200އަށް ވުރެ ގިނަ ސަޕޯޓަރުންނަށް ކުޅިވަރު ބަލަން ތިބެވޭނެ އަދި މި ތަންތަން ގާއިމް ކުރަނީ 2،000އަށް ވުރެ އާބާދީ ބޮޑެތި ރަށްތަކުގައި
-
އަމާޒަކީ ހުޅުމާލޭ އާއި މާލެ ހިމޭނޭހެން 25 ރަށެއްގައި މިފަދަ ސެންޓަރުތައް މި ދައުރު ތެރޭގައި ގާއިމް ކުރުން؛ އަންނަ އަހަރު ފަހުކޮޅު ގިނަ ރަށްތަކުގެ އެފަދަ މަރުކަޒުތައް ގާއިމްކޮށް ނިންމާލެވޭނެ
"މިއީ ދުވަހަކު ވެސް ރާއްޖޭގައި ފެނުނު ކަންތައްތަކެއް ނޫން. ޒުވާނުންނާއި ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް މި ތަންތަން ބޭނުން ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
މި ޕޮޑްކާސްޓުގައި ރައީސް ވަނީ މާލެ ސަރަހައްދުގައި ވެސް ޒުވާނުންނަށް ހާއްސަކޮށްގެން ފަށާ އަދި ފަށަން ހުރި ބައެއް މަޝްރޫއުތަކުގެ ފަހުގެ ތަފްސީލު ވެސް ދެއްވާފަ އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
-
ރާޅުގަނޑު ސަރަހައްދުގައި ގާއިމް ކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި
-
ހުޅުމާލޭގައި ގާއިމް ކުރާ އިންޑޯ ބޯލިން އެރީނާގެ މަޝްރޫއުގެ ބިން ހަވާލުކޮށް، ކޮންޓްރެކްޓަރަށް މިހާރު ވަނީ ފައިސާ ދީފައި؛ ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ
-
ގިނަ ފުޓްސަލް ދަނޑުތައް ހުންނަ ގޮތަަށް ހަދާ އިމާރާތުގެ މަޝްރޫއުގެ ބިން ހަވާލުކޮށް، މަސައްކަތް މިހާރު ވަނީ ފެށިފައި؛ އެ ތަން ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ފުޓްސަލް ސްޓޭޑިމަކާއި ޓްރެއިނިން ޕިޗްތަކާ އެކު؛ ހަމަ އެ ގޮތަށް ހަދާ ނެޓްބޯޅަ ކޮމްޕްލެކްސް އިމާރާތް ވެސް ބިން ހަމަޖެހި، މިހާރު ވަނީ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި
-
އުސްފަސްގަނޑުގައި މިހާރު އެވަނީ ސްކޭޓިން އެރީނާ ހަދާ ނިމިފައި
-
ސަލްޓަން ޕާކުގައި ގާއިމް ކުރަން ހަމަޖެހިފައިވަނީ އިންޑޯ ގޭމިން ސެންޓަރެއް؛ އެ މަސައްކަތުގެ ޑިޒައިން މިހާރު ވަނީ ނިމިފައި
-
ހުޅުމާލޭގައި ސިންގަޕޫރުގައި ހުންނަ ފެންވަރުގެ ޒަމާނީ އިންޑޯ ގޯ-ކާޓް އެރީނާއެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައި
"އެހެންވީމަ އެކި ކަހަލަ ކުޅިވަރުތަކަށް އެކި ކަހަލަ ސްޓޭޑިއަމްތަކާއި އެކި ކަހަލަ ފެސިލިޓީތައް މިއަހަރާއި މިއަންނަ އަހަރު ތެރޭގައި ގިނަ ތަންތަން ނިމި، ހުޅުވިގެން [ދާނެ އަދި] އެންމެ ލަސްވެގެން 2028ގެ ފުރަތަމަ ކުއާޓަރަށް ދާއިރު، ހުރިހާ ތަނެއް ނިމިފައި ހުންނާނީ،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް