ހުޅުމާލެ

ރޭސް ޖެހުން

އިންތިހާބާ ކައިރިކޮށް ރޭސިން ޓްރެކުގެ ވާހަކަ އަނެއްކާ ތިލަކޮށްފި

ސިނަމާލެ ހައިވޭގެ އިރުމަތީ ފަރާތުން ބިން ހިއްކުމަށް ފަހު ފުރަތަމަ ފިޔަވަހީގެ ދަށުން އަޅަނީ 'ޑްރޭގް ރޭސިން ސްޓްރިޕް'އެއް. މި ފިޔަވަހި ނިންމަން ހުށަހަޅާފައިވަނީ ސެޕްޓެމްބަރު 2027އަށް
2 އޭޕްރީލު 2026

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ދެ ދުވަހަށް ވުރެ ކުޑަތަން ވެފައިވަނިކޮށް ހުޅުލޭ ހައިވޭގެ އިރުމަތީ ފަރާތުގައި އަޅަން ބުނި ރޭސް ޓްރެކުގެ ވާހަކަ އަނެއްކާ ތިލަކޮށްފި އެވެ.

ވީ ކިހިނެއް؟ - ހައިވޭގެ އިރުމަތީ ފަރާތުގައި ރޭސިން ޓްރެކެއް އަޅާ ވާހަކަ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ މެއިގައި ރައީސް މުހައްމަދު މުއިއްޒު ބޭއްވި 'މެރެތޮން' ޕްރެސް ކޮންފަރެންސްގަ އެވެ.

އޭރު އެމަނިކުފާނު ވިދާޅުވީ:

  • އެ މަޝްރޫއު ކުރިއަށްގެންދަން ހަވާލުކުރީ އެމްއޭސީއެލްއާ

  • އެކަމަށް އިންވެސްޓު ވެސް ކުރާނީ އެ ކުންފުނިން

ތަފްސީލު - އޭގެ ފަހުން މިއަދު، ލޯކަލް އިންތިހާބަށް ދެ ދުވަސް ވެފައިވަނިކޮށް އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓު ނިންމީ 31 މާޗުގަ އެވެ.

މަޝްރޫއުގެ ތަފްސީލު

  • ހައިވޭގެ އިރުމަތީ ފަރާތުގައި އޮންނަ ފަޅުން 40.2 ހެކްޓަރުގެ ބިން ހިއްކާނެ

  • ހިއްކާ ސަރަހައްދު ހުޅުލޭގެ ދެކުނު ކޮޅުން ފެށިގެން 2.85 ކިލޯމީޓަރު އުތުރަށް، ހުޅުމާލެއާ ހަމައަށް ފޯރާނެ

  • އުތުރާއި ދެކުނުކޮޅުގެ ފުޅާމިނަކީ 30 މީޓަރު އަދި ހިއްކާ ސަރަހައްދުގެ އެންމެ ފުޅާ ދިމާލުގައި (މެދެއްހާ ހިސާބުގައި) 60 މީޓަރުގެ ފުޅާމިން ހުންނާނެ

  • ބިން ހިއްކުމަށް ފަހު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ 'ޑްރޭގް ރޭސިން ސްޓްރިޕް' ނުވަތަ މަގެއް

  • 'ފުރިހަމަ' ރޭސިން ޓްރެކެއް އަޅާނީ އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ދަށުން

ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަން ބިން ހިއްކާ ސަރަހައްދު (ރީނދޫ ކުލައިން ފާހަގަކޮށްފައި)

އެ ރިޕޯޓުގައި މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ:

  • ބިން ހިއްކުމުގެ ސަބަބުން އުފެދޭ ކިސަޑު، އެ ސަރަހައްދުގައިވާ ފަރުގެ ނިޒާމަށް ފެތުރި، ލޮނުގަނޑުގެ ކުލަ ބަދަލުވެ، ފެނުގެ ފެންވަރު ދަށްވުން

  • ކޮނެގެން ވެލި ނެގުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ މާހައުލު ގެންލިގެންދިއުން (މި މަޝްރޫއުގައި ބިން ހިއްކަނީ 1،045،200 ކޮޑިމީޓަރުގެ ވެލި ބޭނުންކޮށްގެން)

  • ސޯލާ ޕީވީ ފާމް އަދި ހައިވޭގެ އިރުމަތީ ފަރާތުގެ ޕޭވްމަންޓުގެ އަޑިން އަޅާފައިވާ ކަރަންޓާއި ސެކިއުރިޓީ ކެމެރާގެ ކޭބަލްތަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތުން

  • ރޭސް ޖަހާ ސަރަހައްދުގެ (ހައިވޭ ވެސް ހިމެނޭ ގޮތަށް) ވައިނުސާފުވުން؛ ވައިގެ ތެރޭގައި ހިމެނޭ ޕީ.އެމް 2.5 އަދި ޕީ.އެމް 10ގެ ކުނޑި އިތުރުވާނެ ކަމަށް ވެސް ލަފާކުރި

  • ހައިވޭގެ އިރުމަތީ ފަރާތުން ފެންނަ ހިތްގައިމު މަންޒަރު ގެއްލުން

  • ހުޅުލެއިން ނަޖިސް ބޭރުކުރަން މޫދަށް އަޅާފައިވާ ފަސް ހޮޅިއަށް ގެއްލުންވުމުގެ ފުރުސަތު އޮތުން

  • ރޭވުންތެރިކަން ކުޑަކޮށް މި މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ހައިވޭގެ ޓްރެފިކަށް ބުރޫއެރުން އަދި 15 މީޓަރަށް ވުރެ އުސް މެޝިނަރީ ބޭނުންކުރާ ނަމަ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ހުރަސްއެޅުން

މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް 10 އޭޕްރީލްގައި ފަށައިގެން ޖުލައި 2026އާ ހަމައަށް ކުރިއަށްގެން ދާއިރު، ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ 18 މަސް ދުވަހުންނެވެ.

މި މަޝްރޫއަށް ބިން ހިއްކަން ބޭނުންވާ ވެލި ނަގަން ހުށަހަޅާފައިވަނީ ގިރާވަރު ފަޅުގެ ބިން ހިއްކަން ވެސް ވެލި ނަގާ ސައިޓުންނެވެ.

ރޭސިން ޓްރެކް އަޅާ ބިން ހިއްކަން ވެލި ނަގާ ސަރަހައްދު (ރަތް ކުލައިން ފާހަގަކޮށްފައި) އަދި އޭގެ ބަދަލުގައި ވެލި ނަގަން ހުށަހަޅާ ދެ ތަން (ފެހި ކުލައިން ފާހަގަކޮށްފައި).

ގުޅުންހުރި ކަމެއް - ނިމިދިޔަ ސަރުކާރުގައި އެޗުޑީސީއިން (އޭރު އާބަންކޯއިން) ވަނީ ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ނުވަތަ ރޭސިން ޓްރެކެއް ތަރައްގީކުރަން ބޭނުންވާ ބިން ހަމަޖައްސައި އެކަމާ ގުޅޭ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީއާ އެކު ސޮއިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް