ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީ ކުރި ސަރައްހަދު: މިއަދު ހަވީރު މި މަގު ހުޅުވާލުމަށް ވަނީ ހަމަޖެހިފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ބޭރު މަގުގެ ތަރައްގީ ކުރި ބައި މިއަދު ހަވީރު ހުޅުވާލަނީ
ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރަސްމީ ފާލަމުން ފެށިގެން، ބާސެލޯ ނަސަންދުރައާ ހަމައަށް މަގު ބަންދުކޮށް، އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ މާޗް މަސް ތެރޭގަ އެވެ. މިހާރު މަސައްކަތް ވަނީ ނިންމާލާފަ އެވެ. އަދި އިއްޔެ ހަވީރު ހައުސިން މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް އެހެން އޮފީސްތައް ގުޅިގެން އެ މަސައްކަތް ނިންމާލުން ފާހަގަ ކުރުމަށް އެތަނުގައި ގަސް އިންދުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ތަފްސީލު - އެ ހަރަކާތުގެ ތެރެއިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ:
-
މި ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައި
-
މިއަދު ހަވީރު 4އިން ފެށިގެން އާންމުންނަށް މަގު ހުޅުވާލާނެ
-
މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ، އާންމުންނަށް ހިތްގައިމު ތަނަވަސްކަން ގެނެވޭނެ ގޮތަށް
އިއްޔެ މި ސަރަހައްދުގައި ދިވެހި ރުއްވެސް ވަނީ އިންދާފަ އެވެ.
މިއަދު ހަވީރު އާންމުނަށް ހުޅުވާލި ނަމަވެސް، ރަސްމީކޮށް މި މަގު ހުޅުވުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ބެލެވޭ ގޮތުގައި އެ ރަސްމިއްޔާތު އޮންނާނީ އާދިއްތަ ދުވަހު ފާހަގަ ކުރާ މިނިވަން ދުވަހު އެވެ.
ފަސް މަންޒަރު - ޖުމްލަ ފަސް ސެގްމަންޓަކަށް ބަހާލައިގެން ބޮޑުތަކުރުފާނު މަގުގެ ބައެއް ފުޅާކުރުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހު އެވެ. ފުރަތަމަ ސެގްމެންޓުގައި ހިމެނޭ ރަސްމީ ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ވަނީ ނިންމާލައިފަ އެވެ. އަދި މިދިޔަ ޑިސެމްބަރުން ފެބްރުއަރީއަށް ނޯތު ހާބަރާ ހަމައަށް އޮތް ދެ ވަނަ ސެގްމެންޓްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.
މި ނިމުނު ތިން ސެގްމަންޓުގައިވެސް ފަޅުން ބައެއް ހިއްކައިން މަގު ވަނީ ހަތަރު ލޭންއަށް ދުއްވޭ ގޮތަށް ފުޅާކޮށްފަ އެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.
ކޮމެންޓް