މާލެ ނޯތު ހާބަރު ސަރަހައްދު: ތިރީގައި ޒޯން ސީ އަދި ދުރުން ފެންނަނީ އެކްސްޕްރެސް ޒޯން. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
ނޯތު ހާބަރުގެ ވަކި އެއް ޒޯނެއްގެ ކިޔޫއެއްގައި ޖެހެން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި
ނޯތު ހާބަރުގެ ތިން ޒޯނުގެ ކިޔޫގައި އެއްފަހަރާ ޖެހޭ ގޮތަށް އޮތް ފުރުސަތު އުވާލައި، އެއް ދަތުރެއްގައި އެއް އުޅަނދަކަށް ނަން ނޯޓުކުރެވޭނީ ކޮންމެ ވެސް އެއް ކިޔޫއެއްގައި ކަމަށް ކަނޑައަޅައި ކިޔޫ އުސޫލަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސްފި އެވެ.
ވީކިހިނެއް؟ - މިދިޔަ މާޗު މަހު ނޯތު ހާބަރުގެ ކިޔޫގައި ޖެހުމަށް އޮންނަ އުސޫލަށް ގެނައި ބަދަލުތަކާ ގުޅިގެން އުޅަނދަކުން މަހަކު މުދާ އުފުލަން ކުރާ ދަތުރުތައް މަދުކުރަން އޮތީ މަޖުބޫރުވެފަ އެވެ. އޭގެ ސަބަބުން އޮޑިވެރިންގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.
އެގޮތުން، އޮޑިވެރިން ފާހަގަކުރި ބައެއް ކަންކަމަކީ:
-
ނޯތު ހާބަރަށް ކައިރިކުރަން ކިޔޫ ނަންބަރު ޖެހެންދެން 10-15 ދުވަސް މަޑުކުރަން ޖެހުން؛ އެހެންވެ ގިނަ އޮޑިތަކަށް މަހަކު މިހާރު ކުރެވެނީ ދަތުރެއް ނުވަތަ ދެ ދަތުރު
-
މާލެ ފަޅުން ބޭރުވަމުން ކީ ވޯލަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހު، ވަގުތުން ކިޔޫގައި ނޯޓު ކުރުމުގެ ފުރުސަތު ދޭތީވެ، އެ ގޮތަށް ނަން ނޯޓު ނުކޮށްފި ނަމަ ކައިރި މުސްތަގުބަލެއްގައި ޖާގައެއް ނުލިބޭ
-
މި ކަންކަމުގެ ސަބަބުން މާލެ ފަޅުން ބޭރުވާއިރު ވެސް އޮޑިފަހަރު އޮންނަނީ ކިޔޫއެއްގައި؛ އަދި ކޮންމެ އުޅަނދަކަށް އެއްފަހަރާ ތިން ޒޯނުގެ ކިޔޫގައި ވެސް ޖެހެވޭނެ ފުރުސަތު އޮންނާތީ ތިން ޒޯނުގެ ކިޔޫ ވެސް އޮންނަނީ ދިގުވެފައި
ތަފްސީލް - އޭގެ ހަތަރު މަސް ފަހުން އެމްޕީއެލުން އަނެއްކާވެސް ނޯތު ހާބަރުގެ ކިޔޫ އުސޫލަށް ބަދަލު ގެނެސް ގެޒެޓްކުރިއިރު މައިގަނޑު ބަދަލަކީ އެއްފަހަރާ އެއް ކިޔޫއަށް ވުރެ އިތުރަށް ކިޔޫތަކުގައި ނަން ނޯޓު ކުރެވޭ ގޮތް ހެދުމެވެ. އެގޮތުން:
-
ނޯތު ހާބަރުގެ ތިން ޒޯނަކަށް ކިޔޫ ނަންބަރު ދޫކުރޭ؛ އެއީ އޭ ޒޯން، ސީ ޒޯންގެ އިތުރުން އެކްސްޕްރެސް ޒޯން
-
އެއިން ޒޯނެއްގެ ކިޔޫގައި ނޯޓު ކުރަން އެދޭ ނަމަ، ނަން ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިހްތިޔާރުކުރާ ކޮންމެ ވެސް އެއް ކިޔޫއެއްގައި
-
އެއް ދަތުރެއް ކަމަށް ބަލާނީ ނޯތު ހާބަރުގެ ޒޯނަކަށް ދޫކުރާ ކިޔޫ ތަރުތީބުން ޖާގަ ދެވި ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު ފުރުމުން
މީގެ އިތުރުން ކީ ވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި އެ އުޅަނދެއް ހޯލްޑްކުރަން ޖެހޭ ގޮތަށް ހެދި އުސޫލު ވެސް ވަނީ އުވާލާފަ އެވެ. އެގޮތުން:
-
މި ގޮތަށް ފަސް ދުވަހުގެ މުއްދަތަކަށް ކިޔޫން ކެންސަލް ނުވާ ގޮތަށް ހޯލްޑްކުރުމަށް ފުރުސަތު އޮންނަނީ އޭ ޒޯން އަދި ސީ ޒޯންގެ ކިއުއަށް؛ އެ ފުރުސަތު މުޅިން އުވާލަން ވަނީ ނިންމާފައި
-
ނަމަވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެ ނަމަ ގިނަވެގެން ތިން ފަހަރު މަތިން ޖާގަ ފަސްކުރެވޭ ގޮތަށް އުސޫލުގެ ބަޔަށް ދާނީ އަމަލުކުރަމުން
މި ބަދަލުތަކަށް އަމަލުކުރާނީ އަންނަ ހޯމަ ދުވަހުގެ ރޭ 11:59 އިން ފެށިގެން ކަމަަށް އެމްޕީއެލުން ބުންޏެވެ.
ކޮމެންޓް