މާލެ ނޯތު ހާބަރުގައި އޮތް ބޯޓަކަށް މީހަކު މުދާ އަރުވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ނޯތު ހާބަރު

ނޯތު ހާބަރު ބޭނުންކުރުމުގައި އޮޑިވެރިންނަށް ދަތިވާތީ އެމްޕީއެލްއާ ސުވާލުކުރަނީ

މިދިޔަ މާޗުގައި އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން ބޯޓުފަހަރަށް މަހަކު އެއް ދަތުރަށް ވުރެ އިތުރަށް ނުކުރެވޭތީ، މާލީ ގޮންޖެހުންތައް ކުރިމަތިވުމުގެ އިތުރުން ރަށްރަށުން މުދާ ހުސްވުން ފަދަ މައްސަލަތައް އަންނަނީ ކުރިމަތިވަމުން

މާލޭ ނޯތު ހާބަރު ބޭނުންކުރުމުގައި އެމްޕީއެލްއިން އަމަލުކުރާ އުސޫލުގެ ސަބަބުން އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެ ކުންފުނީގެ ވެރިން ހާޒިރުކޮށް، ސުވާލުކުރަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ނޯތު ހާބަރުން ބޯޓުފަހަރަށް ޖާގަ ދިނުމުގެ އުސޫލަށް އެމްޕީއެލްއިން ބަދަލުތަކެއް ގެނައީ މިދިޔަ މާޗުގެ ތެރޭގަ އެވެ.

ބަދަލު ގެނައީ ކީ ވޯލުން ޖާގަ ހޯދަން ނަން ނޯޓު ކުރާ ގޮތާއި ޖާގަ ގެއްލޭ ހާލަތްތަކާއި އަލުން ޖާގަ ހޯދާނެ ގޮތްތަކަށެވެ.

ނަމަވެސް އެ ބަދަލާ ގުޅިގެން ބޯޓުފަހަރަށް މަހެއްގެ މައްޗަށް ކުރެވޭ ދަތުރުތަކުގެ އަދަދު ދަށްވެ، އާމްދަނީ ހީނަރުވުމުގެ އިތުރުން ރަށްރަށުން މުދާ ހުސްވުން ފަދަ ބޮޑެތި މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.

އޭގެ އިތުރުން މަގު ފުޅާކުރުމުގެ ސަބަބުން ނޯތު ހާބަރުގެ ޖާގަ ކުޑަވުމާއި އޭގެ ފަހުން ބަނދަރުގެ ބައެއް ޒޯންތަކުން ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބޭކަމުގެ ޝަކުވާ ވެސް އޮޑިވެރިން އަންނަނީ ކުރަމުންނެވެ.

ތަފްސީލު - އުސޫލަށް ގެނައި ބަދަލާ އެކު އެންމެ ބޮޑު މައްސަލައަކަށް ވަނީ ނޯތު ހާބަރަށް ކައިރިކުރަން ކިޔޫ ނަންބަރު ޖެހެންދެން 10-15 ދުވަސް މަޑުކުރަން ޖެހުމެވެ. އެހެންވެ ގިނަ ބޯޓުފަހަރަށް މިހާރު މަހަކު ކުރެވެނީ އެންމެ ދަތުރެކެވެ.

"މީގެ ސަބަބުން އޮޑިވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ރަށްރަށަށް މުދާ ސަޕްލައި ކުރުމަށް ވެސް ވަނީ ބުރޫއަރާފަ އެވެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

"ހާއްސަކޮށް މާލެއާ ކައިރި އަތޮޅުތަކުގެ ބޯޓުފަހަރަށް މި އުސޫލުގެ ސަބަބުން ކުރާނެ ދަތުރުތައް މަދުވެ، މުވައްޒަފުންގެ މުސާރަ އާއި ތެލުގެ ހަރަދު ދެކޮޅުނުޖެހޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ."

މާލެ ނޯތު ހާބަރުގައި އޮތް ބޯޓަކަށް މީހަކު މުދާ އަރުވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އޭގެ އިތުރަށް ނޯތު ހާބަރުގެ ބައެއް ޒޯންތަކުން ކަރަންޓާއި ފެން ނުލިބޭ މައްސަލަ ވެސް އެ ސިޓީ ވެސް ފާހަގަކޮށްފައިވެ އެވެ.

މުދާ އުފުލުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދުމަށްޓަކައި ކިޔޫ ނަންބަރު ދޫކުރާ ގޮތް ބަދަލުކޮށްދީ، އުސޫލު އިސްލާހުކުރުމަށް އޮޑިވެރިން އަންނަނީ އެދެމުންނެވެ.

"މިއީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިސްވެރިން ހާޒިރުކޮށް، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވައިދެއްވުން އެދި ދެންނެވީމެވެ،" އެ ސިޓީގައި މެމްބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގަތެވެ.

ކޮމެންޓް (3)

profile-image-placeholder

މޫސަލް އަމީން

7 ޖުލައި 2026
ދައުރުން މައްސަލަ ފެންމަތިކޮށް، ސަމާލުކަމަށް ގެނައީމާ، ވަރަށް ރަނގަޅު. އުއްމީދުކުރަނީ، މި މައްސަލައިގައި ދެން ހިނގާ ކަންކަންވެސް ލިޔާނެ ކަމަށް. އިތުރު އެހެން ކަންކަން ވެސް މިގޮތަށް ލިޔާނެކަމަށް. އަހަރެމެން، ގިނަ މީހުން މިތިބީ ޚަބަރު ކިޔަކިޔާ ފޫހިވެފައި.

ސިކުނޑި

7 ޖުލައި 2026
ދަގަނޑު ކެނޑޭނީ ދަގަނޑުން! މިސަރުކާރަކީ، ހިތުހުރި ގޮތަކަށް ކަންކަންކުރާ ހުދުމުހުތާރު ސަރުކާރެއް! މުޅިގައުމުގެ ހިންގަނީ ދެ މީހެއްގެ ސިކުނޑިން! ހުއްޓުވަންވީ އެކަން! ރާއްޖެ މިއޮތީ ނާޒުކު ފައްތަރެއްގައި! ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން އެހެން ގޮތެއް ހޯދަންޖެހޭ! މިހާރުގެ ސަރުކާރަކަށް ހެދޭ ނެހެދޭއެއް އިނގޭކަމަކަށް ގަބޫލެއް ނުކުރެވޭ!! ވަޒީރުކަން ކުރާގޮތަށް ގައުމުގެ ވެރިކަމެއް ނުކުރެވޭނެ! އައްދު ބުނާކަހަލަ މީހަކު ވެރިޔަކަށްލީމަ ވާނެގޮތް މިވަނީ!!

މަޓީ

22 ގަޑިއިރު ކުރިން
@ސިކުނޑި ވަކި ތަނަކާ ޖެހުނީމާ ގާނޫނެއް ގަވައިދެއް އެއްވެސް އެއްޗެއް ނުހނގާ ޖޫރިމަނާއެއްވެސް. އެއީ ޤާނޫނު އަސާސީއަށްވުރެ މަތިން އޮންނަ އެއްޗެއް. އެއެއްޗެއް އެގޮަތަށް އޮތްހާ ހިނދަކު މިގައުމު ހިނގާނީ ތިޔަހެން. މިއިން ކޮން ޒަމާނަކު އެމީހުނަށް ގާނޫނުގެ ދިގު އަތް ފޯރީ. ރަށްރަށްވެސް އެކޮށްލަނީ ހިތައް އަރާއިރަށް 2 ބުރި. ފުލުހުންގޮސް ހައްޔަރު ކުރާނީ އެވާހަކަ ދެއްކި މީހާ. ކެންސަރު މުލުން ލުހެ ނުލަންޏާ އެފެތުރޭނެ އެންމެންނަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް