މާލެ ނޯތު ހާބަރު ސަރަހައްދުގައި އޮތް ބޯޓަކަށް މީހަކު މުދާ ބަރުކުރުމުގެ މަސައްކަތުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ނޯތު ހާބަރު

ބޭރު މަގު ފުޅާކޮށްފި، އެކަމަކު އޮޑިފަހަރަށް ދަތި އުނދަގޫ

މާލޭގެ ބޭރު މަގު ފުޅާކޮށް، މާލެ ނޯތު ހާބަރަށް ކައިރިކުރަން ބޯޓުފަހަރަށް ޖާގަ ދޭ އުސޫލަށް މިއަހަރު ގެނައި ބަދަލާ އެކު ބޯޓުފަހަރަށް ވީ ފަސޭހައެއް ނެތް. އެ ބަދަލާ އެކު ބޯޓުފަހަރަށް ކުރެވޭ ދަތުރުތައް ވަނީ މަދުވެފައި
1 ގަޑިއިރު ކުރިން
1

"މިތަނަށް ނައިސް ވެސް ވާކަށް ނެތް. އެހެން ނޫން ނަމަ ނާންނާނަން."

އެހެން ބުނި ހަސަން ޒަރީރަކީ ރ. އަތޮޅުގެ ފަސް ރަށަކަށް މުދާ އުފުލާ 'އަލްމާސް' ބޯޓުގެ އެސިސްޓެންޓު ކައްޕި އެވެ. އޭނާއަށް މާލެ އާދެވުނީ 10 ދުވަސް ވަންދެން ރަށުގައި ތާށިވެފައި ހުރުމަށްފަހު އެވެ. ކުރާނެ ކަމެއް ނެތިކީ ނޫނެވެ.

އެ 10 ދުވަހަކީ މާލެ ފަޅުން އެތެރެވާން އޮތް ބޯޓުފަހަރުގެ ދިގު ކިޔޫގައި ޖެހިގެން، ނަންބަރު ގާތް ވަންދެން މަޑުކުރަން ޖެހުނު މުއްދަތެވެ.

"އެކަމަކު ހަމަ މި ހުރިހާ އެންމެންގެ މުސާރަ އާއި ކޮއްތުގެ ހަރަދު ވެސް އެ ދުވަސްތަކުގައި ހިނގާނެތާ؟" ނޯތު ހާބަރުގެ އެއްގަމާ ވީ ތޮށީގައި އަޅާފައި އޮތް އެ ބޯޓުގައި ތިބި ފަޅުވެރިންނަށް އިޝާރާތް ކުރަމުން ޒަރީރު ބުންޏެވެ.

އަލްމާސް ބޯޓުގެ އެސިސްޓެންޓު ކައްޕި ޒަރީރު (ވ). (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެއަށް ވުރެ އުތުރަށް، ހދ. ވައިކަރަދޫއަށް މުދާ އުފުލާ ބޯޓަކަށް މާލެ ފަޅުން އެތެރެ ވެވުނީ ކިޔޫ ނަންބަރު ޖެހެންދެން އިތުރު ދެ ތަނެއްގައި މަޑުކުރުމަށްފަހު އެވެ.

"ގުޅީފަޅާއި ހުޅުމާލޭގައި ތިން ވަރަކަށް ދުވަސް މަޑުކޮށްގެން ތިބެފައި މި ތަނަށް މި ވަދެވުނީ،" ފަޅުވެރިޔާ ބުންޏެވެ.

ގދ. ފަރެސްމާތޮޑާގެ 'ފަތުހުއްސަލާމް' ބޯޓަށް ނޯތު ހާބަރަށް ވަދެވުނީ ހުޅުމާލޭގައި ދެ ހަފްތާ ވަންދެން މަޑުކޮށްގެން އޮތުމަށްފަހު އެވެ.

އެކަމަކު ފަޅުވެރިންގެ މުސާރަ އާއި ތެލާއި ކެއުމާއި އެހެނިހެން ހަރަދުތަކަށް މަހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ. އެއީ މިގޮތަށް ބަނދަރެއްގައި ބޯޓު އަޅާފައި އޮތަކަސް ލިބޭނެ ފައިސާއެއް ނޫނެވެ.

'ފަތުހުއްސަލާމް' ބޯޓުގެ ކައްޕި މުހައްމަދު ނަސީމް. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ފުވައްމުލަކަށް ނިސްބަތްވާ 'ފުރުސަތު' ބޯޓަކީ މީގެ ކުރިން އެ ރަށާއި މާލެއާ ދެމެދު މަހަކު ދެ ދަތުރުކުރި ބޯޓެކެވެ. މިހާރު އެ އުޅެނީ މަހަކު އެއް ދަތުރު ވެސް ނުކުރެވިގެންނެވެ.

"ރަށަށް ގޮސްފައި، މުދާ ބާލާފައި ކިތަންމެ އަވަހަށް އަވަހަށް އަހަރެމެން އަންނަން ބޭނުންވިޔަސް، ކިޔޫ ނަންބަރު ނުޖެހެނީސް އައިސް މިތަނަކަށް ނުވަދެވޭނެ،" ބޯޓުގެ ކައްޕި ބުންޏެވެ.

"އެހެންވީމަ އެ ނަންބަރު ޖެހެންދެން އަހަރެމެން ޖެހޭނީ ރަށުގައި ތިބެން. ހެޔޮ 10 ދުވަސް، 15 ދުވަސް ވިޔަސް."

'ދައުރު'ގެ ޓީމުން ނޯތު ހާބަރަށް ގޮސް، ފަހަރަކު ބޯޓަކަށް އަރައި، ކައްޕިންނާއި ފަޅުވެރިންނާ ވާހަކަދެއްކުމުން އެންމެންގެ ވެސް އޮތީ މައިގަނޑު އެއް ޝަކުވާ އެވެ. އެންމެންނަށް ވެސް ޖެހެނީ 'އިއްޒަތްތެރި ކީ ވޯލް'ގެ އުނދަގުލެވެ.

މާލެ ނޯތު ހާބަރުން ފުރައިގެންދާ ބޯޓެއް: އުސޫލަށް ގެނައި ބަދަލަކާ އެކު ބޯޓުފަހަރަށް މަހެއްގެ މައްޗަށް ކުރެވޭ ދަތުރުގެ އަދަދު ވަނީ މަދުވެފައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މުދަލަށް ވުރެ ގިނައީ އުފުލަން ޖެހޭ ބުރަ

މި މައްސަލަ ފެށެނީ ނޯތު ހާބަރުން ޖާގަ ދިނުން ހަރުދަނާ ކުރުމުގެ ނަމުގައި އެމްޕީއެލްއިން އެކަމާ ބެހޭ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެންނެވެ.

ކުރުކޮށް ބުނާ ނަމަ، ބަދަލު ގެނައީ ކީ ވޯލުން ޖާގަ ހޯދަން ނަން ނޯޓު ކުރާ ގޮތާއި ޖާގަ ގެއްލޭ ހާލަތްތަކާއި އަލުން ޖާގަ ހޯދާނެ ގޮތްތަކަށެވެ.

އެކަމަކު އަތޮޅުތަކާއި މާލެއާ ދެމެދު މުދާ އުފުލާ ބޯޓުފަހަރަށް އެ ބަދަލަކީ ބޮޑު ތުރާލެކެވެ.

މިހާރު އޮންނަ ގޮތުން މާލެ ފަޅުން ބޭރުވަމުން ކީ ވޯލަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށްފަހު ވަގުތުން ކިޔޫގައި ނޯޓު ކުރެވެ އެވެ. އެގޮތަށް ނޯޓު ނުކޮށްފި ނަމަ ކައިރި މުސްތަގްބަލެއްގައި ޖާގައެއް ނުލިބޭނެ އެވެ. އެހެންވެ، މާލެ ފަޅުން ބޭރުވާއިރު ވެސް ބޯޓުފަހަރު އޮންނާނީ ކިޔޫއެއްގައި ޖެހިފަ އެވެ.

"މިހާރު ވާާ ގޮތަކީ ކިތަންމެ ވަރަކަށް ދަތުރުކުރަން ބޭނުންވިޔަސް ނުކުރެވޭ. މިތަނުން ނުކުންނަމުން ޖެހޭނެ ކިޔޫގައި ނޯޓުކުރަން. ނޯޓު ކުރާއިރު ލައްވާލާނީ ކިޔޫގެ 80-100 ހިސާބުގައި،" ފުރުސަތު ބޯޓުގެ ކައްޕި ބުންޏެވެ.

ކިޔޫގައި ޖެހިގެން، މާލެއިން ފުރައިގެން ރަށަށް ގޮސް، މުދާ ބޭލުމަށްފަހު ކިތަންމެ އަވަހަށް އަންނަން ބޭނުންވިޔަސް އެ ނަންބަރު ނުޖެހެނީސް މާލެއަކަށް ނާދެވެ އެވެ.

މާލެ ނޯތު ހާބަރުގައި އަޅާފައިވާ ބޯޓުފަހަރު: މުދާ ލިބުން ދަތިވެފައިވާއިރު، ރަށަށް ބޭނުންވާ ސާމާނު ލިބެންދެން އެތައް ދުވަހެއް ވަންދެން ބޯޓުފަހަރަށް ނުފުރި މަޑުކޮށްގެން އޮންނަން ޖެހޭ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެކަމަށް ހޭދަވާ 10-15 ދުވަސް ވަންދެން ބޯޓުފަހަރަށް އެ ރަށެއްގައި މަޑުކޮށްގެން އޮތުން ނޫން ގޮތެއް ނޯވެ އެވެ. އެކަމަކު މިކަމުގެ ދަތި އުނދަގޫ ފޯރަނީ ހަމައެކަނި އޮޑިވެރިންނަކަށް ނޫނެވެ.

"ރަށަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުގެންދެވޭ. ފަސް، ހަ ބޯޓު މި އޮންނަނީ. މި ބުނާހެން ވީމަ، އެއްޗެހި ހުސްވިޔަސް މިކޮޅަކަށް [މާލެއަށް] ނާދެވޭނެ. މާލެ ނާދެވެންޏާ މުދާ ބަރެއް ނުކުރެވޭނެ،" ކައްޕި ބުންޏެވެ.

ބަނދަރުން ޖާގަ ދިނުމުގައި ހަމަހަމަ ނުވާކަން އަލްމާސް ބޯޓުން ވާހަކަދެއްކި ޒަރީރު ބުނެދިނީ ބޯޓުގެ ދެ އަރިމައްޗަށް އިޝާރާތް ކުރަމުންނެވެ. އެއްކޮޅުގައި ވެލިނަގާ މީހުންނަށް ހުސްކޮށްދީފައި އޮތް ތަނެކެވެ. އަނެއް ކޮޅުގައި މަސްވެރިންނަށް ދީފައި އޮތް ބައެކެވެ. އެއީ ހިލޭ، އަދި ދާއިމަށެވެ.

އެކަމަކު ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ ހިފައިގެން ދެކޮޅަށް ދުއްވާ ބޯޓުފަހަރަށް އެފަދަ އިނާޔަތެއް، ލުޔެއް ނެތުމަކީ، އޭނާ ދެކޭ ގޮތުގައި އިންސާފެއް ނޫނެވެ. މި ބޯޓުފަހަރުން އުފުލަން ޖެހެނީ ބުރަ އެވެ.

މާލެ ނޯތު ހާބަރު ސަރަހައްދުގައި މީހަކު ބޯޓަކަށް މުދާ ބަރުކުރަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

"މި ބޯޓު ލަސްވެގެން، ރަށްރަށުން ގޭސް ހުސްވެގެން ދަރުން ކައްކަން ޖެހޭ ފަހަރު އެބަ އާދޭ،" މި މައްސަލައިގެ ބޮޑުކަން ހާމަކޮށްދެމުން ޒަރީރު ބުންޏެވެ.

"ކިހިނެއް ސަޕްލައި ކުރާނީ؟ ރަށުގައި 10-12 ދުވަސް ކޮށްފައި މި ތަނަށް މި އާދެވެނީ. ރަށުން ފުރަނީ ކިޔޫގެ 10 ވަނައަށް ދިޔައިމަ. ކަނޑުމަތީގައި ތިއްބާ ގުޅާފައި ބުނެފާނެ 4 ގަޑިއިރު ތެރޭގައި ކައިރިކުރަން. ނުކުރެވިއްޖެއްޔާ އަނެއްކާ ކިޔޫގެ އެންމެ ފުލަށް ވެއްޓޭނީ."

އެފަދަ ކަމެއް ދިމާވެދާނެތީ އެ ބޯޓު ވެސް ރަށުން ފުރަން ޖެހެނީ ކައިރި ކުރެވޭނެ ދުވަހެއް ލަފާކޮށްގެންނެވެ. މާ އަވަހަށް އާދެވިއްޖެ ނަމަ ހުޅުމާލެ، ގުޅީފަޅު ނުވަތަ ތިލަފުށީގައި މަޑުކުރަން ޖެހެ އެވެ.

ރަށުން އަންނަނީ އެކި މީސްމީހުން މާލޭގައި ތިބޭ އާއިލާ މީހުންނާއި ރައްޓެހިންނަށް ފޮނުވާ ހަދިޔާ ފޮށިގަނޑުގަނޑު ވެސް ހިފައިގެންނެވެ. އެކަމަކު މާލެ ފަޅަށް ނުވަދެވި ތިއްބައި، ރަށުން ގެނައި ތަކެތި އުކާލަން ޖެހޭ މިންވަރަށް ހަލާކުވީ އެއް ފަހަރަކު ދެ ފަހަރަކު ނޫނެވެ.

ފިނިބުރު ޖަހަން މަގު ފުޅާކުރުމުގެ އުނދަގޫ ވެސް އޮޑިފަހަރަށް

މާރުކޭޓު ސަރަހައްދުން ބޮޑުތަކުރުފާނުމަގުގައި ތާރުއަޅަން ބަންދުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ. އެކަމަކު އެކަން ކުރީ ވެސް، ޒަރީރު ބުނި ގޮތުގައި ބޭއިންސާފުންނެވެ.

އޭނާ ބުނީ އޭރު އޮޑިވެރިންނާ ބައްދަލު ކުރުމަށްފަހު ބުނީ އެ މަޝްރޫއުގެ ސަަބަބުން އޮޑިފަހަރުން ކުރާ ދަތުރުތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި އެ މަސައްކަތް ކުރާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

މާލެ ނޯތު ހާބަރު ސަރަހައްދުގައި ބޯޓަކަށް މުދާ ބަރުކުރަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

"ކަނޑައެޅިގެން ހެދީ ދޮގު. މިތަނަށް ލައިރިކޮށްފައި ހުރި ހުރިހާ ބޯޓުފަހަރަށް އެންގީ މިއަދުން މިއަދަށް ފަޅުން ނަގަން. އަހަރެމެންނަކަށް ނެތް ޖާގައެއް. ކޮން ތަނަކަށް ގޮސް ވަންނާނީ؟،" ޒަރީރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި:

  • އަތޮޅުތަކުން ނޯތު ހާބަރަށް ވަންނަ 194 ބޯޓު އޮވޭ

  • އެހެން ތަނެއް ނުދައްކާ އެ ހުރިހާ ބޯޓުފަހަރު ބޭނުންކުރަން އޮތް ޖާގަ ގެއްލުވައިލީ މަގު ފުޅާކުރުމުގެ މަޝްރޫއަށް

  • ބޯޓުފަހަރު ބޭރު ކުރުމަށްފަހު މާރުކޭޓުގެ އެއް ފަޅިން، އެއް ނަންބަރުން ވަދެގެން އަން ގޮތަށް މާލެ އަތޮޅުގެ ފެރީތަކަށް 'ފްރީ ޒޯނެއް' ހަދައދިދިން

  • ނެރު ކައިރިން ވެސް ހަތަރު ޖާގަ ހުސްކުރުމަށްފަހު ދިނީ އެ ފެރީތަކަށް

ޒަރީރު ބުނި ގޮތުގައި ނޯތު ހާބަރުގެ އުސޫލުތައް ހަދާފައި ހުރީ ބަޔަކަށް ބޮޑު އާމްދަނީއެއް ހޯދުމުގެ މަގްސަދުގައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

"އެންމެ ފަހުން އަހަރެމެން ގޮސް، ގަދަ ބާރުން ހުޅުމާލެއިން ތަނެއް ހޯދީ. އެޗުޑީސީއަށް ގޮސް އެމީހުންނާ ބަހުސްކޮށްގެން،" ހުޅުމާލެ އެފްއެސްއެމް ޕެޓްރޯލް ޝެޑާއި ފެރީ ޓާމިނަލްއާ ދެމެދުގައި އޮންނަ ބަނދަރު ހޯދި ގޮތް ކިޔައިދެމުން ޒަރީރު ބުންޏެވެ.

"ޖެހިގެން އައި ދުވަހު އެމްޕީއެލްއިން ހުރިހާ ބޯޓުފަހަރަކަށް ގުޅާފައި ބުނެފި، އެތަނަށް ވެސް ކައިރި ކުރެވޭނީ އެއްކަލަ ކިޔޫ ތަރުތީބުންނޭ. އެމްޕީއެލްއާ އެތަނަކާ ކޮން ގުޅުމެއް އޮތީ. އެމީހުން ހޯދި ތަނެއް ވެސް ނޫން އެއީ. އަހަރެމެން ގޮސްގެން ހޯދީ."

"އަނެއްކާ އިތުރު އުނދަގުލެއްނު އެ ޖެއްސީ. އެ ތަނަށް ކައިރި ކުރެވޭނީ ބަރާބަރު 10 ބޯޓަށް."

ޒަރީރުގެ އިތުރުން ނޯތު ހާބަރުން ބައްދަލުވި އެހެން އޮޑިވެރިންގެ ވެސް ސުވާލަކަށްވީ، އަތޮޅުތަކަށް މުދާ އުފުލުމުގެ ކަންކަން އޮންނަން ޖެހެނީ ހަމަ މިހާ ތަކުލީފު ބޮޑު ގޮތަކަށްތޯ އެވެ. ސަރުކާރުން އެމީހުންނަށް ހޯދައިދިން ލުޔެއް، ނުވަތަ ދިން ދުލެއް ވެސް ނެތެވެ.

ނޯތު ހާބަރުގެ އެކި ސަރަހައްދުތައް، އެކި ޒޯނުތަކަށް ބަހާލާފައި އޮންނައިރު، އެ ބޯޓަކުން ބޭނުން ޒޯނެއްގެ ކިޔޫގައި ޖެހެވިދާނެ އެވެ.

މާލެ ނޯތު ހާބަރު ސަރަހައްދު: ތިރީގައި ޒޯން ސީ އަދި ދުރުން ފެންނަނީ އެކްސްޕްރެސް ޒޯން. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

"އެކި ތަންތަނުން އެކި އަގު މި ނަގަނީ. މިއީ ބޮޑު ވިޔަފާރިއަކަށް ހަދާފައި އޮތް ތަނެއް. އާންމު ފަރުދަކަށް، އަތޮޅުތަކަށް މުދާ ގެންދާ މީހުންނަށް ފަސޭހައެއް ކޮށްދޭން އޮތް ތަނެއް ނޫން މިއީ،" ޒަރީރު ބުންޏެވެ.

ނޯތު ހާބަރުގެ ޒޯނުތަކުން އަގު ނަގަނީ، އޮޑީގެ ބޮޑުމިނަށް ބަލައި، މަޑުކުރާ ކޮންމެ ގަޑިއިރަކަށް، ފޫޓަކަށް ވަކި ވަރެކެވެ. އެއީ ޒޯން އޭއިން (ބޮޑުތަކުރުފާނުމަގަށް ވާ ގޮތަށް އޮންނަ ތޮށިން) ފޫޓަކަށް ގަޑިއިރަކަށް 75 ލާރި، ޒޯން ބީއިން (ނޯތު ހާބަރުގެ އެކްސްޕްރެސް ޒޯނުން) ފޫޓަކަށް ގަޑިއިރަކަށް 5 ރުފިޔާ އަދި ޒޯން ސީއިން (ބޭރު ތޮށިން) ފޫޓަކަށް ގަޑިއިރަކަށް 1 ރުފިޔާގެ މަގުންނެވެ.

އަލްމާސް ބޯޓުގެ ބޮޑުމިނަށް ބަލާ ނަމަ ޒޯން އޭއަށް ދުވާލަކަށް 1،080ރ. ދައްކަން ޖެހެ އެވެ. އެއީ ފެނާއި ކަރަންޓާ ނުލަ އެވެ. ރޯދަމަހަށް އެ ސަރަހައްދު ހުޅުވައިގެން ހަތަރު މަސް ވެގެންދިޔައިރު ޒޯން އޭގައި ފެނާއި ކަރަންޓުގެ ހިދުމަތް ނުވެސް ލިބެނީ އެވެ.

އެކްސްޕްރެސް ޒޯނަކީ އަދި މާ ތަފާތު ތަނެކެވެ. އެތަނަށް ކައިރިކުރާ ނަމަ، ބޯޓުފަހަރުން ބޮޑު އަގެއް ދައްކަން ޖެހޭއިރު، އެކްސްޕްރެސް ނޫން ޒޯން (ޒޯން އޭ)އާ މިތަނާ ހުރި ހަމައެކަނި ތަފާތަކީ މިތަނުން ފައިސާ ދީގެން ފެނާއި ކަރަންޓުގެ ހިދުމަތް ލިބެން ހުރުމެވެ. އެކަމަކު މިސާލަކަށް އަލްމާސް ބޯޓު އެކްސްޕްރެސް ޒޯނާ ކައިރިކޮށްފި ނަމަ، 1080ރ.ގެ ބަދަލުގައި ދުވާލަކަށް ގާތްގަނޑަކަށް 7،200ރ. ދައްކަން ޖެހޭނެ އެވެ.

ހައްލަކީ ކޮބާ؟

މިހާރު އަމަލުކުރާ އުސޫލާ މެދު ގިނަ މީހުންގެ ޝަކުވާ އާއި ކަންބޮޑުވުން ހުރި ނަމަވެސް، އެ ނިޒާމާ މެދު ހިތްހަމަޖެހޭ މީހުން ވެސް އެބަތިއްބެވެ.

ފުވައްމުލަކުގެ އެހެން ބޯޓަކުން ވާހަކަދެއްކި މީހަކު ބުނީ މިހާރު އަމަލުކުރާ ގޮތުން ބަނދަރަށް ވަދެ ނުކުންނަން ވަރަށް ފަސޭހަ އެވެ. އެއީ އެއް ބޯޓުގެ ބޭރަށް އިތުރު ބޯޓުފަހަރު ނުހުންނާތީ އެވެ. ކުރިން ހުންނަނީ މިގޮތަށް، އެކަތި އަނެކައްޗާ ޖެހިގެން، ތިން ވަރަކަށް ބަރިއަށް ބޯޓުފަހަރު އަޅާފަ އެވެ. އެކަމަކު މިހާރު ޖާގަ ދެނީ ސީދާ ތޮއްޓަށް ވާ ގޮތަށް، އެންމެ ބޯޓަކަށެވެ.

"އަހަރެމެންނަށް ރަނގަޅީ މިގޮތް. އެމީހުން ބުނާ ދުވަހެއް (ކިޔޫ ނަންބަރު ލިބޭ ދުވަހެއް) ބަލާފައި ސީދާ އެ ދުވަހަކަށް އައިމަ ނިމުނީ،" އޭނާ ބުންޏެވެ.

ނަމަވެސް، އޭނާ ބުނި ގޮތުގައި މިހާރު އުސޫލު އޮތް ގޮތުން އުނދަގޫ ވާނީ މާލެއާ ކައިރި އަތޮޅުތަކުގެ ބޯޓުފަހަރަށެވެ. ސަބަބަކީ މާލެއާ ކައިރި އަތޮޅުތަކުގެ ބޯޓުފަހަރު ބޭނުންވާނީ އެ ދުވަހަކު އައިސް އެ ދުވަހަކު މުދާ ހުސްކުރުމަށްފަހު ބަރުކޮށްގެން އަނބުރާ ފުރާށެވެ. އެކަމަކު މިހާރު ކިޔޫ ނަންބަރު ދޫކުރާ ގޮތުން ކުރިއާ ގާތްކުރާ އަދަދަށް ވެސް މިތާ ކައިރި އަތޮޅުތަކުގެ ބޯޓުފަހަރަށް ދަތުރެއް ނުކުރެވޭނެ އެވެ.

ދަތުރަކަށް ހޭދަވާ މުއްދަތަށް ބަލާފައި އޭނާ ބުނީ އައްޑުއިން ފެށިގެން ލ. އަތޮޅާ ހަމައަށް މި ގޮތް ރަނގަޅުވާނެ ކަމަށެވެ. އެ ބޯޓުން ކުރާ ދަތުރަކަށް ހޭދަވަނީ ޖުމްލަ 15 ދުވަހެވެ. އެއީ މާލެއިން ފުރައިގެން ފުވައްމުލަކަށް ދާން ދެ ދުވަހާއި އެކޮޅުގައި މަޑުކުރަން ފަސް ވަރަކަށް ދުވަހެވެ. ދެން އެެއަށްފަހު އަނެއްކާ ވެސް މާލެ ފުރަން ތައްޔާރުވާންވީ އެވެ.

ނަމަވެސް ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބުމަކީ ބޮޑު ދައްޗެއް ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ.

މި އުސޫލާ ދެކޮޅު މީހުން އެދޭ ހައްލަކީ ކިޔޫ ނަންބަރު ދޫކުރާ ގޮތް ބަދަލުކުރުމެވެ. ބައެއް މީހުންނަށް ރަނގަޅީ ކުރިން އޮތް ގޮތެވެ. ބޯޓުފަހަރު ދެ ބަރި ނުވަތަ ތިން ބަރިއަށް ޖަހަން ޖެހުނަސް އެމީހުންނަށް މައްސަލައެއް ނޫނެވެ. މިކަމުގައި މުހިންމީ އަތޮޅުތެރެއަށް ތާށިކަމެއް ނެތި، ބަރާބަރަށް މުދާ ސަޕްލައި ކޮށްދިނުމެވެ. އަދި ބޯޓުގެ ހަރަދުތައް ވެސް މަހުން މަހަށް ހަމަޖައްސައިގެން މިކަން ކުރުމެވެ.

މާލެ ނޯތު ހާބަރު މަތިން، 2022 ވަނަ އަހަރު ފެންނަ ގޮތް. (ފޮޓޯ/އެމްޕީއެލް)

މާލެ އަތޮޅާ ކައިރި ރަށްރަށުގެ ބޯޓުފަހަރުން ވާހަކަދެއްކި މީހުންނަށް ފެންނަ ހައްލަކީ، މާލެއިން ފުރާ ގަޑީގައި ކިޔޫ ނަންބަރު ދޫކުރުމުގެ ބަދަލުގައި މާލެއަށް ކައިރިކުރާ ގަޑީގައި ނަންބަރު ދޫކުރުމެވެ. އެއީ މާލެއާ ކައިރިވުމުން ރަށަށް ކުރާ ދަތުރަށް ހޭދަވާ ވަގުތު ކުޑަވީމަ އެވެ.

މިހާރު މިއީ ދެކޮޅު ޖެހޭ ކަމެއް ނޫން

ފަތުހުއްސަލާމް ބޯޓުގެ ކައްޕި މުހައްމަދު ނަސީމް ކިޔައިދިނީ މިކަމާ ގުޅޭ މާލީ ބައެއް ވާހަކަތެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކަ އެވެ.

"28ރ.އަށް ތެޔޮ ލީޓަރެއް މި ލިބެނީ. ކުރިން ތެޔޮ އެޅޭ 44،000ރ.އަށް. މިހާރު 94،000ރ.،" އޭނާ ބުންޏެވެ.

'ފަތުހުއްސަލާމް' ބޯޓުގެ ކައްޕި މުހައްމަދު ނަސީމް: އޭނާ ބުނި ގޮތުގައި މަހަކު އެއް ދަތުރުކޮށްގެން ހަރަދުތައް ދެކޮޅު ނުޖެއްސޭނެ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ތެޔޮ އަޅަން ލައްކައެއްހާ ރުފިޔާ ހަރަދުވާއިރު، މުވައްޒަފުންގެ މުސާރަ އާއި ކެއުމަށް އެކަނި ވެސް މަހަކު 90،000ރ.އާ ގާތްކުރާ އަދަދަކަށް ހަރަދުވެ އެވެ. އެހެންކަމުން ޖުމްލަކޮށް ދެ ލައްކައެއްހާ ރުފިޔާ މަހަކަށް ހަރަދުވާނެ އެވެ.

ނަމަވެސް، ނަސީމް ބުނި ގޮތުގައި ދަތުރަކުން ލިބުނަސް ލިބޭނީ ދޮޅު ލައްކައެއްހާ ރުފިޔާ އެވެ. އެކަމަކު އެއީ އެއްފަހަރާ ލިބޭ ފައިސާއެއް ނޫނެވެ. އޭގެން ބައެއް ޖެހިގެން އަންނަ މަހު ވެސް ލިބިދާނެ އެވެ.

މަހަކު އެންމެ ދަތުރެއް ކޮށްގެން ދެކޮޅު ނުޖެހެނީ މިފަދަ ސަބަބުތަކާ ހެދި އެވެ.

މި ތަކެތީގެ ލާރި ލިބޭނީ، ބަލާ ގާތްގަނޑަކަށް ދެތިން މަސް ފަހުން ކަމަށް. ރައްޔިތުންނަށް ވުރެ ސަރުކާރު މާ ދަތި.

އަބްދުﷲ އަހްމަދު / ކަނޑު ރޯދި ބޯޓުގެ ކައްޕި

މިތާ ކައިރި، އދ. މާމިގިލި، ފެންފުށި އަދި ދިގުރަށަށް މުދާ އުފުލާ 'ކަނޑު ރޯދި' ބޯޓުގެ ކައްޕި އަބްދުﷲ އަހްމަދު ބުނި ގޮތުގައި އެ ބޯޓުގެ ހަރަދުތަކަށް މަހަކު ގާތްގަނޑަކަށް 80،000ރ. ހޭދަވެ އެވެ.

އޭރު ވެސް އެ ބޯޓު މާލެ އައިސް އޮންނަތާ ހަފްތާއެއް ވަނީ ވެފަ އެވެ. އެކަމަކު ރަށަށް ނުފުރިފައި އޮތީ މުދާ ނުލިބިގެންނެވެ.

"ދަތުރަކުން ލިބޭނީ 55،000ރ.-60،000ރ. ގާތްގަނޑަކަށް. އެހެންވީމަ މަހަކު ދެ ދަތުރު ނުކުރެވިއްޖެއްޔާ ގެއްލުން،" އޭނާ ބުންޏެވެ.

"ކުރިން މަހަކު ތިން ދަތުރު ކުރެވޭ. މިހާރު އެކެއް ނުވަތަ ދެ ދަތުރު. ކިރިޔާ މުސާރަ ދެވެނީ މިހާރު."

'ކަނޑު ރޯދި' ބޯޓުގެ ކައްޕި އަބްދުﷲ އަހްމަދު. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް )

ނަސީމް ބުނި ގޮތަށް އަހްމަދު ވެސް ބުނީ ކުރާ ދަތުރުތަކުން ލިބެންޖެހޭ ފައިސާ ވަގުތަށް ނުލިބޭ ވާހަކަ އެވެ. އަދި އިޝާރާތްކުރީ އެ އަތޮޅުގެ ސަރުކާރު ސްކޫލްތަކަށް ބޭނުންވެގެން ގެންދަން ބަރުކޮށްފައިހުރި އޭސީތަކެކެވެ.

"މި ތަކެތީގެ ލާރި ލިބޭނީ، ބަލާ ގާތްގަނޑަކަށް ދެތިން މަސް ފަހުން ކަމަށް. ރައްޔިތުންނަށް ވުރެ ސަރުކާރު މާ ދަތި."

މާލޭގެ ނޯތު ހާބަރު ސަރަހައްދަކީ ކުރިން ހަލަބޮލި ތަނެކެވެ. މުދާ ބަރުކޮށްގެން ކޮޅުކޮޅަށް ދުއްވާ އުޅަނދުފަހަރާއި ފޮށިގަނޑުތައް ކޮނޑު ޖަހާލައިގެން ބޯޓުފަހަރަށް މުދާ އަރުވާ މީހުން ނުފެންނަ ގަޑިއެއް މަދުވާނެ އެވެ. އެކަމަކު މިހާރު އެ ސަރަހައްދު އޮތީ މަރުވެފަ އެވެ.

މާލެ ނޯތު ހާބަރު ސަރަހައްދު. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ތެދެކެވެ. މަގު ކިތަންމެހާ ވެސް ފުޅަކެވެ. އެކަމަކު އެ ފުޅާމިނުގެ އަގު ދައްކަން ޖެހެނީ، ރަށްރަށުގެ މީހުން ހެއްޔެވެ؟ އެމީހުން އެ ތިބީ ހުރިހާ ކަމެއް ހަމަޖައްސަން މާލެއަށް ބަރޯސާވާން ޖެހޭ ގޮތަށް ފަރުމާކޮށްފައި އޮތް ނިޒާމަކުން ބަނދެވިފަ އެވެ.

ޒަރީރު ގާތަށް ރުޅި އަންނަނީ އެހެންވެ އެވެ. އަންނަން މަޖުބޫރު ކުރުމަށްފަހު އަދި އޭގެ މައްޗަށް އިތުރު އުނދަގޫ ޖައްސާތީ އެވެ.

"މިތަނަށް ނައިސް ވެސް ވާކަށް ނެތް. އެހެން ނޫން ނަމަ ނާންނާނަން،" އޭނާ ބުންޏެވެ.

ކޮމެންޓް (1)

profile-image-placeholder

ތެފައާސާ.

39 މިނިޓު ކުރިން
ރައީސަކީ މި ދާއިރާގެ ޕީއެޗްޑީ ތަޖުރިބާ ކާރެއް. ސިވިލް އިންޖިނިއަރެއް. އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން މި މައްސަލަވެސް ހައްލުކޮށްދެއްވާނެ. މި ދައުރުގައި އޮތީ ބަނދަރު ހަނިކޮށްފައި މަގު ފުޅާކުރުން. ދެން އަންނަ ދައުރެއްގައި، އެތައް ގުނައެއް ބޮޑު އަގުގައި، އަލުން މަގު ހަނިކޮށްފައި ބަނދަރު ފުޅާކުރުމުގެ ވައުދުފުޅު ފުއްދަވައި ދެއްވާނެ. އެމަނިކުފާނުގެ ވަޒީރުކަމުގެ ދައުރުގައި އެތަކެއް ހާސް ބަޔަކު ދިިރިއުޅެން ބިނާކޮށްދެއްވި ހިޔާ ފްލެޓްތަކުގައި ކުދި އަލިފާންފޮށި ވަރުގެ ދެ ތިން ލިފްޓު ހަރުކުރެއްވުމަށްފަހު، މި ދައުރުގައި އެތަކެއް ގުނައެއް ބޮޑު އަގުގައި އަލުން އިތުރު ލިފްޓު ހަރުކޮށްދެއްވައި އެއޮއް ނިމެނީ. އެހެންވީމާ ރައްޔިތުންނަށް އޮތީ ކެެއްތެރިވެގެން ތިބުން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް