އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ (ފޮޓޯ/ އެމްޑީޕީ)
ޝާހިދު ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދަވަން ފައްޓަވައިފި
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ވާދަ ކުރުމަށްޓަކައި ތާއީދު ހޯދުމުގެ މަސައްކަތް ފައްޓަވައިފި އެވެ.
ވީ ކިހިނެއް؟ - 2028ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް:
-
އެ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ވަރަށް ކުރީއްސުރެ އޮތް ބޭފުޅުންގެ ތެރޭގައި ޝާހިދު ވެސް ހިމެނިވަޑައިގަންނަވާކަން އެ ޕާޓީގެ މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން އަދި މިހާރު ޕްރައިމަރީގެ ކެމްޕެއިނަށް ތައްޔާރުވަމުން ގެންދަވާކަން ވެސް ގާތް ބޭފުޅުން ވިދާޅުވި
ތަފްސީލު - އދ.ގެ 76 ވަނަ އާންމު މަޖިލީހާއި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު، އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އޮތް ނަމަވެސް ފާޅުގައި ތާއީދު ހޯއްދެވުމުގެ މަސައްކަތް އޭނާ މިހާތަނަށް ކުރައްވާފައެއްނުވެ އެވެ. އަދި ވާދަ ކުރައްވާނެކަން ވެސް ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ.
ނަމަވެސް މިދިޔަ ދެތިން ހަފްތާއިން ފެށިގެން ޝާހިދު ގެންދަވަނީ އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވައި ޕްރައިމަރީ ކާމިޔާބު ކުރުމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ބައެއް ބޭފުޅުންނާ ވަކިން ނުވަތަ ގިނަ ބަޔަކު އެކީގައި ވެސް ބައްދަލުވުންތައް ގެންދަވަނީ ބާއްވަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އިންތިހާބީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް އަދި އެކި ޒުވާން ގްރޫޕުތައް ހިމެނެ އެވެ.
އެމްޑީޕީގެ މެދު ހެންވޭރު ބައެއް މެމްބަރުންނާއި އެކު ރޭ ބައްދަލުކޮށް، މަޝްވަރާކޮށްލިން. އެބޭފުޅުންގެ ޚިޔާލުތަކާއި، ހުރި ކަންބޮޑުވުންތައް ޙިއްސާކުރެއްވި. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކުގެ ހައްލަކީ @MDPSecretariat . މާލޭގެ މައްސަލަތަކަށް ހައްލުތަކެއް… pic.twitter.com/dWdup1jQQ8
— Abdulla Shahid (@abdulla_shahid) July 14, 2026
ސޯޝަލް މީޑިއާގައި ވެސް ޝާހިދުގެ ގާތް ބޭފުޅުން ގެންދަވަނީ އޭނާއަށް ކެމްޕެއިން ކުރައްވަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް ޕޯސްޓުތައް ޝާހިދު އެކްސްގައި ރީޕޯސްޓު ވެސް ކުރައްވާފައިވެ އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ނޫސްވެރިން ޕްރައިމަރީގައި ވާދަ ކުރައްވާނެތޯ ޝާހިދުއާ ސުވާލު ކުރުމުން އޭނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ. އަބަދު ވެސް ވިދާޅުވަމުން ގެންދެވީ، ފޯކަސް ހުރީ ސަރުކާރު ޒިންމާދާރު ކުރުމަށް ނުވަތަ އޭރު ކުރިއަށް އޮތް ކައުންސިލް އިންތިހާބު ޕާޓީއަށް ކާމިޔާބު ކުރުމަށް ކަމަށެވެ.
ޑްރިފްޓް އެސޯސިއޭޝަންގެ ޑްްރައިވަރުންގެ ހުނަރުވެރި ޙަރަކާތްތައް ރޭ ބަލާލިން. ޝައުޤުވެރި މިކުޅިވަރު ރާއްޖޭގައި އާލާކުރުމަށް ކުރައްވާ މަސައްކަތަށް ޑްރިފްޓް އެސޯސިއޭޝަންގެ ވެރިންނާއި މެމްބަރުންނަށް ޝުކުރު ދަންނަވަން. ރާއްޖޭގައި ޒަަމާނީ އެކިއެކިި ކުޅިވަރުތައް ކުރިިއަރަމުންދާ… pic.twitter.com/0s23yRUQGl
— Abdulla Shahid (@abdulla_shahid) July 10, 2026
ޕްރައިމަރީގައި ވާދަ ކުރުމާ ގުޅޭ ގޮތުން ޝާހިދުގެ ބަހެއް ހޯދުމަށް 'ދައުރު'ން މިއަދު މަސައްކަތް ކުރި ނަމަވެސް އަދި އޭނާގެ ރަސްމީ ބަހެއް ނުލިބެ އެވެ.
ނަމަވެސް ޝާހިދުގެ ބައެއް ގާތް ބޭފުޅުން ވަނީ އޭނާގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނުރަސްމީ ސިފައެއްގައި ފައްޓަވާފައިވާކަން 'ދައުރު'އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
"ރަސްމީކޮށް ކެމްޕެއިން ނުފެށި ނަމަވެސް، ތާއީދު ހޯދުމުގެ މަސައްކަތް މިހާރު އެ ގެންދަނީ. ދެން އެންމެންނަށް ވެސް އެނގޭތާ ޝާހިދު [ޕްރައިމަރީގައި] ވާދަ ކުރައްވާނެކަން،" ޝާހިދުގެ އަރިސް ބޭފުޅަކު މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.
"ކުރިން ވެސް އޮތީ ކައުންސިލް އިންތިހާބަށް ފަހު، މި ކެމްޕެއިންގެ މަސައްކަތް ފަށާ ގޮތަށް."
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކުރެއްވީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. ނަމަވެސް ފައްޔާޒު އަދި ރަސްމީކޮށް ކެމްޕެއިން ކުރައްވާކަށް ނުފައްޓަވަ އެވެ.
ޝާހިދާއި ފައްޔާޒުގެ އިތުރުން އަދިވެސް އެހެން ބައެއް ބޭފުޅުން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އެބަ އޮތެވެ. ނަމަވެސް އެ ބޭފުޅުން އަދި އެކަން ފާޅުގައި ހާމައެއްނުކުރައްވަ އެވެ.
ކޮމެންޓް